03 Nov 2023, 21:13
ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އިސްނަންގަވައިގެން ފަލަސްތީނުގެ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ފަންޑެއް ހުޅުވައިފިއެވެ.
ސައުދީގެ އެހީ ދޭ އެޖެންސީ ކޭއެސްރިލީފް މެދުވެރިކޮށް ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ސައުދީގެ އާންމުންނަށް ވެސް ފުރުސަތު ލިބޭ ގޮތަށް ހުޅުވާލައިފައިވާ އެ ކެމްޕޭނު ފެއްޓެވުމުގެ ގޮތުން ރަސްގެފާނު ވަނީ 30 މިލިއަން ސައުދީ ރިޔާލު އެ ފަންޑަށް ހަދިޔާ ކޮށްފައެވެ. ވަލީއަހުދު މުހައްމަދު ވަނީ 50 މިލިއަން ރިޔާލު ހަދިޔާކުރައްވާފައެވެ.
ސައުދީ ޝާހީ ކޯޓުގެ އެޑްވައިޒަރު އަދި ކޭއެސްރިލީފްގެ ސުޕަވައިޒަރު ޑރ. އަބުދުލް އަޒީޒް އަލް ރަބީހާ ހަވާލީ އަރަބި ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ފަންޑަށް އެހީ ދޭނީ، އެހީދޭ އެޖެންސީގެ ސަހީމް ޕްލެޓްފޯމާއި ސަހެމް އެޕްލިކޭޝަން ބޭނުންކޮށްގެން އެ ކެމްޕޭނަށް ހާއްސަ ޔުނިފައިޑް ބޭންކް އެކައުންޓް މެދުވެރިކޮށް ނުވަތަ އެ އެޖެންސީގެ ވެބްސައިޓުގައިވާ މަލްޓިޕަލް ޑޮނޭޝަން ޗެނަލް މެދުވެރިކޮށެވެ.
އެހީގެ ގޮތުގައި ލިބޭ ފައިސާއިން އެއްވެސް އިތުރު ފީއަކަށް ހޭދަ ނުކުރާނެ ކަމަށާއި، ހުރިހާ ފައިސާއެއް ވެސް ފަލަސްތީނަށް ފޯރުކޮށްދޭނެ ކަމަށް އަޒީޒް ވިދާޅުވިއެވެ. މީގެ އިތުރުން މި ކެމްޕޭނަކީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާއާ ދެކޮޅަށް ސައުދީން އަބަދު ވެސް ތެދުވާ ތެދުވުމުގެ ބައެއް ކަމަށް އަޒީޒް ވިދާޅުވިއެވެ.
އިއްޔެ ހުޅުވާލި ފަންޑަށް އިއްޔެ މެންދުރު ފަހާ ހަމައަށް 72,375 ޑޯނަރުން ރަޖިސްޓްރީކޮށްފައިވާ ކަމަށް އަރަބިއާ ނޫހުން ރިޕޯޓުކުރެއެވެ. އަދި, އެހާ ހިސާބަށް 64 މިލިއަން ސައޫދީ ރިޔާލް (17 މިލިއަން ޑޮލަރު) ފަންޑަށް ވަނީ ޖަމާވެފައެވެ.
އަނެއްކޮޅުން ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ކުރެވޭނެ މަސައްކަތްތަކާ ބެހޭ ގޮތުން އަރަބި ސަމިޓްގެ ކުއްލި ބައްދަލުވުމެއް މި މަހުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އަރަބި ނޫހުން ރިޕޯޓުކުރެއެވެ. ސަމިޓް ބާއްވަން ނިންމާފައިވަނީ ޣައްޒާގައި ޔަހޫދީން ދޭން ހަމަލާތައް ހުއްޓުވުމަށް އެހީތެރިވުމަށް ކުއްލި ސަމިޓެއް ބާއްވަން އަރަބި ލީޑަރުންނަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އިލްތިމާސް ކުރައްވާފައިވާ ވަނިކޮށެވެ.