ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގެ 100 ދުވަހުގެތެރެގައި ރައްޔިތުންނަށް ދޭ ހިދުމަތް ނުދެވި ސަރުކާރަށް ކުރިމަތިރިކުރުވި ގޮންޖެހުމުގެ ޒިންމާ ނަންގަވަން ޖެހޭނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އެމްޑީޕީގެ ރައީސްކަމުން ވަކިކޮށްފައިވާ ޑރ. އިބްރާހިމް ދީދީ (ޑީޑީ) ވިދާޅުވެއްޖެ އެވެ.

ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމުގައި ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ޑީޑީ ވިދާޅުވީ މާޗް އެއްވަނަ ދުވަހު މަޖިލިސް ހުޅުވަން ކުރެވުނު މަސައްކަތުގައި ރައީސް ނަޝީދުގެ ލަފާގެ މަތިން މަޖިލިހަށް ހުރަސް އެޅުމާއި ދެވަނަ ފަހަރަށް މަޖިލިސް ހުލުވަން ކުރި މަސައްކަތަށް ހުރަސްއެޅުމުގެ އިތުރުން ފެބުރުއަރީ އަށް ވަނަ ދުވަހުން ފެށިގެން ނަޝީދު އިސްކޮށް ހުންނަވައިގެން ކުރެއްވި ދިގު ދެމިގެން ދިޔަ މުޒާހަރާތަކާއި ސަރުކާރަށް ދުއްތުރާ ކޮށް ޖެއްސުން ކުރައްވަމުން ގެންދިއުމުގެ ސަބަބުން ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދިމާވި ދަތިތަކުގެ ފުރިހަމަ ޒިންމާ ނަޝީދު ނަންގަވަން ޖެހޭނެ ކަމަށެވެ.

"ހަތެއް ފެބުރުއަރީގެ ފަހުން މެދުކެނޑުމެއް ނެތި ދިގު ދެމިގެންދާ ގޮތުގައި އެތަން މިތަނުގައި މުޒާހަރާ ކޮށް ސަރުކާރަށް ޖެއްސުންކޮށް ދުއްތުރާކޮށް އަދި ސަރުކާރުން ފޯރުކޮށްދެން ޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއުތަކަށް ވެސް ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތި ކުރުވާ މިހުރިހާ ކަންތައްތަކެއް ކުރިއަށް ގެންދިއުމުން އޭގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހޭނީ ރައީސް ނަޝީދު،" ޑީޑީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވޭތުވެ ދިޔަ 100 ދުވަހުގެ ތެރޭގައި ރައީސް ނަޝީދު އިސްކޮށް ހުންވައިގެން ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުއި ކުރެއްވި މަސައްކަތްޕުޅާއި ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ހުޅުޖަހާ ރޯކޮށް ބޮޑެތި ޖަރީމާތަކެއް ހިންގާ މަގުމަތީގައި އެކިއެކި ހަރަކާތްތައް ހިންގި ދަނޑިވަޅެއްގައި ވެސް އަސާސީ ހިދުމަތްތައް މެދުކެނޑުމެއް ނެތި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން މަސައްކަތްކުރެއްވުމަކީ ސަރުކާރަށް މި ފާއިތުވި 100 ދުވަހު ލިބުނު އެންމެ ބޮޑު ކާމިޔާބީ އެއް ކަމަށެވެ.

ޑީޑީ ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުން ފައްޓަވާފައިވާ އެކި މަޝްރޫއުތައް ކުރިއަށް ގެންދިއުމު ގައި މިސަރުކާރުން އެއްވެސް ހުރަސްތަކެއް ކުރިމަތި ނުކޮށް އެކަންކަން ވަރަށް ބާރަށް ސަރުކާރުން ކުރިއަށް ގެންދާ ކަމަށެވެ. އަދި މަސްވެރިންނަށް ދޭ ސަބުސިޑީ ދިނުމަށް ރައީސް ނަޝީދުގެ ކެބިނެޓްގައި އެވާހަކަ ދެއްކެވުމުން ނަޝީދު އެކަމާ އަޅާ ނުލެއްވި ކަމަށާއި ނަމަވެސް މަސްވެރިންނަށް ސަބްސިޑީ ދިނުމަށް މިސަރުކާރުން ނިންމެވިކަމީ ކުރީގެ ސަރުކާރުން ނިންމާފައިވާ ކަންކަން ތަންފީޒުކުރާކަމުގެ ހެއްކެއް ކަމަށެވެ.

"ބަޖެޓްގައި ކަނޑައެޅިފައިވާ މަސްވެރިންގެ ސަބްސިޑީ ދިނުމަށް ކެބިނެޓްގައި އަޅުގަނޑު މަޝްވަރާކުރިން. ރައީސް ނަޝީދަށް ވެސް އެވާހަކަ ދެންނެވިން އެހެންނަމަވެސް ނަޝީދު އެއްބަސްވެ ވަޑައި ނުގެންނެވި އެކަން އެގޮތަށް ކުރިއަށް ގެންދަވަން. އެހެންވީމަ އަޅުގަނޑަށް ފާހަގަކުރެވޭ ގޮތުގައި ރައްޔިތުންނަށް ދިނުމަށް ބަޖެޓްގައި ޖަހައިގެން ކަނޑައެޅިފައި ހުރި ކަންތައްތައް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދަން [މިސަރުކާރުން] މަސައްކަތްކުރައްވާ،" އެމްޑީޕީގެ ކުރީގެ ރައީސް ވިދާޅުވި އެވެ.

ނަޝީދު އަލުން ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެތް ގައި ވާދަކުރައްވާތީ އެކަމާވެސް ޑީޑީ ވަނީ ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ނަޝީދުގެ ފަރާތުން ފެންނަ މަންޒަރު ތަކަށް ބަލާއިރު ދިވެހި ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ނަޝީދުގެ ސިޔާސަތާއި މެދު ހިންހަމަ ނުޖެހުން އޮތްކަމުގެ ސުވާލު އުފައްދާ ކަމަށާއި ރިޔާސީ އިންތިހާބު ކާކާމިޔާބުކުރުމަށް ފުރަތަމަ ބުރުން ބޭނުންވާ 51 ޕަސެންޓް ނަޝީދަށް ލިބިވަޑައި ނުގަންނަވާނެ ކަމަށެވެ.

"އޭގެ މާނައަކި ދެވަނަ ބުރަށް ދާންޖެހޭނެ ދެވަނަ ބުރަކަށް ދާއިރުގައި މިރާއްޖޭގެ ބޮޑެތި ސިޔާސީ ޕާޓީ ތަކުގެ ތެރެއިން އެއްވެސް ސިޔާސީ ޕާޓީގެ ލީޑަރަކު ރައީސް ނަޝީދަކަށް އިތުބާރެއް ނުކުރައްވާނެ. އެހެންވީމައި މިއަދުގެ ހަގީގަތަކީ ނަޝީދު ވެރިކަމަށް އައުމުގެ ފުރުސަތު މިއަދު ވަރަށް ބޮޑަށް ހަނިވެއްޖެ،" ޑީޑީ ވިދާޅުވި އެވެ.

ޑީޑީ ވިދާޅުވީ ވެރިކަމަށް އައުމުގެ ފުރުސަތު ދެން ރާއްޖޭގައި ރައީސް ނަޝީދަށް ނެތްކަމަށާއި ވަރަށް ގިނަ މީހުން އެމަނިކުފާނަށް ޝައްކުގެ ނަޒަރަކުން މިހާރު ބަލަމުންދާ ކަމަށެވެ.