02 Nov 2023, 20:20
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އިން ލައިބްރަރީ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ފަހި ކުތުބުޚާނާ ހަރަކާތް މިއަދު ހަވީރު 04:45ގައި ފަށައިފިއެވެ.
އެމްއެންޔޫގެ ހޯލުގައި ކުރިއަށް ގެންދާ މިހަރަކާތް ފައްޓަވައިދެއްވީ ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމެވެ. މި ހަރަކާތް ފައްޓަވައިދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ޑރ. އަޝްރަފް ވިދާޅުވީ، ރާއްޖޭގެ ތާރީޚާއި ސަގާފަތް ފަސޭހައިން ބަލައިލެވޭނެ ގޮތެއް ނޯންނަކަމަށެވެ. އެގޮތުން އެކެޑަމީގެ ވެބްސައިޓު "ފައްވާރު" އަދި އެމްއެންޔޫގެ "ސަރުނަ"އިން މި މައުލޫމާތު ހޯދަން ބޭނުންވާ ދަރިވަރުންނަށް ވެސް ގޮންޖެހުންތައް ކުރިމަތިވާކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ މައުލޫމާތު ހޯދަން ބޭނުންވާ ދަރިވަރުން ވިކިޕީޑިއާ ބޭނުންކުރަން ޖެހެނީ ކީއްވެތޯ ވެސް ޑރ. އަޝްރަފް ސުވާލު އުފެއްދެވިއެވެ.
"...ދިވެހި ރާއްޖޭގެ ތާރީޚް ދިވެހި ރާއްޖޭގެ ސަގާފަތް، ދިވެހިންގެ ދިރިއުޅުން، ދިވެހިން ގެދޮރުއަޅާ އުޅުނު ގޮތް، މިހެން ގޮސް ކިޔާނެކަމެއް ނެތް، ރަށެއްގެ ތާރީޚު ހޯދާލަން ވިއަސް ހުސައިން ޞަލާހުއްދީންގެ ވާހަކަ ވެސް އަޅުގަނޑުމެން ވިކިޕީޑިއާއިން މި ނަގަނީ. އެއީ ކިހާވަރެއްގެ ތެދުވެރި މައުލޫމާތެއް އޮތް އެއްޗެއް ތޯ، އެ ސުވާލު އެބަ އުފެދޭ،" ޑރ. އަޝްރަފް ވިދާޅުވިއެވެ.

އެމްއެންޔޫގެ ފަހި ކުތުބުޚާނާގެ ތެރެއިން -- ސަން ފޮޓޯ/ މުޙައްމަދު މާވީ
އެހެންކަމުން އުންމީދު ކުރަނީ އެމްއެންޔޫއާއި ބަހުގެ އެކެޑަމީ ގުޅިގެން، މި މައުލޫމާތު މިހާރަށް ވުރެ ފަސޭހައިން ލިބޭނެ ގޮތެއް ފަހިވުންކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ.
"މިލައިބްރަރީގެ މިކަހަލަ ޚިދުމަތްތައް ފާހަގަ ކުރެވޭއިރު، ދަރިވަރުންނާ ހިސާބަށް ތަންކޮޅެއް ފަސޭހައިން އެއީ އަދަބު ކަމުގައި ވިޔަސް އަދަބިއްޔާތު ކަމުގައި ވިޔަސް، ނޫނީ ދެން ތަންކޮޅެއް ރީތި ދުލަށް ފަސޭހަ ރީތި ނަމެއް ކިޔާފަ ވިޔަސް، އެކަހަލަ ވެބްސައިޓެއް އެބަ އުފެދެން ޖެހޭ،" ޑރ. އަޝްރަފް ވިދާޅުވިއެވެ.
ފަހި ކުތުބުޚާނާއިން ދައްކުވައިދެނީ ރާއްޖޭގެ ސަގާފަތާއި އާދަކާދައެވެ. އެގޮތުން ކޮންމެ އަތޮޅަކަށް މޭޒެއް ޚާއްސަ ކޮށްފައި ވާއިރު، އެ މޭޒަކުން އެ އަތޮޅެއްގެ ހުރިހާ ރަށެއްގެ ނަމާއި އާންމު މައުލޫމާތު އަދި ޚާއްޞަ ކަންކަން ދައްކުވައިދެއެވެ.

އެމްއެންޔޫގެ ފަހި ކުތުބުޚާނާގެ ތެރެއިން: ރާއްޖޭގެ ސަގާފަތާއި އާދަކާދަ މި ހަރާކަތުން ދައްކުވައިދޭނެ -- ސަން ފޮޓޯ/ މުޙައްމަދު މާވީ
މި ހަރަކާތް އިންތިޒާމު ކޮށްފައި ވަނީ، ފަހި ކުތުބުޚާނާއަށްދާ ކޮންމެ މީހަކަށް ވެސް އެ އަތޮޅަކަށް ދެވޭ ކަމުގެ އިހުސާސް ގެނުވައިދޭ ގޮތަކަށެވެ. އެގޮތުން، މި ހަރަކާތަށް ވަންނަ އެންމެންނަށް ޕާސްޕޯޓެއްދީ އެމީހުން ބަލާ އަތޮޅުތަކުގެ ތައްގަނޑު އެ ޕާސްޕޯޓުގައި ޖަހައެވެ.
މި ހަރަކާތަށް ސްކޫލުތަކުގެ ކުދިންގެ ފަރާތުން އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. މި ހަރަކާތް ކުރިއަށްދާނީ މިރޭ 10:00އާ ހަމައަށެވެ.