ވީބީ އާއްޑޫ އެފްސީއާ ދެކޮޅަށް މާދަމާ ނިކުންނާނީ މިދިޔަ ހުކުރު ދުވަހު ނިއުރޭޑިއަންޓާ ދެކަށް ކުޅުނު މެޗުގައި ހެދުނު މިސްޓޭކުތައް އަލުން ތަކުރާރު ނުކޮށް، އާހިތްވަރަކާ އެކު މެޗުން މޮޅުވުމުގެ އުންމީދުގައި ކަމަށް އީގަލްސްގެ ކޯޗް އިހުސާން އަބުދުލްގަނީ (ސާންތީ) ބުނެފި އެވެ.

މާދަމާ ވީބީއާ ދެކޮޅަށް ނިކުތުމުގެ ކުރިން ސާންތީ މިއަދު ބުނީ، އެންމެ ފަހުން ނިއުއާ ދެކޮޅަށް ކުޅުނު މެޗުގައި ކުދިކުދި މިސްޓޭކްތަކެއް ކުޅުންތެރިންނަށް ހެދުނު ކަމުގައި ވިޔަސް، މަދަމާ މެޗުގައި އެކަން ތަކުރާރު ނުވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި ތާވަލްގެ ފަހަތުން ދެ ވަނައިގައި ތިން ޕޮއިންޓާ އެކު ވީބީ އޮތަސް، އެ ޓީމަކީ ބަލިޓީމެއް ނޫން ކަމަށާއި އެކަން އީގަލްސްގެ ކުޅުންތެރިން ދަންނަން ޖެހޭނެ ކަމަށެވެ.

"ވީބީ އަކީ ވެސް މޮޅު ޓީމެއް. އަޅުގަނޑެއް ގަބޫލެއް ނުކުރަން ވީބީ އަކީ ބަލި ޓީމެއް ކަމަކަށް. އެ ޓީމުގެ ކޮންމެ ޑިޕާޓްމަންޓަކަށް ބެލި ކަމުގައި ވިޔަސް އެކަން އެބޮތް ފެންނަން،" ސާންތީ ބުންޏެވެ.

ސާންތީ ބުނީ، ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގައި އީގަލްސްއިން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި އެގޮތުން މަދަމާގެ މެޗުގައި ވެސް ހިތްހަމަޖެހޭ ވަރުގެ ކުޅުމެއް ޓީމްގެ ފަރާތުން ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މާދަމާ ހަވީރު 4:00 ޖަހާއިރު ވީބީއާ ދެކޮޅަށް އީގަލްސް ނިކުންނަ އިރު ލީގް ތާވަލްގައި އެ ޓީމް އޮތީ ފަސް ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.