04 Nov 2023, 12:57
ފުޓްބޯޅައިގައި ދެވޭ އެންމެ ޝަރަފްވެރި އެއް އިނާމް ކަމަށްވާ ބެލޮން ޑިއޯ އެވޯޑް މި އަންނަ އަހަރުން ފެށިގެން ޔޫރަޕްގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ ޔުއޭފާއާ ގުޅިގެން ދޭން ނިންމާފައިވާ ކަމަށް މި އިނާމު ދެމުން ގެންދާ ފްރާންސް ފުޓްބޯލް އާއި އަމައުރީއިން ހާމަކޮށްފިއެވެ.
އަމައުރީއިން ހާމަކުރިގޮތުގައި މި އަންނަ އަހަރުން ފެށިގެން އެ ފަރާތުން ޔުއޭފާއާ ގުޅިގެން މި އިނާމް ދޭން ނިންމާފައިވަނީ މި އިނާމްގެ ހައިބަތު ބޮޑުކޮށް ފުޓްބޯޅަ މުޖުތަމައުގެ ބައިވެރިވުން އިތުރު ކުރުމުގެ މަޤްސަދުގައި ކަމަށެވެ.
ބެލޮން ޑިއޯ އެވޯޑަކީ 1956 ވަނަ އަހަރުން ފެށިގެން ފްރާންސް ފުޓްބޯލްއިން ކޮންމެ އަހަރަކު އެއް ފަހަރު ދެމުން އަންނަ އެވޯޑެކެވެ. އަދި އެ އެވޯޑަކީ ގިނަ ބައެއްގެ މެދުގައި މަޤްބޫލް އަދި ގިނަ ބަޔަކު އެ އިނާމް ލިބޭ ފަރާތެއް ދެނެގަތުމަށް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން އަންނަ އިނާމެކެވެ.
ނަމަވެސް ފަހަކަށް އައިސް އިނާމް ދެމުން އަންނަ ގޮތާއި މި އިނާމް ލިބޭ ފަރާތްތަކާ މެދު ފުޓްބޯޅައިގެ ދުނިޔޭގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި ކޮންމެވެސް ވަރެއްގެ ސުވާލުތަކެއް އުފައްދާތަން ފެންނަމުންދެއެވެ. ނަމަވެސް ގްރޫޕް އަމައުރީއިން ހާމަކުރިގޮތުގައި މި އިނާމް ލިބޭ ފަރާތް ދެނެގަތުމަށް ނަގާ ވޯޓްގެ މަސައްކަތަށް އެއްވެސް ބަދަލެއް ނައިސް މިހާރު ވެސް ކުރިއަށް ގެންދާ ގޮތަށް މިނިވަންކަންމަތީ ކުރިއަށް ގެންދާނެކަމަށެވެ. އަދި މިކަން ކުރިއަށް އޮތްތާނގައިވެސް ކުރިއަށް ދާނީ ސީދާ ގްރޫޕް އަމައުރީގެ ބެލުމުގެ ދަށުން ކަމުގައި ހާމަކޮށްފައިވެއެވެ.
ޔުއޭފާއިން އެހީތެރި ވާނީ ފުޓްބޯޅައިގެ ފަންނީ ލަފާ ދިނުމާއި މި އެވޯޑް މިހާރަށް ވުރެ ބޮޑަށް މާކެޓްކޮށް ބައިނަލްއަޤްވާމީ ކޮމާޝަލް ރައިޓްސްގެ ކަންތައްތައް ކުރިއަށް ގެންދިއުމާއި އެވޯޑް ދޭ ހަފްލާ އިންތިޒާމް ކުރުމުގެ ކަންތަކުގައެވެ.
މީގެ އިތުރުން މި އަންނަ އަހަރުން ފެށިގެން ބެލޮން ޑިއޯއަށް އިތުރު ދެ ބައެއް އިތުރު ކުރާނެކަމަށްވެސް ހާމަކޮށްފައިވެއެވެ. މި ގޮތުން އަހަރުގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ކޯޗުން ހޮވުން މި އަންނަ އަހަރުން ފެށިގެން އޮންނާނެކަން ވަނީ ހާމަކޮށްފައެވެ.
ޔުއޭފާގެ ރައީސް އެލެގްޒެންޑާ ސެފެރިން ހާމަކުރިގޮތުގައި ޔުއޭފާ އާއި ބެލޮން ޑިއޯއަކީ ފުޓްބޯޅައިގެ ދުނިޔޭގައި ވަރަށް ފާހަގަ ކޮށްލެވޭ ދެ ނަން ކަމަށާއި މި ދެ ފަރާތް ގުޅުން ވެގެންދާނީ ދެފަރާތަށް ވެސް ލިބިގެންދާ އިތުރު ފުރިހަމަ ކަމަކަށް ކަމަށެވެ.
ޔުއޭފާ އާއި ގްރޫޕް އަމައުރީ ތަފާތު ގޮތްގޮތުން ގުޅިގެން މަސައްކަތް ކުރާތާ މިހާރު ފަންސާސް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.