އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހުގައި، ސަރުކާރުގެ އެއްވެސް ކުންފުންޏެއް މިހާރު އޮތް މިންވަރަށްވުރެ އިތުރަށް ޕްރައިވެޓައިޒް ނުކުރައްވާނެކަމަށް އިންތިޚާބީ ރައީސްގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.

އިންތިގާލީ ކޮމިޓީތަކުން ޔުޓިލިޓީ ޚިދުމަތްދޭ ކުންފުނިތަކުން އެއްކުރި މައުލޫމާތު މިއަދު ފިރުޒުލް ވަނީ ހިއްސާކުރައްވައިފައެެވެ. އޭގެ ތެރޭގައި ސްޓެލްކޯ، ވެމްކޯ، ފެނަަކަ، އަދި އެމްޑަބްލިއުއެސްސީ ހިމެނެއެވެ. ފެނަކައާއި ވެމްކޯގެ ހާލަތާ ގުޅޭގޮތުން ފިރުޒުލް ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރެއްވިއެވެ.

މައިގަނޑު ގޮތެއްގައި ފިރުޒުލް ހިއްސާކުރެއްވީ އެ ކުންފުނިތަކުގެ އިދާރީ އަދި މާލީ ނިންމުންތައް ނިންމުމުގައި ހުރި މައްސަލަތަކާއި ކަންބޮޑުވުންތަކެވެ.

އެއާއެކު އޭނާ ވިދާޅުވީ ހިންގުމުގައި ޕްރައިވެޓް ސެކްޓާގެ ހިއްސާ ވެސް އޮތް ދައުލަތުގެ ކުންފުނިތަކުން ނިންމި ނިންމުންތައް މާ ހަރުދަނާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަވާ ކަމަކީ ނިސްބަތުން އެހެން ހުރި ކުންފުނިތަކުގެ ކޯޕަރޭޓް ގަވަނަންސްގެ ކަންކަން ބޯޑުގެ ނިންމުންތަކާ ގުޅޭގޮތުން މަސައްކަތްތައް ގެންދެވިފައި ހުރި ގޮތް ދެން ހުރި ކުންފުނިތަކާ އަޅައިބަލާއިރު ނިސްބަތުން ބޮޑުތަން ރަނގަޅުކަން،" އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ކޯޕަރޭޓް ގަވަނަންސް ރަނގަޅުކުރެވިއްޖެ ނަމަ ކުންފުނިތަކުގެ ހާލަތު ރަނގަޅުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެއާއެކު އައު ސަރުކާރުން، ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް އިތުރަށް ޕްރައިވެޓައިޒް ކުރާނެތޯ "ސަން"އިން ސުވާލުކުރުމުން އޭނާ ވިދާޅުވީ އައު ސަރުކާރުން އެ ވިސްނުން ނުގެންގުޅޭކަމަށެވެ.

"މުޅި ނިޒާމު އޮތްގޮތާމެދު އަލުން އައު ވިސްނުމަކަށް ދާންޖެހޭކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ. އެހެންވީމާ މުޅި ނިޒާމު މި ވަގުތު ބައްޓަންވެފައި އޮތީ ކިހިނެއްކަން، އެއަަށް ގެންނާނީ ކޮންކޮން ބަދަލުތަކަކާ ކަމާމެދު އަޅުގަނޑުމެން ވިސްނަމުން ދާކަން މަސައްކަތްކުރަމުން ދާކަން އަޅުގަނޑު ފާހަގަކުރަން ބޭނުން. އެހެންނަމަވެސް އޭގެ ތެރެއަކު ނުހިމެނޭ ދައުލަތުގެ ކުންފުނިތަކުގެ ގޮތުގައި މި ހުރި ކުންފުނިތައް އިތުރަށް ޕްރައިވެޓައިޒްކުރުމެއް،" އޭނާ ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވި ގޮތުގައި އައު ސަރުކާރުން ވެރިކަމާ ހަވާލުވެ، ސަރުކާރު ކުންފުނިތައް އިތުރަށް ހަރުދަނާ ކުރުމަށް ޓަކައި ކުންފުނިތައް އަމިއްލަ ފައިމައްޗަށް ތެދުކުރުމަށް ޓަކައި މަސައްކަތް ފަށާނެއެވެ. އަދި މާލީ، އިދާރީ ހިންގުން ހަރުދަނާކުރުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

މީގެ ތެރޭގައި، ސަރުކާރު ކުންފުނިތަކުން ކުދި ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާ ވީ އެންމެ އަވަހަކަށް ދައްކައި ނިންމުން ވެސް ހިމެނެއެވެ. އަދި ދައުލަތުން ދޭ ޔުޓިލިޓީ ޚިދުމަތުގެ އޮނިގަނޑު އަލުން އައު ގޮތަކަށް ބައްޓަންކުރުމާމެދު ވިސްނައި، މިހާރު ހިނގަމުން އަންނަ ޕްރޮޖެކްތައް އަވަހަށް ނިންމުން ހިމެނެއެވެ.