ޓެލްއަވީވް (މޭ 18): އީރާނަށް ޙަމަލާދޭންޖެހިއްޖެ ހާލަތެއްގައި އެކަންކުރުމުގެ ޕްލޭންތަކެއްް އެމެރިކާ އެކުލަވާލާފައިވާ ކަމަށް އިސްރާއީލުގައި ހުންނަވާ އެމެރިކާގެ ސަފީރު ޑެނިއަލް ޝެބިރޯ ވިދާޅުވެއްޖެ އެވެ.

ޝެބިރޯއާ ޙަވާލާދީ އިސްރާއީލުގެ ނޫހެއް ކަމަށްވާ މާކޯ ރިޝީ ބުނި ގޮތުގައި ނިއުކްލިޔާ ޢަސްކަރީ ބާރަކަށް އީރާން ވިޔަނުދިނުމަށް ޓަކައި އެމެރިކާ ވަނީ އީރާނަށް އިސްވެ ޙަމަލާދީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ހަލާކުކޮށްލުމުގެ ޕްލޭންތަކެއް އެކަށައަޅާފަ އެވެ. ނަމަވެސް މިޕްލޭންތަކާ ބެހޭ ތަފްސީލެއް އަދި މިޕްލޭން ތަންފީޒުކުރާނެ ވަގުތެއް އެމެރިކާގެ ސަފީރު ހާމައެއް ނުކުރައްވަ އެވެ.

އީރާނުން ކުރިޔަށްގެންދާ ޔޫރޭނިޔަމް ފައްކާކުރުމުގެ ޕްރޮގްރާމަކީ ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ޕްރޮގްރާމެއް ކަމަށް އެމެރިކާ އާއި އިސްރާއީލާއި ހުޅަނގު ޔޫރަޕްގެ ޤައުމުތަކުން ތުހުމަތުކުރެ އެވެ. ނަމަވެސް މިތުހުމަތުތައް ސާބިތުކޮށް ދިނުމަށް މިޤައުމުތައް ވަނީ ނުކުޅެދިފަ އެވެ. އިސްރާއީލުން ގެންދަނީ ސިއްރިޔާތުގައި ނިއުކްލިޔާ ހަތިޔާރު އުފެއްދުމަށް ފަހު އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމަކީ އެ ޤައުމުގެ ވުޖޫދަށް އޮތް ބިރެއްކަމަށް ސިފަކުރަމުންނެެވެ. އަދި ނިއުކްލިޔާ ބާރަކަށް އީރާން ވިޔަނުދިނުމަށް ޓަކައި އީރާނަށް އިސްވެ ޙަމަލާދޭނެޖެހިދާނެ ކަމުގެ އިންޒާރު ވެސް އިސްރާއީލު ދެމުން ގެންދެ އެވެ.
މިކަމަށް ރައްދު ދިނުމުގެ ގޮތުން އީރާން ވެސް ގެންދަނީ އެޤައުމަށް ޙަމަލާދީފި ނަމަ އިސްރާއީލު ފަނާކޮށްލާވަރުގެ ރައްދެއްދޭނެ ކަމުގެ އިންޒާރުތައް ދެމުންނެވެ. މިގޮތުން އީރާނުގެ މައި ނިއުކްލިޔާ މަރުކަޒު ކަމަށްވާ ދައިމޫނާ ނިއުކްލިޔާ މަރުކަޒަށް ޙަމަލާދީ އެތަން ހަލާކުކޮށްލާނެކަމުގެ އިންޒާރު ވެސް އީރާނުންވަނީ ދީފަ އެވެ.
އީރާނަށް އިސްވެ ޙަމަލާދޭނެ ކަމުގެ އިންޒާރު އެމެރިކާ އާއި އިސްރާއީލުން ދިން ނަމަވެސް މި ދެ ޤައުމުން އީރާނަށް ޙަމަލާދިނުމުގެ ފުރްސަތު ވަރަށް ކުޑަކަމަށް ސްޓްރެޓީޖިކް ދިރާސާތަކާ ބެހޭ ތަޖްރިބާކާރުން ދެކެވަޑައިގަންނަވަ އެވެ. (އަލްޖަޒީރާ)