ކަރަބާއޮ ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ނިއުކާސްލް ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ ކްއާޓާ ފައިނަލުން ނިއުކާސްލް ޖާގަހޯދީ ހަތަރު ވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑާއި ބައްދަލުކުރި މެޗް ތިން ލަނޑު ސުންލަނޑުން ކާމިޔާބުކޮށްގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ. ނަމަވެސް މިއާއެކުވެސް މިމެޗްގައި ނިއުކާސްލްގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ.

މިމެޗްގެ ފުރަތަމަ ލަނޑު ނިއުކާސްލް އިން ކާމިޔާބުކޮށްފައިވަނީ މެޗްގެ 28 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ މިގުއެލް އަލްމިރޯންއެވެ. އަދި އޭގެ އަށް މިނެޓް ފަހުން ލުއިސް ހާސް ވަނީ ލަނޑެއް ޖަހާ ނިއުކާސްލްގެ ލީޑު ފުޅާކޮށްދީފައެވެ.

މިމެޗްގައި ނިއުކާސްލްގެ ފަހު ލަނޑު މެޗްގެ 60 ވަނަ މިނެޓްގައި ޖަހާދިނީ ޖޯ ވިލޮކްއެވެ. މިމެޗްގައި ޔުނައިޓެޑްގެ ފަރާތުން މާއެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

މިކާމިޔާބީއާއެކު މިމުބާރާތުގެ ކުއާޓާ ފައިނަލުން ނިއުކާސްލް ޖާގަހޯދިއިރު މިއީ 1972 ވަނަ އަހަރަށް ފަހު ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑްގައި ކުޅެ ނިއުކާސްލްއަށް ކާމިޔާބީ ހޯދުނު ދެވަނަ ފަހަރެވެ. އަދި މިއީ ވޭތިވެދިޔަ 93 އަހަރުގެ ތެރޭގައި އެދަނޑުގައި ކުޅެ ނިއުކާސްލްއަށް ހޯދުނު އެންމެ ތަފާތު ބޮޑުވެސް ނަތީޖާއެވެ.

މިނާކާމިޔާބީއާއެކު ޔުނައިޓެޑްއަށް މިވަނީ 1962-63 ވަނަ ސީޒަނަށް ފަހު ސީޒަނެއްގެ ފުރަތަމަ 15 މެޗްގެ ތެރެއިން އަށް މެޗުން ބަލިވި ފުރަތަމަ ފަހަރަށް ވެގެން ގޮސްފައެވެ. އަދި މިއާއެކު ޔުނައިޓެޑް މިވަނީ އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ދެވަނަ މެޗްގައި ތިން ލަނޑު ސުންލަނޑުގެ ނަތީޖާއަކުން ބަލިވެފައެވެ.

މިމުބާރާތުގެ ކުއާޓާ ފައިނަލްގައި ނިއުކާސްލް ބައްދަލުކުރާނީ ޗެލްސީއާއެވެ.