04 Nov 2023, 09:52
ބޮލީވުޑްގެ ބާދް ޝާހް، ޝާހްރުކް ޚާންގެ ކުރިޔަށް އޮތް ފިލްމު "ޑުންކީ"ގެ ފުރަތަމަ ޓީޒާ ރިލީޒް ކުރިތާ 24 ގަޑިއިރުތެރޭ ޔޫޓިއުބް މެދުވެރިކޮށް ޓީޒާއަށް 72 މިލިއަން ވިއުސް ހޯދައިފިއެވެ.
މި ފިލްމުގެ އިތުރު ޓިޒާ އަދި ޓްރެއިލާ ވެސް ފިލްމު ރިލީޒް ކުރާ ތާރީޚާ ކައިރިކޮށް ދޫކޮށްލަން ނިންމާފަ ވާއިރު ބައެއް ޕްރޮޑިއުސަރުންނަށް މިކަމުން ނުތަނަވަސްކަން ލިބޭނެ ކަމަށް މީޑިއާ ރިޕޯޓު ތަކުން ވަނީ ބުނެފައެވެ.

ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާން
ފިލްމު "ޑުންކީ"އަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމުތައް ކަމަށްވާ "މުންނާ ބާއި އެމްބީބީއެސް"، "ލަގޭ ރަހޯ މުންނާ ބާއި"، "ތުރީ އިޑިއަޓްސް"، "ޕީކޭ" އަދި "ސަންޖޫ" ފަދަ ފިލްމުތައް އުފެއްދި ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީގެ ފިލްމެކެވެ. ހަތަރު ނެޝަނަލް އެވޯޑް ވެސް ކާމިޔާބު ކޮށްފައިވާ ރާޖް ކުމާރު ހިރާނީއާ އެކު ޝާހްރުކް މަސައްކަތް ކުރާ ފުރަތަމަ ފިލްމު "ޑުންކީ"ގެ ޓީޒާ އާއްމުންނަށް ދައްކާލާފައި ވަނީ ޝާހްރުކްގެ 58ވަނަ އުފަން ދުވަހާ ގުޅުވައިގެންނެވެ.
ހިޖުރަ ކުރުމާ ގުޅޭގޮތުން އުފައްދާފައިވާ މި ފިލްމަކީ، ހެއްވާ މަޖާ ހާދިސާތަކެއްގެ އިތުރުން އެކުވެރިކަމުގެ ވަރުގަދަ ގުޅުންތައް ދައްކުވައިދޭ ފިލްމެކެވެ. ޝާހްރުކް ޚާންގެ އިތުރުން ފިލްމުގެ ވަރަށް މުހިއްމު ރޯލްއިން ބަތަލާ ޝަބާނާ އަޒްމީ، ދިއާ މިރުޒާ، ވިކީ ކޯޝަލް، ބޮމަން އިރާނީ އަދި ސަތިޝް ޝާހް ފެންނާނެއެވެ. މީގެ އިތުރުން މި ފިލްމުން ކުރީގެ މަޝްހޫރު އެކްޓަރު ދަރުމެންދުރަގެ ވަރަށް ހާއްސަ ފެނިލުމެއް ވެސް ވަނީ ހިމަނާފައެވެ.

ފިލްމު "ޑުންކީ"ގެ މަންޒަރެއް
ޖިއޯ ސްޓޫޑިއޯސް އާއި ރެޑް ޗިލީޒް އެންޓަޓެއިންމަންޓް އަދި ރާޖް ކުމާރު ހިރާނީގެ އަމިއްލަ ފިލްމު ކުންފުނި ގުޅިގެން ގެނެސްދޭ މި ފިލްމުގެ ޕްރޮޑިއުސަރަކީ ޝާހުގެ އަންހެނުން ގޯރީ ޚާންއެވެ.
ފިލްމު "ޑުންކީ" މި އަހަރުގެ ޑިސެމްބަރ މަހުގެ 22ގައި ސިނަމާތަކަށް އަންނައިރު މިއީ މި އަހަރު ޝާހު ސިނަމާއިން ފެންނާނެ ތިން ވަނަ ފިލްމެވެ. ކުރިން ރިލީޒްވި ފިލްމު "ޕަތާން" އަދި "ޖަވާން" އަކީވެސް ބޮލީވުޑްގެ ބޮޑެތި ރިކޯޑްތައް މުގުރާލާފައިވާ ދެ ފިލްމެވެ.