03 Nov 2023, 12:08
ޖާމަން ކަޕް ނުވަތަ ޑީއެފްބީ ޕޮކާލްއިން ޖަރުމަނު ބުންޑަސްލީގާގެ ޗެމްޕިއަން, ބަޔާން މިޔުނިކް ކަޓައިފިއެވެ.
މި މުބާރާތުން ބަޔާން ކެޓީ ދެވަނަ ބުރުގައި ޖަރުމަނު ތިންވަނަ ޑިވިޝަންގެ ޓީމެއް ކަމަށްވާ ސާބްރުކެންއާ ބައްދަލުކޮށް ދެ ލަނޑު އެއް ލަނޑުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ ބަޔާންއިން އުފެއްދި ނަމަވެސް މިމެޗުގައި ސާބްރުކެންގެ ފަރާތުން ވެސް ފެނުނީ ފާހަގަ ކޮށްލެވޭ ކުޅުމެކެވެ.
މިމެޗަށް ނެރުނު ބަޔާން ޓީމަށް ކޮންމެވެސް ވަރަކަށް ބަދަލު ގެނެސްފައިވީ ނަމަވެސް ސާބްރުކެންއާ އަޅާ ބަލައިއިރު އެރުވީ ވަރުގަދަ ޓީމެކެވެ. މިގޮތުން މިސީޒަންގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ހެރީ ކޭން ބޭނުން ނުކުރާ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އިން ނަމަވެސް ލިރޯއި ސާނޭ، ތޯމަސް މުލާ އަދި މެނުއެލް ނޯޔާ ފަދަ ކުޅުންތެރިންވަނީ ފުރަތަމަ އެގާރައިގާ ކުޅެފައެވެ.
މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 16 ވަނަ މިނެޓްގައި ޖަހައި ލީޑު ނަގާފައިވަނީވެސް ބަޔާންއިންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ މުލާއެވެ. ނަމަވެސް މިމެޗްގައި ލީޑު ނެގުމާއެކުވެސް ބަޔާންއަށް އެލީޑު ހިފެހެއްޓޭ ގޮތެއް ނުވިއެވެ.
މިމެޗްގައި ސާބްރުކެންއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޖަހާދިނީ ޕެޓްރިކް ސޮންތެއިމާއެވެ. އަދި މިމެޗުން އެޓީމް މޮޅުވި ލަނޑު މެޗްގެ އިތުރު ވަގުތުގެ ހަ ވަނަ މިނެޓްގައި ޖަހާ ބަޔާން ސިއްސުވާލި ލަނޑު އެޓީމަށް ޖަހާދިނީ މާސެލް ގައުސްއެވެ.
މިލަނޑާއެކު ބަޔޭންއިން އެއްވަރު ކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް އެކަން ކުރެވޭގޮތެއްނުވިއެވެ. މިއީ ވޭތުވެދިޔަ 11 އަހަރު ޖެހިޖެހިގެން ބުންޑަސްލީގާގެ ތަށި ކާމިޔާބު ކޮށްފައިވާ ބަޔާން ޖާމަން ލީގްގައި އެންމެ ފަހުން ކުޅުނު ހަތަރު މުބާރާތުގެ ދެވަނަ ބުރުން ބަލިވި ތިންވަނަ ފަހަރެވެ.