04 Nov 2023, 14:46
ޣައްޒާގައި ހުންނަ އދ ގެ އިމާރާތްތަކުގައި ހިމާޔަތް ހޯދައިގެން ތިބި މީހުން ރައްކާތެރިކުރަން ހަމައެކަނި އެ ޖަމިއްޔާގެ ދިދަ ނުފުދޭ ކަމަށް އދ ގެ ފަލަސްތީން ރެފިއުޖީ އޭޖެންސީ (ޔޫއެންއާރްޑަބްލިޔުއޭ) ޑައިރެކްޓަރު ތޯމަސް ވައިޓް ވިދާޅުވެއްޖެއެވެ.
ޣައްޒާގައި ހުންނަ އދ ގެ އިމާރާތްތަކުގައި ގެދޮރި ގެއްލިފައިވާ ގާތްގަޑަކަށް ހަ ލައްކަ މީހުން ހިޔާވަހިކަން ހޯދައިގެން އެބަތިއްބެވެ.
ތޯމަސްއާ ހަވާލާދީ ފަލަސްތީނުގެ ވަފާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި މިހާތަނަށް އދ ގެ 50 ފެސިލިޓީއެއް ވަނީ ބިމާ ހަމަވެފައެވެ. އޭގެތެރޭގައި ސީދާ އަމާޒުކޮށް ހަމަލާދިން ފަސް ފެސިލިޓީ ހަލާކުކޮށްލާފައިވާއިރު، އެތަން ތަނުން ހިމާޔަތް ހޯދައިގެން ތިބި 30 މީހަކުވެސް ހަމަލާތުގައި ވަނީ މަރުވެފައެވެ.
"އދ ގެ ދިދައިގެ ދަށުގައި އެންމެ ކުޑަ މިނުން އެ މީހުންނަށް ރައްކާތެރިކަމެއްވެސް ހޯދައެއް ނުދެވޭ." ތޯމަސް ވިދާޅުވިއެވެ.
މި އަދަދުތައް އިތުރު ވެދާނެތީ ކަންބޮޑުވާ ކަމަށް ތޯމަސް ވިދާޅުވެއެވެ. އަދި ޣައްޒާގެ އުތުރުގައި ހުންނަ ގިނަ ފެސިލިޓީތަކާ ގުޅުން ކެނޑިފައިވާ ކަމަށްވެސް ތޯމަސް ވަނީ ފާހަގަކުރައްވާފައެވެ.
"މިއީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނުގެ ދަށުން ހިމާޔަތް ހޯދާ ބައެއް. މިއީ ދިދައެއްގެ ދަށުން ހިޔާވަހިކަން ހޯދަމުންދާ މީހުން." ތޯމަސް ވިދާޅުވިއެވެ.
އަދި ޣައްޒާގައި މިވަގުތު ރައްކާތެރި އެއްވެސް ތަނެއް ނެތް ކަމަށް ތޯމަސް ވަނީ ވިދާޅުވެފައެވެ.
އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާގެ އާންމުންނަށް އިސްރާއީލުން ދެމުންގެންދާ ރަހުމު ކުޑަ އަމަލުތަކުގައި މިހާތަނަށް 10000 ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އެތައް ހާސް ބަޔަކު ޒަހަމްވެފައިވާއިރު، އެތައް ބަޔަކު ވަނީ ސުންނާފަތިކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައެވެ.
ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް'ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ.
ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލައި، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ދުނިޔޭގެ އެތައް ބަޔަކު ގޮވަމުން އަންނައިރުވެސް، އިސްރާއީލުން އަންނަނީ މިކަމަށް ބީރު ކަންފަތެއް ދެމުންނެވެ. ހަނގުރާމައިގެ ދެވަނަ މަރުހަލާއަށް ތައްޔާރުވުމަށް އިސްރާއީލުގެ ރައީސް ބެންޖަމިން ނަތަންޔާހޫ މިހާރު ވަނީ ގޮވާލާފައެވެ.