ހަރަދުކުޑަކުރުމުގެ ގޮތުން ސަރުކާރުގެ އޮފީސްތަކުގެ ބަޖެޓުން ކުރާ ހަރަދު 10 ޕަސެންޓް ކުޑަކުރުމަށް ސަރުކާރުން ނިންމައި އެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު މިއަދު އިއުލާން ކުރައްވައިފި އެވެ.

ސަރުކާރަށް 100 ދުވަސް ފުރުމުގެ ނުނާސަބާގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ޑރ. ވަހީދު ވިދާޅުވީ ފެބުރުއަރީ ހަތް ވަނަ ދުވަހު ސަރުކާރާ ހަވާލުވެވަޑައިގަތް އިރު ސަރުކާރުގައި އޮތީ ވަރަށް ބޮޑު ދަރަނި ބަޖެޓެއް ކަމަށާއި ފުރަތަމަ ވެސް ޖެހިވަޑައިގަތީ ސަރުކާރުގެ ހަރަދުތައް ކުޑަކުރެއްވުމަށް ކަމަށެވެ. ކުރީގެ ސަރުކާރަށް ވުރެ ސިޔާސީ މަގާމުތައް މަދުވާނެ ކަމަށް ވިދާޅުވަމުން ރައީސް ވިދާޅުވީ ސިޔާސީ ބޭފުޅުންގެ މުސާރަތައް ކުޑަކުރުމަށް ވިސްނަވާ ކަމަށާއި ސަރުކާރުގެ އޮފީސްތަކުގެ ބަޖެޓުން ކުރާ ހަރަދު ކުޑަކުރެއްވުމަށް މިހާރު އަންގަވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެނަށް އައިރު އޮތީ ވަރަށް ބޮޑު ދަރަނި ބަޖެޓެއް. އެހެންވީމާ ފުރަތަމަ ކަމަކަށް އަޅުގަނޑު މި ކުރަނީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން. އެގޮތުން އެނގިވަޑައިގަންނަވާނެ މަގާމުތައް އުފެއްދުމަށް ވެސް އަޅުގަނޑުމެން ކުރިއާ އަޅާބަލާއިރު ވަރަށް މަދުން އަޅުގަނޑުމެން މި ހުރީ ސިޔާސީ މަގާމުތައް އުފައްދާފައި. އަދި މީގެ އިތުރުން އަޅުގަނޑުމެން މިހާރު ވިސްނަމުން މިދަނީ ސަރުކާރުގެ އެކިއެކި އޮފީސްތަކުގެ ބަޖެޓުން 10 ވަރަކަށް ނޫނީ 15 ވަރަކަށް ޕަސެންޓް ކުޑަކުރަން. އެގޮތުން މިހާރު ހުރިހާ ވުޒާރާތަކަކަށް އަންގާފައި ވާނީ މިހާރު ކުރާ ހަރަދުން ހުރިހާ ބަޖެޓަކުން ވެސް 10 ޕަސެންޓް ކުޑަކުރައްވަން،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ ހަރަދުތައް ކުޑަކުރުމާ އެކު އާމްދަނީ އިތުރުކުރަން ވިސްނަވާކަން ފާހަގަކުރައްވައި ރައީސް ޑރ. ވަހީދު ވިދާޅުވީ ބޭރުގެ އެކި ފަރާތްތަކުގެ މާލީ އެހީ ހޯއްދެވުމަށް ވިސްނަވާ ކަމަށެވެ. އެގޮތުން ބަޖެޓް ސަޕޯޓަށް 25 މިލިއަން ޑޮލަރު އިންޑިއާ އިން ދޭއިރު ވިޔަފާރީގެ ގޮތުން އިތުރު 25 މިލިއަން ޑޮލަރު ރާއްޖެ ގެނައުމަށް އެއްބަސްވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކި އިންވެސްޓްމަންޓްތަކުން ވެސް އާމްދަނީ އިތުރުކުރެވޭނެ ކަމަށް ލަފާކުރައްވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުނެތީން އިގްތިސޯދީ ޕޮލިސީތަކަށް މާބޮޑަތި ބަދަލުތައް ކުއްލި ކުއްލިއަށް ގެންނާކަށް. ބޮޑަތި ޓެކްސްތައް ތައާރަފްކޮށް މިކަންކަން ކުރުން އަޅުގަނޑުމެންގެ ވިސްނުމުގައި ނެތް. އެހެންނޫން ނަމަ އިންވެސްޓަރުންގެ އިތުބާރު އަޅުގަނޑުމެންނަށް ގެއްލޭނެ. އެ އިތުބާރު ދަމަހައްޓައިގެން އިގްތިސޯދީ ފިޔަވަޅުތަކައިގެން ކުރިއަށްދާން މި ވިސްނަނީ،" ރައީސް ވިދާޅުވި އެވެ.

ސަތޭކަ ދުވަހުގެ އިގްތިސޯދީ ކުރިއެރުމަށް ބައްލަވާ ލައްވައި ރައީސް ވިދާޅުވީ "އިގްތިސޯދުން ކުޑަނަމަވެސް ރަނގަޅު ނިޝާންތަކެއް ފެންނަން ފަށާފައިވާ" ކަމަށެވެ. އެގޮތުން ދިވެހި ރުފިޔާގެ އަގު ރަނގަޅުވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ޓޫރިޒަމްގެ ދާއިރާ އަށް ލުޔެއް ދިނުމުގެ ގޮތުން ޓޫރިޒަމްގެ ދާއިރާ އިން އިމާރާތްކުރާ ޖާގަ 20 ޕަސެންޓުން 30 ޕަސެންޓަށް ބޮޑުކޮށްދެވިފައިވާ ކަން ފާހަގަ ކުރެއްވި އެވެ. އަދިސަރުކާރުން ރުފިޔާ ޗާޕްކުރުން ހުއްޓާލާފައިވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް އިނގޭ މި ވަގުތު އަޅުގަނޑުމެންނަށް އައު މަސައްކަތްތަކެއް ފެއްޓުމަށް ވަގުތެއް ނެތް ކަން. ބަޖެޓް އުޅެނީ ވަރަށް ތާށިކޮށް، އަޅުގަނޑުމެންނަށް އެކަމަކު ވެސް މި ބަލަނީ ބައެއް މަޝްރޫއުތައް ވެސް ފެއްޓުމަށް،" ރައީސް ވިދާޅުވި އެވެ.

އާސަންދަ ވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް މިހާރު އާސަންދަ އޮޕަރޭޓްކުރާ ނިޒާމު ބަދަލުކޮށް، އެ ނިޒާމް މަޖިލީހުން އައު ގޮތަކަށް ބައްޓަން ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަންތައްތައް އަވަސްކުރުމަށް ރައީސް މަޖިލީހުގެ ކިބައިން އެދިވަޑައިގަތެވެ.

ރައީސް ވިދާޅުވީ ސަރުކާރަށް 100 ދުވަސްވީ އިރު މުޖުތަމައުގެ ހުރިހާ ދިމާލަކުން ކުރިއެރުން ހާސިލްވެގެން ގޮސްފައިވާ ކަމަށެވެ.