ބޮޑު ކާމިޔާބީއެއް ހޯދި ތެލުގޫ ފިލްމު "އާރްއާރްއާރް"ގެ ދެވަނަ ތަރި ރާމް ޗަރަންވެސް އޮސްކާ އެކަޑެމީގެ އެކްޓަރުންގެ ގޮފީގެ މެމްބަރަކަށް އައްޔަންކޮށްފިއެވެ.

ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ އެންމެ ގިނަ ބައެއްގެ ސަމާލުކަން އެ އެވޯޑް ޝޯވްއަކަށް ހުއްޓޭ އޮސްކާ އެވޯޑް އެކަޑެމީ އެކްޓަރުން ގޮފީގެ މެމްބަރުކަމަށް މި ފިލްމުގެ އެކްޓަރު އެންޓީ އާރު ޖޫނިއަ އައްޔަން ކުރިކަން އިއުލާން ކޮށްފައިވަނީ މި ނިމުނު އޮކްޓޯބަރު މަހުއެވެ.

ތެލުގޫ އިންޑަސްޓްރީގެ އެންމެ ނުފޫޒު ގަދަ ފިލްމީ ތަރިންގެތެރޭ ހިމެނޭ ރާމް ޗަރަން އާއެކު މި ފަހަރު އެކަޑަމީގެ އެކްޓަރުންގެ ގޮތްޕަށް ހޮވުނު ބައިނަލްއަޤްވާމީ ފަރާތްތަކުގެތެރޭ ލަޝާނާ ލިންޗް، ވިކީ ކްރީޕްސް، ލުއިސް ކޫ ޓިން-ލޮކް، ކޭކޭ ޕާމާ، ޗަންގް ޗެން، ސަކުރާ އަންޑޯ އަދި ރޮބަޓް ޑޭވީ ހިމެނެއެވެ.

ފިލްމު "އާރްއާރްއާރް" ގެ މަޝްހޫރު ޓްރެކް "ނާޓު ނާޓޫ"އަށް އެންމެ މޮޅު އޮރިޖިނަލް ލަވައިގެ އެކެޑަމީ އެވޯޑް ލިބުނުތާ މަސްތަކެއް ފަހުން ޖޫން މަހު އެކަޑަމީއާ ގުޅެން ދައުވަތު ލިބުނު 398 ފަންނާނުންނާއި އެގްޒެކެޓިވްސްގެ ތެރޭގައި ރާމް ޗަރަން އާއި ޖޫނިއާ އެންޓީއާރް ހިމެނެއެވެ.

މީގެއިތުރުން "އާރްއާރްއާރް" ޓީމުގެ އިތުރު ހަތަރު މެމްބަރުން ކަމަށްވާ ލިޔުންތެރިޔާ ޗަންދްރަބޯސް، އެމްއެމް ކީރަވާނީ، ސިނެމެޓޯގްރާފަރު ކޭކޭ ސެންތިލް ކުމާރު އަދި ޕްރޮޑަކްޝަން ޑިޒައިނަރު ސަބޫ ސިރިލްއަށް ވެސް ދައުވަތު ދީފައިވެއެވެ.

ފިލްމު "އާރްއާރްއާރް"ގެ ލަވަ 'ނާޓޫ ނާޓޫ'ގެ ލަވައިގެން މަންޒަރެއް
އެކްޓަރުންގެ ގޮފީގައި ހިމެނުނު މެމްބަރުންގެ މައިގަނޑު ޒިންމާ ތަކުގެތެރޭ ކޮންމެ އަހަރަކު ބާއްވާ އެކަޑެމީ އެވޯޑަށް ފިލްމީ ތަރިން ނޮމިނޭޓް ކުރާ ކެޓެގަރީތައް ކަނޑައެޅުމާއެކު އެ ކެޓެގަރީ ތަކަށް ނަން ހުށަހެޅުން ހިމެނެއެވެ. މީގެ އިތުރުން އެ އަހަރަކު އެންމެ މޮޅު ހުށަހެޅުމެއް ސިނަމާގައި ހުށަހެޅި ފަރާތެއް ހޮވުމުގެ މުހިއްމު ޒިންމާވެސް އަދާކުރުމުގައި އެކްޓަރުންގެ ގޮފީގެ މެމްބަރުން ހާއްސަ ދައުރެއް އަދާ ކުރާނެއެވެ.

އެކްޓަރު ރާމް ޗަރަންގެ ފިލްމީ ކެރިއަރަށް އިތުރުވި މި ޒިންމާއާއެކު ފިލްމީ ދުނިޔޭގެ ގިނަ ބަޔަކު ވަނީ އެކްޓަރަށް މަރުޙަބާ ކިޔާފައެވެ. ދާދިފަހުން ފިރިހެން ކުއްޖަކު ލިބިފައިވާ އެކްޓަރު މި ދުވަސްކޮޅު ހުރީ ފިލްމީ މަސައްކަތްތަކާ ދުރަށްޖެހި އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ވަގުތު ހުސްކޮށްގެންނެވެ.