17 May 2012, 21:52
ދިރާގު ދިވެހި ލީގުގެ ފުރަތަމަ ބުރުގައި މިއަދު ހަވީރު މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗް 2-1 ލަނޑުން އޭވައިއެލް އިން ކާމިޔާބުކޮށްފި އެވެ.
ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުރިމަތިލުންތައް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑް ނެގީ އޭވައިއެލް އިންނެވެ. އެގޮތުން އެލަނޑު މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އޭވައެލް އަށް ކާމިޔާބު ކޮށްދިނީ އަބްދުﷲ މުއާޒް (އޮޓޯ) އެވެ. އަދި މިއަދުގެ މެޗުގައި މާޒިޔާ ކޮޅަށް އޭވައިއެލް އިން ޖެހި އެ ޓީމުގެ ދެ ވަނަ ގޯލު މެޗުގެ ދެ ވަނަ ހާފުގެ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ޝައުޔާ އެވެ.
މެޗުގައި މާޒިޔާ އިން އޭވައިއެލް ކޮޅަށް ޖެހި އެ ޓީމުގެ ހަމައެކަނި ލަނޑު މެޗުގެ ދެ ވަނަ ހާފުގެ ފުރަތަމަ ދެ މިނެޓުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ އަހުމަދު ރަޝީދު (އައްމަޑޭ) އެވެ.
މިއަދުގެ މެޗުން މޮޅުވެ، ލިބުނު ތިން ޕޮއިންޓާ އެކު އޭވައިއެލް އޮތީ ހަތަރު ޕޮއިންޓާ އެކު ތާވަލްގެ ހަ ވަނައިގަ އެވެ. އަދި މެޗުން ބަލިވި މާޒިޔާ އޮތީ ހަތް ޕޮއިންޓާ އެކު ތާވަލްގެ ތިން ވަނައިގަ އެވެ.
މެޗަށް ފަހު މާޒިޔާގެ ކޯޗް އިސްމާއިލް މަހެފޫޒް (އިންމަ) ބުނީ، މެޗުގެ ނަތީޖާއާ މެދު ހިތްހަމަ ނުޖެހޭ ކަމަށާއި ގޯލްޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ފޯވާޑުންނަށް ނުހިފުނު ކަމަށެވެ.
"ގެއްލުނީ ވަރަށް މުހިންމު ތިން ޕޮއިންޓް. ލިބުނު ފުރުސަތުތަކުގެ ބޭނުންނުކުރެވުމުގެ އަދަބު މިފެނުނީ." އިންމަ ބުންޏެވެ.
އޭވައިއެލްގެ ކޯޗް މުހައްމަދު އާތިފް (އާތީ) ބުނީ، ފުރަތަމަ ބުރުގައި މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން މިލިބުނު ކާމިޔާބީއާ މެދު ހިތް ހަމަޖެހޭ ކަމަށާއި އެގޮތުން ދުވަހެއް ދުވަހަކަށް ވުރެ ޓީމުގެ ޕާފޯމަންސް ރަނގަޅު ވަމުން އަންނަ ކަމަށެވެ.
ލީގުގައި މާދަމާ ހަވީރު ބައްދަލުކުރާ ދެ ޓީމަކީ ވީބީއާއި އީގަލްސް އެވެ.