02 Nov 2023, 17:32
ޖަލު ބަންދަށް ލިބިވަޑައިގަތް ބޮޑު ލުޔާއެކު ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގެންނެވި އެންމެ ފުރަތަމަ ޖަގަހަ ޖަލްސާއިން ޕީޕީއެމްގެ ލީޑާޝިޕްގެ މެމްބަރުން ނުފެނުނީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މަސައްކަތްޕުޅެއްގައި އެ ބޭފުޅުން އުޅުއްވީތީކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް، ޕީއެންސީ ލީޑާޝިޕްގެ ބޭފުޅުން އައްޑޫ ސިޓީއަށް ފުރައިވަޑައިގަތުމުގެ ކުރިން މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އެ ރެއަކީ ޑރ. މުއިއްޒު ސިންގަޕޫރަށް ފުރައިވަޑައިގަތުމަށް އޮތް ރޭ ކަމަށެވެ.
އެހެންވެ ދެ ޕާޓީގެ ލީޑާޝިޕް ބޭފުޅުން ވަޑައިގަތީ އެ މަނިކުފާނު ފުރުވަން ކަމަށް ވިދާޅުވިއެވެ.
"އެ ރޭ އަޅުގަނޑުމެން އެންމެން އައީ އިންތިޚާބީ ރައީސް ފުރުވަން އެއާޕޯޓަށް،" އަދުރޭ ވިދާޅުވިއެވެ.
ޖަލްސާ ފެށުުނު ވަގުތު ޕީޕިއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ހުންނެވިއެވެ. ނަމަވެސް މާ ގިނައިރެއް ނުވެ ޝިޔާމް ވެސް އެ ތަނުން ނުކުންނެވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ އެ ރޭ ޝިޔާމް ނުކުންނެވީ، އެއާޕޯޓަށް ދާ ވާހަކަ ރައީސް ޔާމީންގެ އަރިހުގައި ދަންނަވައިފައި ކަމަށެވެ. އަދި ރައީސް ޔާމީން ބައިިވެރިވެވަޑައިގަންނަވާ އިވެންޓެއްގައި ބައިވެރިނުވުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް ވެސް ވިދާޅުވިއެވެ.
"އެހެންވީމާ އެއްގޮތަކަށް ވެސް އަޅުގަނޑުމެން ރައީސް ޔާމީން ބައިވެެރިވެވަޑައިގަންނަވާ އިވެންޓެއްގައި ބައިވެރިނުވުމުގެ މަގްސަދެއްގައެއް ނޫން އަޅުގަނޑުމެން އެ ކަން ކުރީ،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޑރ. މުއިއްޒަކީ ރައީސް ޔާމީން އެންޑޯސްކުރެއްވި ކެންޑީޑޭޓެއް ކަމަށެވެ. އަދި ޕީޕީއެމް ޕީއެންސީއަކީ އެއް ފިކުރެއްގެ ދެ ޕާޓީކަމަށެވެ.
ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ އިވެންޓުތަކުން ދެ ޕާޓީގެ ލީޑާޝިޕް ނުފެންނާތީ، ފާޑުކިޔުންތައް އަންނަނީ އަމާޒުވަމުންނެވެ. ހަމައެއާއެކު ކަރެކްޝަންސްއިން ރައީސް ޔާމީންގެ ބަންދަށް ދީފައިވާ ލުއިިތައް އުވައިލުމުގެ އިންޒާރު ދިނުމާއެކު ވެސް ލީޑާޝިޕް އޮތީ ހިމޭނުންނެވެ.