މިއަދު މާލެއާއި ހުޅުމާލެއަށް ކުރި ވިއްސާރައިގައި މާލެއަށް 57 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން އާންމުކުރި ބައެއް މައުލޫމާތުތަކުގައިވާ ގޮތުން ހެނދުނު 08:00 އާއި 10:00އާ ދެމެދަކީ މިއަދުގެ މިހާތަނަށް އެންމެ ބޯކޮށް ގުގުރުމާއެކު ވާރޭވެހުނު ވަގުތެވެ.

އެ ވަގުތު ހުޅުލެއަށް ވެހުނީ 67 މިލިމީޓަރުގެ ވާރެއެވެ. އެންމެ ފަހުން ބޯކޮށް ވާރޭ ވެހުނުއިރު ހުޅުލެއަށް ވެހުނުކަމަށް ރެކޯޑުކުރެވިފައިވަނީ 71 މިލިމީޓަރުގެ ވާރެއެވެ.

ވެރިރަށް މާލޭގެ އެންމެ ތޮއްޖެހޭ މަގުތަކުގައި މިއަދު ހެނދުނު ތަނބިކަށްޓަށްވުރެ މައްޗަށް އަރާވަރަށް ފެންބޮޑުވެފައިވެއެވެ.

ފެން ހިންދުމުގެ މަސައްކަތަށް އެމްއެންޑީއެފުން ފަހުންވަނީ ނުކުމެފައެވެ.

މެޓް އޮފީހުން ބުނި ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ވެސް މާލޭ ސަރަހައްދުގެ މޫސުން އޮންނާނެކަމަށް ލަފާކުރެވެނީ ގޯސްކޮށެވެ. އެގޮތުން ވާރޭ ވެހި، ވައި ބާރުވާނެކަމަށް ވެސް މެޓް އޮފީހުން ލަފާކުރެއެވެ.

ނަމަވެސް ކަނޑުތައް މަޑުވާނެ ކަމަށް ބުންޏެވެ.