17 May 2012, 20:51
ގ. ޑްރީމް އޮފް ގާޑަން މުހައްމަދު އަނިލްގެ "ނަސްރު" ދޯނިން ނެގި 20 ކިލޯއަށް ވުރެ ބަރު މާވަހަރު ބެހުމާ މެދު ޚިޔާލުތަފާތުވެގެން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ނިމެންދެން އެ މާވަހަރު ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ބޭއްވުމަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރު މިރޭ ނެރުނު ވަގުތީ އަމުރުގައި ބުނަނީ "ނަސްރު" ދޯނީގެ ވެރިޔާގެ އަނިލްގެ ފަރާތުން އެ ދޯނީގެ ކެޔޮޅު ކަމަށްވާ ޅ. ނައިފަރު، ނޫރާނީމާގޭ އަބްދުﷲ މުހައްމަދުގެ މައްޗަށް ދައުވާ ކޮށްފައިވާ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ނިމެންދެން ނުވަތަ ކޯޓުން ވަކި ގޮތެއް އަންގަންދެން މާވަހަރު ފިނޭންސް މިނިސްޓްރީ އާއި ހަވާލުކުރުމަށް އަބްދުﷲ މުހައްމަދަށާއި އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތެއްގެ މައްޗަށް އަންގައި އަމުރު ކުރާކަމަށެވެ. އަދި އެ މާވަހަރާއި ހަވާލުވުމަށް ފިނޭންސް މިނިސްޓްރީގެ މައްޗަށް ވެސް މިރޭ ވަނީ އަމުރުކޮށްފަ އެވެ.
އަމުރު ނެރުއްވަމުން ގާޒީ އަލީ ނަސީރު ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ ދަށުގައި މާވަހަރު ބޭއްވުމަށް އަމުރުކުރެއްވީ ރާއްޖޭގެ ރަށްރަށުންނާއި ކަނޑުން ހޮވާ މާވަހަރާއި މެދު އަމަލުކުރަންވީ ގޮތުގެ ގަވާއިދުގެ ފަސް ވަނަ މާއްދާގެ ދަށުން ކަމަށެވެ.
އެ މާއްދާގައި ބުނަނީ ހޮވާ މާވަހަރެއް ސަރުކާރުގެ ބެލުމުގެ ދަށުގައި ބާއްވަން ބޭނުން ކަމަށް އެ މާވަހަރުގެ ވެރިފަރާތުން ފިނޭންސް މިނިސްޓްރީގެ މައްޗަށް އަންގައިފިނަމަ އެ މާވަހަރެއް ފިނޭންސްގެ ބެލުމުގެ ދަށުގައި ބާއްވައި ދެވޭނެ ކަމަށެވެ.
އަބްދުﷲ މުހައްމަދުގެ ބެލުމުގެ ދަށުގައިވާ އެ ދޯނީގެ ވެރިފަރާތާއި ހަވާލުކުރުމަށް ފުލުހުންގެ މައްޗަށް ނެރެދިނުމަށް އެދުނު ވަގުތީ އަމުރާމެދު ގޮތެއް ނިންމަވަމުން ގާޒީ އަލީ ނަސީރު ވިދާޅުވީ ވަގުތީ އަމުރަކީ މައްސަލައިގެ ޝަރީއަތް ނިމެންދެން ނެރޭ އަމުރަކަށް ވާއިރު އެފަދަ އަމުރެއް ނެރެފިނަމަ މައްސަލައިގެ ހުކުމަށް އަސަރުކޮށްފާނެ ކަމަށެވެ. އެފަދަ އަމުރެއް ނެރެދެވެން ނެތްނަމަވެސް އެ މައްސަލައިގެ ޝަރީއަތް ނިމެންދެން "ނަސްރު" ދޯނި އަބްދުﷲ މުހައްމަދު އާއި މުހައްމަދު އަނީލްގެ ބެލުމުގެ ދަށުގައި ބޭއްވުމަށް ވެސް ވަނީ އަމުރު ނެރެފައެވެ.
އެ މައްސަލައިގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާކުރާ އަނީލްގެ ވަކީލު އިބްރާހިމް އަލީ ވިދާޅުވީ މާވަހަރު، ދޯނީގެ ކެޔޮޅު އަބްދުﷲ މުހައްމަދު ގެ އަތުގައި ބޭއްވިއަސް މައްސަލައެއް ނެތްކަމަށާއި އަނީލް ބޭނުންވަނީ އަބްދުﷲ މުހައްމަދު ވެސް އެދޭ ފަދައިން މާވަހަރު ވިއްކާލުމަށްފަހު ލިބޭ އެއްޗެއްގެ ތިން ބައިކުޅަ އެއްބައި ކަމަށެވެ.
"އަޅުގަނޑުމެން ނެތީމޭ އޭގަ ބަގުޑި ބައްދައިގެން އުޅޭކަށް. އޭތި ވިއްކާފަ އެފަރާތުން އެދޭ ތިންބައިކުޅަ އެއްބައި ދިނަސް މައްސަލައެއް ނެތް،" އަނިލްގެ ވަކީލު ވިދާޅުވި އެވެ.