ފަރަންސޭސިވިލާތުގެ ވެރިއަށް ޕެރިހުގައި މިހާރު ކުރިއަށްދާ ޕެރިސް މާސްޓާސް ޓެނިސް މުބާރާތުގެ ސެމީ ފައިނަލުން ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ ފިރިހެން ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޯވަކް ޖޯކޮވިޗް ޖާގަހޯދައިފިއެވެ.

މި މުބާރާތުގެ ސެމީ ފައިނަލުން ޖޯކޮވިޗް ޖާގަ ހޯދީ ކްއާޓާ ފައިނަލްގައި ޑެންމާކްގެ ހޮލްގާ ރޫންއާ ބައްދަލުކުރި މެޗް ކާމިޔާބު ކޮށްގެންނެވެ. މިދިޔަ އަހަރުގެ ފައިނަލްގައި ވެސް ވާދަކުރި މި ދެ ކުޅުންތެރިންގެ ކުރިމަތިލުން ޖޯކޮވިޗް ކާމިޔާބުކުރީ ދެ ސެޓް އެއް ސެޓުންނެވެ.

މި މެޗްގެ ފުރަތަމަ ސެޓް ހަތެއް ފަހަކުން ޖޯކޮވިޗް ކާމިޔާބު ކުރި ނަމަވެސް ދެވަނަ ސެޓް ޓައި ބްރޭކަކަށް ގޮސް ތިނެއް ހަތަކުން ކާމިޔާބުކުރީ ރޫންއެވެ. މި ސެޓްގައި ޖޯކޮވިޗްއަށް ވަނީ މެޗް ޕޮއިންޓެއް އަތުން ބީވެގެން ގޮސްފައެވެ. މި ސެޓް ގެއްލުނު ނަމަވެސް ފަހު ސެޓް ޖޯކޮވިޗް ކާމިޔާބު ކުރީ ހައެއް ހަތަރަކުންނެވެ.

މި ދެ ކުޅުންތެރިން ވާދަކުރި މިދިޔަ އަހަރުގެ ފައިނަލް ކާމިޔާބު ކޮށްފައި ވަނީ ރޫންއެވެ. ނަމަވެސް މި ފަހަރު ޖޯކޮވިޗް ވަނީ ރޫންގެ މައްޗަށް ކުރި ހޯދައިފައެވެ. އަދި މިއާއެކު ސީޒަން ނިންމާ އޭ.ޓީ.ޕީ. ފައިނަލްސް މުބާރާތުން ރޫންއަށް ޖާގަ ލިބޭނެ ކަމާމެދުވެސް މި ވަނީ ސުވާލު އުފެދިފައެވެ.

ދުނިޔޭގައި ހަތް ވަނައަށް މި ވަގުތު ރޭންކް ކުރެވިފައިވާ ރޫން މި މެޗުން މޮޅުވިނަމަ އޭނާއަށް އިޓަލީވިލާތުގެ ޓިއުރިންގައި ބާއްވާ މުބާރާތުގެ ޖާގައެއް ކަށަވަރު ކުރެވުނީހެވެ.

މި ކާމިޔާބީއާއެކު މި މުބާރާތުގެ ސެމީފައިނަލްގައި ޖޯކޮވިޗް ބައްދަލު ކުރާނީ އޮސްޓްރޭލިއާގެ އެލެކްސް ޑި މިނައު އާއި ދުނިޔޭގައި ފަސް ވަނައަށް ރޭންކް ކުރެވިފައިވާ ރަޝިއާގެ އަންޑްރޭ ރުބްލޭވް ބައްދަލުކުރާ މެޗުން މޮޅުވާ ކުޅުންތެރިޔަކާއެވެ.

މި މުބާރާތުގައި ޕޯލަންޑްގެ ހާބާޓް ހާކާޒް އާއި ގްރެގޯ ޑިމިޓްރޯވް ބައްދަލުކުރި ކްއާޓާ ފައިނަލް ހައެއް އެކެއް، ހަތަރެއް ހައެއް އަދި ހައެއް ހަތަރަކުން ކާމިޔާބުކޮށް ޑިމިޓްރޯވް ވެސް ވަނީ ސެމީ ފައިނަލްއިން ޖާގަ ހޯދައިފައެވެ.

ސެމީ ފައިނަލްގައި ޑިމިޓްރޯވް ބައްދަލުކުރާނީ މި މުބާރާތުގައި ހަތް ވަނައަށް ސީޑް ކުރެވިފައިވާ ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް އާއެވެ. މި މުބާރާތުގެ ސެމީ ފައިނަލުން ސިޓްސިޕާސް ޖާގަހޯދީ ރަޝިއާގެ ކަރެން ހާޗަނޯވް އާއި ބައްދަލުކުރި މެޗް ސީދާ ދެ ސެޓުން ކާމިޔާބުކޮށް ގެންނެވެ. އެއީ ހައެއް ތިނެއް އަދި ހައެއް ހަތަރަކުންނެވެ. މިއާއެކު ސިޓްސިޕާސް މި ވަނީ އޭނާގެ ކެރިއަރުގައި 300 ވަނަ ސިންގަލްސް މެޗް ކާމިޔާބުކޮށްފައެވެ.