އެން.ބީ.އޭ. ބާސްކެޓް ބޯޅަ މުބާރާތުގައި ނިއު އޯލިއަންސް ޕެލިކަންސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރި މެޗް ޕެލިކަންސް ކާމިޔާބުކޮށްފިއެވެ.

ޕެލިކަންސްގެ ސްމޫތީ ކިންގް ސެންޓާގައި ކުޅުނު މި މެޗް އެ ޓީމް ކާމިޔާބުކުރީ 125 ޕޮއިންޓް 116 ޕޮއިންޓުންނެވެ. މިއާއެކު މި ސީޒަންގައި މިހާތަނަށް ކުޅުނު ފަސް މެޗްގެ ތެރެއިން ހަތަރު މެޗް މި ވަނީ ޕެލިކަންސް ކާމިޔާބު ކޮށްފައެވެ.

މި މެޗްގެ ފުރަތަމަ ހާފްގައި ޕެލިކަންސްއިން ރަނގަޅު ކުޅުމެއް ވަނީ ދައްކާފައެވެ. މި ގޮތުން ފުރަތަމަ ދެ ކްއާޓާ ނިމުނުއިރު ޕެލިކަންސްއިން ވަނީ 23 ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ.

މި މެޗްގެ ދެވަނަ ހާފްގައި ޕިސްޓަންސްއިން ކުޅުން ރަނގަޅު ކުރި ނަމަވެސް އެ ޓީމަށް ޕެލިކަންސްއާ އަރާ ހަމަކުރެވޭގޮތެއް ނުވިއެވެ.

މި މެޗްގައި ޕެލިކަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 33 ޕޮއިންޓް ހޯދައިދީ ހަތަރު ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ދިން ސީޖޭ މެކްކޮލަމްއެވެ. އަދި ޕިސްޓަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 22 ޕޮއިންޓް ހޯދައިދީ ދެ ރީބައުންޑް ނަގައިދީ 11 އެސިސްޓް ދިން ކޭޑް ކަނިންހަމްއެވެ.

މި މުބާރާތުގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސާސް އާއި ޓޮރޮންޓޯ ރެޕްޓާސް ބައްދަލު ކުރި މެޗް 114 ޕޮއިންޓް 99 ޕޮއިންޓުން ކާމިޔާބު ކުރީ ސެވަންޓީ ސިކްސާސްއެވެ. މި މެޗްގައި ސިކްސާސްގެ ޖޮއެލް އެމްބިޑް ވަނީ 28 ޕޮއިންޓް ހޯދައިދީ 13 ރީބައުންޑް ނަގައިދީ ހަތް އެސިސްޓް ކޮށްފައެވެ. އަދި ރެޕްޓާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 24 ޕޮއިންޓް ހޯދައިދީ އަށް ރީބައުންޑް ނަގައިދީ އަށް އެސިސްޓް ދިން ސްކޮޓީ ބާންސްއެވެ.

މީގެ އިތުރުން ސެން އެންޓޯނިއޯ ސްޕާސް އާއި ފީނިކްސް ސަންސް ބައްދަލު ކުރި މެޗް 132 ޕޮއިންޓް 121 ޕޮއިންޓުން ކާމިޔާބުކުރީ ސްޕާސްއެެވެ. މި މެޗްގައި ސްޕާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 38 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގައިދީ ދެ އެސިސްޓް ދިން ވިކްޓަ ވެމްބަންޔާމާއެވެ. އަދި ސަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 31 ޕޮއިންޓް ހޯދައިދީ ނުވަ ރިބައުންޑް ނަގައިދީ 13 އެސިސްޓް ދިން ޑެވިން ބޫކާއެވެ. އަދި އޯލާންޑޯ މެޖިކް އާއި ޔޫޓާ ޖޭޒް ބައްދަލުކުރި މެޗް 115 ޕޮއިންޓް 113 ޕޮއިންޓުން ކާމިޔާބުކޮށްފައި ވަނީ މެޖިކްއެވެ.