އެންބީއޭ ބާސްކެޓުބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ޑެންވާ ނަގެޓްސް މި ސީޒަންގައި ފުރަތަމަ ފަހަރަށް ބަލިވެއްޖެއެވެ.

ނަގެޓްސް ފުރަތަމަ ފަަހަރަށް މި ސީޒަންގައި ބަލިވެފައިވަނީ ރަށުން ބޭރުގައި މިނެސޯޓާ ޓިމްބަވުލްވްސްއާ ބައްދަލުކުރި މެޗުންނެވެ. މެޗު 110 ޕޮއިންޓު 89 ޕޮއިންޓުން ކާމިޔާބުކުރީ ޓިމްބަވުލްވްސްއެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޓިމްބަވުލްވްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 21 ޕޮއިންޓް ހޯދައިދީ އަށް ރީބައުންޑު ނަގައިދީ ހަތަރު އެސިސްޓް ދިން ކާލް އެންތަނީ ޓައުންސްއެވެ. މެޗުގައި ނަގެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގައިދީ ތިން އެސިސްޓް ދިން ނިކޮލާ ޔޮކިޗެވެ.

މި މުބާރާތުގައި މިހާތަނަށް މެޗަކުން ބަލިނުވެ އޮތް ދެ ޓީމުގެ ތެރެއިން އެއް ޓީމު ކަމަށްވާ ބޮސްޓަން ސެލްޓިކްސް އާއި އިންޑިއާނާ ޕޭސާސް ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރީ ސެލްޓިކްސްއެވެ. އެ ޓީމުން އެ މެޗު ކާމިޔާބު ކުރީ 155 ޕޮއިންޓް 104 ޕޮއިންޓުންނެވެ.

މިއީ 1958-59 ވަނަ އަހަރުގެ ސީޒަނަށް ފަހު ސެލްޓިކްސްއިން ލީގު މެޗެއްގައި 155 ޕޮއިންޓް ހޯދުނު ފުރަތަމަ ފަހަރެވެ.

އެ މެޗުގައި ސެލްޓިކްސްގެ ޖޭސަން ޓޭޓުމް ވަނީ 30 ޕޮއިންޓް ހޯދައިދީ 12 ރީބައުންޑް ނަގައިދީ ހަތަރު އެސިސްޓް ކޮށްފައެވެ. އަދި، ޕޭސާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 18 ޕޮއިންޓް ހޯދައިދީ ހަތް ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ދިިން ޓީ ޖޭ މެކްކޯނެލްއެވެ.

މީގެ އިތުރުން މި ސީޒަންގައި މޮޅު ކުޅުމެއް ދައްކާ މިހާތަނަށް ބަލިނުވެ އޮތް ދެވަނަ ޓީމު ކަމަށްވާ ޑެލަސް މެވްރިކްސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރި މެޗު 114 ޕޮއިންޓު 105 ޕޮއިންޓުން ކާމިޔާބުކުރީ މެވްރިކްސްއެވެ.

އެ މެޗުގައި މެވްރިކްސްގެ ލޫކާ ޑޮންޗިޗްވަނީ 18 ޕޮއިންޓް ހޯދައިދީ ހަތް ރީބައުންޑް ނަގައިދީ 10 އެސިސްޓް ކޮށްފައެވެ. އަދި ބުލްސްގެ ނިކޮލާ ވުސެވިޗް ވަނީ 21 ޕޮއިންޓް ހޯދައިދީ 20 ރީބައުންޑް ނަގައިދީ އެއް އެސިސްޓް ކޮށްފައެވެ.