ހުޅުމާލެ ބީޗަށް މިހާރު ގިނަ އަދަދަކަށް ލައްގައިފައި ހުރި ތާރު ބޯޅަތައް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި، އެ ނެގުމުގެ މަސައްކަތް ފަށަން މިހާރު އަންގައިފައިވާކަމަށް އެ އެޖެންސީން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ވެސް ބައެއް އާންމުންވަނީ ތާރު ބޯޅަތައް ބީޗަށް ލައްގައިފައި ހުރި ފޮޓޯތަކެއް ހިއްސާކޮށްފައެވެ. އަދި އެ އަލުން މޫދަށް ގޮސްފިނަމަ ގެއްލުން ވެދާނެ ކަމަށް ބުނެ ކަންބޮޑުވުން ވެސް ވަނީ ފާޅުކޮށްފައެވެ.

މި ކަމާ ގުޅިގެން އީޕީއޭގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް "ސަން"އަށް ވިދާޅުވީ އެ ކަން އީޕީއޭގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.

އެހެންވެ، އެ ތާރު ބޯޅަތައް ނަގަން ހުޅުމާލެ ބަލެހެއްޓުމުގެ މަސައްކަތް ކުރާ އާބަންކޯއަށް އަންގައިފައިވާކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެ ފޮޓޯތައް ލިބިފައިވަނީ ވެސް. ދެން އެހެންވެ އާބަންކޯއަށް އަންގައިފައިވާނެ މިހާރު އެ ނަގަން،" އޭނާ ވިދާޅުވިއެވެ.

ހުޅުމާލެ ބީޗުގައި ތާރު ބޯޅަ --

ނައީމް ވިދާޅުވީ އެ ތާރު ބޯޅަތައް އަލުން މޫދަށް ގޮސްގެން 'އޮއިލް ސްޕިލް'އަކަށް ނުވާނެކަމަށެވެ. އެއީ ކުރިން މޫދަށް އެޅިފައި ހުންނަ ތެޔޮ، އިރުގެ އައްޔަށް ހުށަހެޅި ގިނަ ދުވަސްވުމުން، އުފެދޭ ބޯޅަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެއީ 'ޓާރ ބޯލް' ނުވަތަ ތާރު ބޯޅަ ކަމަށާއި އެހެން ގޮތަކަށް ބުނާނަމަ ޗާކޯލްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ފަދައިން ތާރު ބޯޅަ ބީޗުގެ އައްސޭރިއަށް ލެއްގުމަކީ ދޭތެރެ ދޭތެރެއިންވާ ކަމެއްކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ތާރު ބޯޅައަކީ އޭގެ ޒާތުގައި އިންސާނުންނަށް މާ ބޮޑު ނުރައްކަލެއް އޮތް އެއްޗެއް ނޫނެވެ. ނަމަވެސް ހަންގަނޑު ސެންސިޓިވް މީހުންނަށް، ބީޗުގައި އުޅޭއިރު، ތާރު ބޯޅަައިގައި ޖެހިއްޖެނަމަ ކެހުން ނުވަތަ ހިރުވައި، ރަތްވުން ފަދަ އެލާޖީތަކާ ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.

ތާރު ބޯޅައެއް ހަމުގައި ޖެހިއްޖެނަމަ ސައިބޯނި ލައިގެން ދޮވެލުމުން އޭގެ އަސަރު ފިލާނެއެވެ.

ނައީމް ވިދާޅުވި ގޮތުގައި މީގެ ކުރިން އެ ފަދަ ތާރު ބޯޅަތައް ރާއްޖޭގެ ރަށްތަކަށް ލައްގާ މިންވަރާ ގުޅޭގޮތުން ބައެއް ދިރާސާތައް ވެސް ހަދައިފައިވެއެވެ. މިއީ ދުނިޔޭގެ އެކި ގައުމުތަކުގައި ވެސް ވާ ކަމެކެވެ.