ޣައްޒާ ތެރެއަށް ވަދެ އުޅުނު އިސްރާއީލުގެ އިސް ހަތަރު އޮފިސަރުންނަށް ހަމާސްގެ މުޖާހިދުން ހަމަލާދީ މިއަދު ހެނދުނު މަރާލައިފިއެވެ.

ޔަހޫދީ އިސްރާއީލާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޖަމާއަތް، ހަމާސްއާ ދެމެދު މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ކުރަމުންދާ ހަނގުރާމަ މެދުކެނޑިފައިނުވާއިރު، އިސްރާއީލުގެ ފައުޖުތަކުން އަންނަނީ ހަނގުރާމަ ވަރުގަދަކޮށް ޣައްޒާއަށް ތެރެއަށް ވަންނަން މަސައްކަތް ކުރަމުންނެވެ. ހަމާސްގެ މުޖާހިދުން އަންނަނީ އިސްރާއީލުން އެއްގަމު މަގުން ޣައްޒާއަށް އެރިޔަ ނުދޭން މަސައްކަތް ކުރަމުންނެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން އާންމުކޮށްފައިވާ ގޮތުގައި މަރާލާފައިވަނީ 22 އަހަރުގެ ކެޕްޓަން، ބެނި ވައިސް، 41 އަހަރުގެ މާސްޓާ ސާޖެންޓް، އުރިއާ މަޝް، 28 އަހަރުގެ މާސްޓަ ސާޖެންޓް ޔެހޮނަޓަން ޔޫސުފް ބްރޭންޑު އަދި، 39 އަހަރުގެ ސާޖެންޓް މޭޖާ ގިލް ޕިޝިޒްއެވެ.

ޣައްޒާއަށް ވަތް ޔަހޫދީ ސިފައިންގެ ތެރެއިން މުޖާހިދުން މަރާލެވިފައިވާ ސިފައިންގެ އަދަދު ވަނީ 20 އަށް ވުރެ މަތިވެފައެވެ.

މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ހަމާސްއިން ދިން ހަމަލާގެ ރައްދުގައި ކަމަށް ބުނެ، ޣައްޒާގެ ފަލަސްތީނަށް އަމާޒުކޮށް ޔަހޫދީ އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި މުސްލިމުންގެ އަދަދު ވަނީ 9000 އަށް އަރައިފައެވެ. އެތައް ބަޔަކަށް ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވާއިރު، އިސްރާއީލުން ސުންނާފަތިކޮށްލާފައިވާ އިމަރާތްތަކުގައި ދަށުގައި ވެސް ޣައްޒާގެ ކުށެއް ނެތް އެތައް ބަޔަކު އެބަތިއްބެވެ.

ދުނިޔޭގެ އެތައް ގައުމަކުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލަމުންދާއިރު ވެސް ޔަހޫދީން ދަނީ އެ ކަމަށް ބީރު ކަންފަތެއް ދެމުންނެވެ. ހަނގުރާމައިގެ ދެވަނަ މަރުހަލާއަށް ތައްޔާރުވުމަށް ޔަހޫދީ ދައުލަތުގެ ވެރިޔާ ބެންޖަމިން ނަތަންޔާހޫ ވަނީ ގޮވާލައިފައެވެ.