މިއަދުގެ ޚުތުބާގައި އަލިއަޅުވާލާފައި ވަނީ ބަލިމީހުންނަށް ގޮވާލަން ދިއުމުގެ މުހިންމުކަމުގެ މައްޗަށާއި އިސްލާމް ދީނުގައި އެކަމަށް ދީފައިވާ އަހަންމިއްޔަތު ކަމުގެ މައްޗަށެވެ.

ޚުތުބާގައި ބުނީ، އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކޮށްދޭން ޖެހޭ ހައްގުތަކެއް ވާކަމަށެވެ. އެއީ، އޭނާއާ ބައްދަލުވެއްޖެ ނަމަ ސަލާމް ގޮވުމާއި، ދަޢުވަތެއް ދީފި ނަމަ އިޖާބަ ދިނުމާއި، ނަސޭހަތަކަށް އެދިއްޖެ ނަމަ ނަސޭހަތް ދިނުމާއި، އޭނާ ކިނބިއްސެއް އަޅައި ﷲއަށް ހަމްދުކޮށްފި ނަމަ، އޭނާއަށް ރަޙްމަތް ލެއްވުން އެދި ދުޢާ ކުރުމާއި، އޭނާ ބަލިވެއްޖެ ނަމަ ގޮވާލަން ދިއުން އަދި މަރުވެއްޖެ ނަމަ ޖަނާޒާގައި ބައިވެރި ވުމެވެ.

ބަލި މީހުންނަށް ގޮވާލަން ދިއުމުގެ މާތްކަމާއި، ޘަވާބާ ބެހޭގޮތުން ރަސޫލާ ހަދީޘް ކުރައްވަފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.

"ބަލި މީހަކަށް ގޮވާލަން ހަވީރުގެ ވަގުތުގައި މީހަކު ދިޔަ ނަމަ، އެމީހަކަށް ފާފަފުއްސެވުމަށް އެދި، ހަތްދިހަހާސް މަލާއިކަތުން ހެނދުނު ވަންދެން ދުޢާ ކުރައްވާނެއެވެ. އަދި ބަލިމީހަކަށް ގޮވާލަން ހެނދުގެ ވަގުތުގައި މީހަކު ދިޔަނަމަ، އެމީހަކަށް ފާފަ ފުއްސެވުން އެދި ހަތްދިހަހާސް މަލާއިތަކުން ހަވީރުވަންދެން ދުޢާ ކުރައްވާނެތެވެ. އެމީހަކު ހުންނާނީ ސުވަރުގޭގެ ބަގީޗާއެއްގައެވެ،"

ޚުތުބާގައި ބުނީ، ބަލިމީހާއަށް ގޮވާލަން ދިއުމަކީ އޭނާއަށް ހިތްހަމަޖެހުން ލިބޭނެ ކަމެއް ކަމަށެވެ. އަދި އިސްލާމީ އަޚުވަންތަކަމުގެ ރޫޙު އާލާވެ، އެކަމުގެ ސަބަބުން އޭނާގެ ވޭންތަކަށާއި ކެކުޅުންތަކަށް ލުއިކަމެއް ލިބޭނެ ކަމެއް ކަމަށް ވެސް ޚުތުބާގައި ބުންޏެވެ. އެހެންކަމުން ބަލިމީހާއަށް ގޮވާލަން ގޮސް އޭނާ ކައިރީގައި ތިބާގެ ނަފްސަށާއި އޭނާއަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވުން އެދި ހެޔޮ ދުޢާކުރުމަކީ ސުންނަތެކެވެ.

ބަލިމީހުނަންނަށް ގޮވާލަން ދާންވާނީ އޭނާއަށް އުނދަގޫ ނުވާ ވަގުތުތައް ބަލައިގެންނެވެ. މިޒަމާނުގައި ހޮސްޕިޓަލްތަކުގައި މިފަދަ ކަންކަމަށް ރިއާޔަތްކޮށް ޒިޔާރާތް ކުރުމަށް ވަކިން ޚާއްޞަ ވަގުތެއް ކަނޑައަޅާފައި ވެއެވެ. އެހެންކަމުން ބަލި މީހުންނަށް ގޮވާލަން ދާއިރު، އެ ވަގުތުތަކަށް ސަމާލުކަން ދިނުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ކީރިތި ރަސޫލާގެ ބަސްފުޅުން އެނގޭގޮތުގައި މީހަކު ބަލިވުމުން އޭނާ ދުޅަހެޔޮ ދުވަސްވަރު އާދަކޮށް ކުރަމުން ދިޔަ އަޅުކަންތަކާއި، ހެޔޮ ކަންތަކުގެ ސަވާބު އޭނާ ބަލިވެގެން ނުކުރެވުނަސް ލިޔުއްވާނެއެވެ. މާނައަކީ، އޭނާ ކޮށްއުޅުނު ސުންނަތް ނަމާދާއި، ޒިކުރު ފަދަ އަމަލުތަކުގެ ސަވާބު އޭނާއަށް ލިޔުއްވައި ދެއްވާނެއެވެ.