ޓެލެވިޒަން ދުނިޔޭގެ އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި އަންކިތާ އާއި ކުރީގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ ޖޯޑަކީ ބެލުންތެރިންގެ ލޯބި އެންމެ ބޮޑަށް ލިބުނު ދެ ތަރިންނެވެ. މި ދެ ތަރިން އެކީގައި މަސައްކަތް ކުރި ޒީޓީވީގެ މަޝްހޫރު ސީރީސް "ޕަވިތުރަ ރިޝްތާ"ގެ އަރްޗަނާ އާއި މާނަވް އަކީ ވަރަށް ގިނަ ބަޔަކަށް ދެކެފަރިތަ ދެ ނަމެވެ.

ޓީވީ ސީރީސް "ޕަވިތުރަ ރިޝްތާ"ގައި މަސައްކަތް ކުރަމުން ދިޔައިރު އަންކިތާ އާއި ސުޝާންތުގެ ލޯބީގެ ގުޅުން ފައްކާވެ ކައިވެންޏާ ހަމައަށް ވެސް މި ގުޅުން ދިޔައެވެ. ނަމަވެސް ސުޝާންތު ސިންގްއަށް ބޮލީވުޑުން ގިނަ ފުރުސަތުތަކެއް ލިބި, ބޮލީވުޑްގެ ކެރިއަރު ފެށުނު ހިސާބުން އަންކިތާ އާއެކު އޮތް ގުޅުމުގައި ކުނި ޖެހެން ފެށިއެވެ. ދެ މީހުންގެ ވަކިވުމާ ގުޅިގެން މީގެ ކުރިން ވެސް ވަރަށް ހާމަކަން ބޮޑު ގޮތެއްގައި އަންކިތާ ވާހަކަ ދައްކާފައި ވާއިރު އެ ވާހަކަތައް ވަރަށް ތަފުސީލުކޮށް ދާދިފަހުން ބަތަލާ ވަނީ ބެލުންތެރިންނާ ހިއްސާކޮށްފައެވެ.

އަންކިތާ ފިރިމީހާ އާއެކު

ކަލަސް ޓީވީއިން ދައްކަމުން އަންނަ 'ބިގްބޮސް17'ގެ އެޕިސޯޑެއްގައި މާޒީގެ ސޮފުޙާތައް ކިޔައިދެމުން އަންކިތާ ބުނީ، ކުރީގެ އެކްޓަރު ސުޝާންތު އާއެކު އޮތް ހަތް އަހަރުގެ ގުޅުން އެންމެ ރެއެއްގެ ނިންމުމަކުން ނިންމާލި ކަމަށެވެ. ދެ މީހުންގެ ގުޅުން ނިމުމަކަށް އައި ސަބަބު ވެސް އޭރު ރަނގަޅަށް ސުޝާންތުއަށް ނުދެވޭކަމަށް އަންކިތާ ވަނީ މި އެޕިސޯޑުގައި ބުނެފައެވެ.

'ބިގް ބޮސް 17'އިގެ ބައިވެރިއެއް ކަމަށްވާ މުނައްވަރު ފާރުގްއާ ވާހަކަ ދައްކަމުން އަންކިތާ ބުނީ ސުޝާންތު ބޮލީވުޑުގެ ކެރިއަރު ފެށުމާއެކު ވަރަށް ގިނަ ބަޔަކު އަންކިތާއާ ގުޅުން ކަނޑާލުމަށް އޭނާއަށް ވިސްނައިދީ ނަސޭހަތްތެރިވި ކަމަށް ގަބޫލު ކުރެވޭ ކަމަށް އަންކިތާ ބުންޏެވެ. އަދި އެކަމުގައި ވަރަށް ގިނަ ބައެއްގެ ނުފޫޒު އޮތް ކަމަށް މިހާރު ގަބޫލު ކުރާ ކަމަށްވެސް އަންކިތާ ވަނީ ބުނެފައެވެ.

ދެ މީހުންގެ ގުޅުން ނިމުމަކަށް އައުމާ ގުޅިގެން އެކަމުން އަރައިގަންނަން އަންކިތާ ދެ އަހަރު ދުވަސް ހޭދަކުރި ކަމަށާއި އިތުރު މީހަކަށް އިތުބާރުކޮށް ލޯބީގެ ޙަޔާތެއް ފަށަން ޖެހިލުންވި ކަމަށް މިހާރު ބޮލީވުޑްގައި ކެރިއަރު ފަށާފައިވާ ބަތަލާ ވަނީ ބުނެފައެވެ.

އަންކިތާ އާއި ކުރީގެ އެކްޓަރު ސުޝާންތު ސިންގް "ޕަވިތުރަ ރިޝްތާ" ޑްރާމާ ސީރީސްގެ މަންޒަރެއްގައި

ސުޝާންތު ސިންގްގެ މަރަށް ތިން އަހަރު ވެފައި ވާއިރު ސުޝާންތު މަރުވުމާ ގުޅިގެން ކުރީގެ އެކްޓަރުގެ ދިފާޢުގައި ނިކުމެ އެންމެ ބޮޑަށް ވާހަކަ ދެއްކި ފަރާތަކީ ވެސް އަންކިތާއެވެ. ސުޝާންތުއާ ދެ މީހުންގެ ގުޅުން ނިމުމަކަށް އައި ނަމަވެސް އަންކިތާ އަކީ ސުޝާންތުގެ އާއިލާގެ މެމްބަރުންނާ ވަރަށް ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ.

އިންޑިއާއަށް ނިސްބަތްވާ ވިޔަފާރިވެރިޔާ ވިކީ ޖެއިންއާ 2021ވަނަ އަހަރު ކައިވެނިކޮށް ވަރަށް އުފާވެރި ދުވަސްތަކެއް ހޭދަކުރަމުން އަންނަ ބަތަލާ އާއެކު ފިރިމީހާ ވެސް ވަނީ 'ބިގް ބޮސް17' ޝޯވްގައި ބައިވެރި ވެފައެވެ.