މެކްސިކޯގެ ރިޒޯޓް ރަށެއް ކަމަށްވާ ކެންކޫންގައި މިހާރު ކުރިއަށްދާ ޑަބްލިޔުޓީއޭ ފައިނަލްސް ޓެނިސް މުބާރާތުގެ ސެމީ ފައިނަލާ ގާތަށް މުބާރާތުގައި ދެވަނައަށް ސީޑް ކުރެވިފައިވާ ޕޯލަންޑްގެ އީގާ ޝްވަޓެކް ޖެހިލައިފިއެވެ.

މި މުބާރާތުގައި ޝްވަޓޭކް ވަނީ ޔޫއެސް އޯޕަންގެ ޗެމްޕިއަން ކޯކޯ ގައުފްއާ ރޭ ބައްދަލުކުރި މެޗު ކާމިޔާބުކޮށްފައެވެ.

މިއާއެކު މި ފަހަރުގެ މުބާރާތުގައި އޭނާ ކުޅުނު ދެ މެޗު ވެސް ވަނީ ކާމިޔާބު ކޮށްފައެވެ. މުބާރާތް ހަތަރު ފަހަރަށް ކާމިޔާބުކޮށްފައިވާ ޝްވަޓެކް މި މެޗު ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. ފުރަތަމަ ސެޓު ވަރަށް ފަސޭހަކަމާ އެކު ހައެއް ސުމަކުން ޝްވަޓެކް ކާމިޔާބުކުރިއެވެ.

ނަމަވެސް ދެވަނަ ސެޓު ވަރަށް ފޯރިއާ އެކު ކުރިއަށް ގޮސް ޝްވަޓެކް ކާމިޔާބު ކުރީ ހަތެއް ފަހަކުންނެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޝްވަޓެކް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ޓިއުނީޝިއާގެ އޯންސް ޖެބުއާއާއެވެ.

މުބާރާތުގައި ރޭ ޖޭބުއާ އާއި ޗެކް ރިޕަބްލިކްގެ މާކެޓާ ވޮންޑްރޮސޯވާ ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރީ ޖެބުއާއެވެ. އެއީ، ހައެއް ހަތަރެއް އަދި ހައެއް ތިނަކުންނެވެ. މި ދެ ކުޅުންތެރިން މިދިޔަ އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފައިނަލުގައި ބައްދަލުކުރި މެޗު ކާމިޔާބު ކުރީ ވޮންޑްރޯސޯވާއެވެ. ޖެބުއާ އާއި ޝްވަޓެކް އެންމެ ފަހުން ބައްދަލުކޮށްފައިވަނީ ޔޫއެސް އޯޕަންގެ ފައިނަލުގައެވެ.

މުބާރާތުގެ ފުރަތަމަ ގްރޫޕްގައި އެމެރިކާގެ ޖެސިކާ ޕެގޫލާ ވަނީ އެއްވަނައަށް ސީޑް ކުރެވިފައިވާ އަރީނާ ސަބަލެންކާ ބަލިކޮށް ސެމިފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މި ގްރޫޕުން ސެމިފައިނަލަށްދާ ދެވަނަ ކުޅުންތެރިޔާ ކަށަވަރު ވެގެންދާނީ ސަބަލެންކާ އާއި ކަޒަކިސްތާންގެ އެލޭނާ ރީބަކީނާ ބައްދަލު ކުރާ މެޗަށް ފަހުއެވެ.

މުބާރާތުގެ ފައިނަލަށް ސަބަލެންކާއަށް ނުދެވިއްޖެނަމަ އޭނާ އަތުން ދުނިޔޭގެ އެއްވަނަ އަންހެން ކުޅުންތެރިޔާގެ މަގާމު ގެއްލިގެން ދާނެއެވެ.