02 Nov 2023, 18:46
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޒަޚަމްވެފައިވާ 20،000އަށް ވުރެ ގިނަ މީހުން ޣައްޒާ ތެރޭގައި އެބަ ތިބި ކަމަށް އިންސާނީ އެހީ ފޯރުކޮށްދޭ ޖަމިއްޔާއެއް ކަމަށްވާ، ޑޮކްޓާސް ވިތްއައުޓް ބޯޑާސްއިން ބުނެފިއެވެ.
އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި މިހެން ބުނެފައިވާއިރު، ޣައްޒާގައި ތިބި ޒަޚަމްވެފައިވާ ބައެއް މީހުން އިއްޔެ ވަނީ ރަފާ ބޯޑަރު ހުރަސްކޮށް، މިސްރަށް ގެންގޮސްފައެވެ.
އިސްރާއީލް ސިފައިންގެ ފައުޖުތައް ޣައްޒާ ވަށާލާއި މެދުކެނޑުމެއްނެތި ދެމުންދާ ވައިގެ ހަމަލާތަކުގެ ސަބަބުން ޒަޚަމްވެފައިވާ މީހުންނަށް ފަރުވާދޭން ދަތިވެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
"ޣައްޒާ ދޫކޮށް ދާން ބޭނުންވާ މީހުންނަށް އިތުރު ލަސްކުރުމެއް ނެތި ދިއުމުގެ ހުއްދަ ދޭން ޖެހޭނެ. އަދި ފަހުން ޣައްޒާއަށް އެނބުރި އައުމުގެ ހައްގުވެސް އެމީހުންނަށް އޮންނަންވާނެ،" އެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވާ ކަމަށް އަލްމަޔާދީން ނޫހުން ރިޕޯޓުކުރެއެވެ.
ޑޮކްޓާސް ވިތައުޓް ބޯޑާސްއިން ވަނީ މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލުމަށްވެސް ގޮވާލާފައެވެ.
ޣައްޒާގެ ހޮސްޕިޓަލްތައް ތޮއްޖެހި ސިއްހީ ނިޒާމު ފުނޑުފުނޑުވަމުން އަންނައިރު، ކޮންމެހެން ބޭނުންވާ ސިއްހީ ފަރުވާދޭ ސާމާނާއި، އިންސާނީ އެހީ ޣައްޒާއަށް ފޯރުކޮށްދޭން ޖެހޭ ކަމަށްވެސް އެ ޖަމިއްޔާވަނީ ބުނެފައެވެ.
އިސްރާއީލުގެ ވައިގެ ހަމަލާތަކުގެ ސަބަބުން ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުވެ، ނުވަތަ އެނޫންވެސް ގޮތް ގޮތުން 2030 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު، އޭގެ ތެރޭގައި 1120 ކުޑަކުދިން ވެސް ހިމެނެއެވެ.
މިދިޔަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ އާންމުންނަށް ދެމުންގެންދާ ރަހުމުކުޑަ ހަމަލާތަކުގެ ސަބަބުން މިހާތަނަށް 8000އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްފައިވެއެވެ.