04 Nov 2023, 09:58
ބޮލީވުޑްގެ ހެއްވާ މަޖާ ފިލްމުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފިލްމީ ތަރިން ކަމަށްވާ ނީނާ ގުޕްތާ އާއި ރަކުލް ޕްރީތު ސިންގް އެކުގައި ކޮމެޑީ ފިލްމަކަށް ތައްޔާރުވެއްޖެއެވެ.
މުމްބާއިގެ އަލީބާގްގައި މިއަދު ފިލްމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާއިރު މި ފިލްމުގެ ނަން އަދި ހާމަކޮށްފައެއް ނުވެއެވެ.
މަޝްހޫރު ގިނަ ވެބް ސީރީސްތައް ޑައިރެކްޓް ކޮށްފައިވާ އަޝިޝް އާރް ޝުކާލާ ޑައިރެކްޓް ކުރާ މި ފިލްމަކީ ނީނާ ގުޕްތާ އާއި ރަކުލް އެކީގައި މަސައްކަތް ކުރާނެ ދެ ވަނަ ފިލްމެވެ. ކުރީގެ ބަތަލާ ނީނާ ގުޕްތާއަކީ 1980އިގެ އަހަރުތަކުން ފެށިގެން ފިލްމީ ދާއިރާގައި ވަރަށް ޙަރަކާތްތެރިކޮށް އުޅުނު ފިލްމީ ތަރިއެކެވެ.
އިންޑިއާގެ ޤައުމީ އެވޯޑްވެސް ކާމިޔާބު ކޮށްފައިވާ ބަތަލާ ފިލްމީ ދާއިރާގައި ދުވަސްކޮޅަކު ދުރުގައި ހުރުމަށްފަހު އެނބުރި އެކްޓިންގް ދާއިރާއަށް ނުކުތީ 2018ވަނަ އަހަރުއެވެ. އެ އަހަރު ރިލީޒްވި ފިލްމު "ވީރޭ ދި ވެޑިންގް" އަށްފަހު ނީނާ ގުޕްތާ ވެފައިވަނީ ސީރިއަސް ރޯލް ތަކަށްވުރެ ބޮޑަށް ހެއްވާ މަޖާ ރޯލް ތަކަށް އެންމެ އެކަށީގެންވާ ބަތަލާގެ ގޮތުގައެވެ.
ނީނާ ގުޕްތާގެ މަގުބޫލު ފިލްމުތަކުގެތެރޭ "ސަރްދާރް ކާ ގްރޭންޑް ސަން"، "ގުޑް ބާއި" އަދި "އޫންޗާއި" ހިމެނެއެވެ.

ބަތަލާ ނީނާ ގުޕްތާ ފިލްމު "ސަރްދާރް ކާ ގްރޭންޑް ސަން"ގެ މަންޒަރެއްގައި
ތެލުގޫ އަދި ތަމަޅަ ފިލްމުތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދުމަށް ފަހު ބަތަލާ ރަކުލް ޕްރީތު ބޮލީވުޑަށް ތަޢާރަފް ވުމާއެކު ބަތަލާ ވެފައި ވަނީ ހެއްވާ މަޖާ ފިލްމުތަކުގެ އޯޑިއަންސްގެ މެދުގައި ވަރަށް މަގުބޫލު ބަތަލާއެއްގެ ގޮތުގައެވެ. ފިލްމު "ސަރްދާރް ކާ ގްރޭންޑް ސަން"ގައި ބަތަލާ ނީނާއާ އެކު މަސައްކަތް ކޮށްފައިވާ ރަކުލްގެ މަގުބޫލު ފިލްމުތަކުގެ ތެރޭ "ދޭ ދޭ ޕިޔާރު ދޭ"، "ޑޮކްޓަރު ޖީ" އަދި ފިލްމު "ތޭކްން ގޯޑް" ހިމެނެއެވެ. ރަކުލް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި އަހަރުގެ ޖޫން މަހު ޖިއޯ ސިނަމާގައި ސްޓްރީމް ކުރަންފެށި ފިލްމު ރޮމޭންޓިކް ތުރިލަރ "އައި ލަވް ޔޫ" އިންނެވެ.