ޔަހޫދީ އިސްރާއީލާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާތާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ ޣައްޒާއަށް އަމާޒުކޮށް މެދުކެނޑުމެއްނެތި ދެމުންދާ ދަނޑިވަޅެއްގައި ސައުދީ އަރަބިއާއިން ރިޔާދު ސީޒަން ފެށުމުން އެ ގައުމަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ސައުދީ އަރަބިއްޔާއިން އެންމެ ފުޅާ ގޮތެއްގައި ހިންގާ މުނިފޫހިފިލުވުމާއި ފަތުރުވެރިކަމުގެ ހަރަކާތް ކަމަށްވާ ރިޔާދު ސީޒަން މިދިޔަ ހޮނިހިރު ދުވަހު ވަނީ ފަށައިފައެވެ. މިއީ، 2019 ވަނަ އަހަރުން ފެށިގެން ސައުދީން ހިންގަމުންދާ ސީޒަނެކެވެ. މިއީ މިގޮތަށް ހިންގާ ހަތަރުވަނަ ސީޒަނެވެ. ރިޔާދު ސީޒަނުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާހަގަކޮށްލެވޭ މަޝްހޫރު ފަރާތްތައް ބައިވެރިވެއެވެ.

އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި އިވެންޓު ސައުދީގެ ތަފާތު 12 ސަރަހައްދެއްގައި ކުރިއަށް ގެންދާނެއެވެ. އިވެންޓުތަކުގެ ތެރޭގައި ކޮންސެޓްތަކާއި ތިއޭޓަރުގައި ރިލީޒްކުރުމާއި ފުޓްބޯޅަ މިއުޒިއަމެއް ދައްކާލުން ފަދަ ކަންކަން ހިމެނެއެވެ.

ނަމަވެސް ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ އާންމުންނަށާއި، ހުޅަނގު އައްސޭރީގެ އާންމުންނަށް ދެމުންގެންދާ ރަހުމުކުޑަ ލާއިންސާނީ އަމަލުތައް ދެމުންގެންދާ މި ދަނޑިވަޅުގައި ސައުދީން ރިޔާދު ސީޒަން ފެށުމުން ވަރަށް ގިނަ ބަޔަކު ވަނީ ސައުދީއަށް ފާޑުކިޔާފައެވެ.

ސައޫދީ ހިމެނޭހެން އެހެން އަރަބި ގައުމުތަކުން ވެސް ޔަހޫދީންގެ ހަމަލާތައް ކުށްވެރިކޮށްފައި އޮތް ނަމަވެސް އޭގެ އިތުރުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުން ފިޔަވައި ސައުދީއަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތެވެ. ސައްތައިންސައްތަ މުސްލިމު ދުނިޔޭގެ ބާރުގަދަ ގައުމެއް ގޮތުގައި އޮވެ، މުސްލިމު އުންމަތަކަށް ކޮންމެ ދުވަހު ލިބެމުންދާ ލާއިންސާނީ އަމަލުތައް ލިބޭ މި ދަނޑިވަޅުގައި ބޭރުގެ އެކިއެކި މަޝްހޫރު ފަރާތްތައް ގެނެސް ސައުދީން މި އިވެންޓު ފެށުމުން ސައުދީއާ މެދު ވަރަ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.

މި އިވެންޓުގައި ބައިވެރިވާ މަޝްހޫރު ފަރާތްތަކުގެ ތެރޭގައި އަލް ނަސްރުގެ ކެޕްޓަން ރޮނާލްޑޯ އާއި އޭނާގެ ބައިވެރިޔާ ޖޯޖިނާ އާއި ބޮލީވުޑް ތަރި ސަލްމާން ޚާން އާއި ރެޕާ އެމިނޭމް އާއި އެތުލީޓް މައިކް ޓައިސަން އާއި އެމެރިކާގެ ރެޕާ ލިލް ބެބީ އަދި ލަވަކިޔުންތެރިޔާ ބެކީ ޖީ ހިމެނެއެވެ.