03 Nov 2023, 16:27
ސްޕެނިޝް ލަލީގާގެ ތާވަލްގެ އެއްވަނައިގައި އުޅޭ ރެއާލް މެޑްރިޑްއަށް ކުޅޭމުންދާ ބްރެޒިލްގެ ފޯވަޑް އެޓީމާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.
މައުލޫމާތު ލިބޭގޮތުގައި ރޮޑްރިގޯވަނީ ރެއާލްގައި 2028 ވަނަ އަހަރުގެ ސީޒަން ނިމެންދެން މަޑުކުރަން ނިންމާފައެވެ. އަދި މިއާއެކު އޭނާވަނީ ރެއާލް އާއެކު އާ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ.
މިފަހަރުގެ އެއްބަސްވުމުގައި ވަނީ ރޮޑްރިގޯ އެހެން ޓީމަކަށް ގެންދިއުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން އެއް ބިލިއަން ޔޫރޯގެ ރިލީސް މާއްދާއެއް ހިމަނައިފައެވެ. އުމުރުން 22 އަހަރުގެ ރޮޑްރިގޯ މިހާތަނަށް ރެއާލްއަށް ކުޅެދިން 179 މެޗްގައި އޭނާވަނީ 39 ލަނޑު ޖަހާދީފައެވެ. މީގެއިތުރުން ރޮޑްރިގޯވަނީ ބްރެޒިލް ޤައުމީ ޓީމަށް މިހާތަނަށް 18 މެޗް ކުޅެދީފައެވެ.
ރޮޑްރިގޯ ރެއާލްއަށް ކާމިޔާބުކޮށްދީފައިވާ ލަނޑުތަކުގެ ތެރޭގައި ވަރަށް މުހިންމު ލަނޑުތައް ވެސް ހިމެނެއެވެ. ރޮޑްރިގޯ ރެއާލްއާ ގުޅުމަށްފަހު ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ އެކްލަބްގެ ދެވަނަ ޓީމް ރެއާލް މެޑްރިޑް ކަސްޓިއްޔާއަށް ކުޅުނު ފުރަތަމަ މެޗްގައި 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
ރޮޑްރިގޯ ރެއާލް މެޑްރިޑާ ގުޅިފައިވަނީ އޭނާގެ އުމުރުން 18 އަހަރުގައި ބްރެޒިލްގެ ކްލަބެއް ކަމަށްވާ ސަންތޯސްއިންނެވެ. ރޮޑްރިގޯ ރެއާލް އާއެކުވަނީ ލަލީގާގެ ތަށި ދެ ފަހަރު ކަމިޔާބުކޮށްފައެވެ. އަދި ކޮޕާ ޑެލް ރޭގެ ތަށީގެ އިތުރުން ޔުއޭފާ ޗެމްޕިއަންސް ލީގުގެ ތައްޓާއި ޔޫރަޕިއަން ސުޕާ ކަޕް އަދި ކްލަބް ވޯލްޑް ކަޕްގެ ތަށި ރެއާލް އާއެކު އުފުލާލައިފައެވެ. ރޮޑްރިގޯ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރު މަހު ޤަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕްގައި ވާދަކުރި ބްރެޒިލް ޓީމްގައިވެސް ކުޅެފައެވެ. މިގޮތުން އޭނާ އެމުބާރާތުގައި ފަސް މެޗެއްގައި ކުޅެފައިވެއެވެ.