04 Nov 2023, 11:18
ކެތްތެރިކަމާއެކު އަނިޔާއިން ސަލާމަތްވެ، ފިޓުވުމަށް މަސައްކަތްކުރާނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ އާޖެންޓީނާ ޑިފެންޑަރު ލިސާންޑްރޯ މާޓިނޭޒް ބުނެފިއެވެ.
ފަސް މަސްދުވަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން މާޓިނޭޒްގެ ފަޔަށް ވަނީ އަނިޔާވެފައެވެ. މާޓިނޭޒްގެ ފަޔަށް ފުރަތަމަ އަނިޔާވެފައިވަނީ މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ އަނިޔާއާ ގުޅިގެން ދެ މަސް ދުވަހަށްފަހު އެނބުރި ކުޅުމަށް އައިސް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އާސެނަލް އަތުން 3-1ގެ ނަތީޖާއަކުން ބަލިވި މެޗުގައި ފައިގެ ހަމަ އެ ހިސާބަށް އޭނާއަށް ތަދު އިހުސާސްކުރަން ޖެހުނެވެ.
އެ މެޗުގައި ތަދު އިހުސާސްކުރެވުނު ނަމަވެސް، މާޓިނޭޒް ވަނީ ޕްރިމިއާ ލީގުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗާއި ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅެފައެވެ. އެ މެޗުތަކަށްފަހު ވެސް އަނިޔާ މުޅިން ރަނގަޅުވެފައި ނުވުމުން، ޔުނައިޓެޑުގެ މެޑިކަލް ޓީމުން ނިންމީ އަނެއްކާވެސް ސާޖަރީއެއް ހެދުމަށެވެ. އެހެންކަމުން އެ އަނިޔާގެ މައްސަލައާ ގުޅިގެން އޭނާ ވަނީ ތިން ސާޖަރީއެއް ހަދައިފައެވެ. ދުވަސްތަކަކަށްފަހު މާޓިނޭޒް މިވަނީ އެ އަނިޔާގެ މައްސަލަތަކާ ގުޅޭގޮތުން ވާހަކަދައްކައިފައެވެ.
"އަހަރެން ފިޓުވުމަށް މިދަނީ މަސައްކަތްކުރަމުން. ކްލަބާ ބައްދަލުކުރެވޭތީ އުފާކުރަން. މިއީ އަހަރެންނަށް މި އަނިޔާވި ދެވަނަ ފަހަރު. އެހެންވީމާ ކެތްތެރިވެ، މަސައްކަތްކުރާނަން،" 'ޓީއެންޓީ ސްޕޯޓްސް'އަށް ދިން އިންޓަވިއުއެއްގައި މާޓިނޭޒް ބުންޏެވެ.
މިސީޒަނުގައި ޔުނައިޓެޑުގެ ނަތީޖާތައް ގޯސްވެފައިވާ އިރު، އެ ކްލަބަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މުހިންމު ކުޅުންތެރިންތަކަކަށް އަނިޔާވުމެވެ. މިސީޒަނަށް ތައްޔާރުވުމާ ހަމައިން އެކި ދުވަސްވަރު މަތިން ޔުނައިޓެޑުގެ 17 ކުޅުންތެރިޔަކަށް އަނިޔާވެފައިވެއެވެ. އޭގެ ތެރޭގައި ޑިފެންޑަރުންގެ ގޮތުގައި ތިބި މާޓިނޭޒް، ރަފައެލް ވަރާން އަދި ލޫކް ޝޯ ވެސް ހިމެނެއެވެ.