ބްރިޖިން ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް)އިން ފަލަސްތީނަށް އެހީވުމަށް ޓަކައި "ހެލްޕް ފަލަސްތީން" ނަމުގައި ހަރަކާތެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

މި ހަރަކާތް ކުރިއަށް ދާނީ މާދަމާ ހަވީރު 4:00އިން 6:00އަށް، ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި ހުންނަ ބްރިޖް ވިއުވިން ޕްލެޓްފޯމްގައެވެ.

މި ހަރަކާތާ ގުޅޭގޮތުން ބީސީއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި ހަރަކާތުގެ މަގުސަދަކީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތަކުގައި އަނިޔާވާ ފަރާތްތަކަށް އެހީ ހޯދައި، އެ ތަކެތި ޣައްޒާގެ ހާލުގައިޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދިނުންކަމަށެވެ.

އެ ހަރަކާތުން އެއްކުރެވޭ ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަން ރެޑް ކްރެސެންޓަށެވެ.

މި އިވެންޓުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި، ޖަމްބަލް ސޭލް، ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ވިއްކުން، ފޭސް ޕެއިންޓިން އަދި ހީނާ އާޓް ހިމެނެއެވެ.

މި އިވެންޓްގެ ހަރަކާތެއްކަމުގައިވާ، ޖަމްބަލް ސޭލްގައި ތަފާތު ސާމާނު ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ބަދިގޭ ސާމާނު، އަންނައުނު، ސްޓޭޝަނަރީޒް އަދި ގޭތެރޭގައި ހިފާގެންގުޅޭ ސާމާނު ހިމެނެއެވެ. މި ހުރިހާ ތަކެއްޗެއް ފޯރުކޮށްދީފައިވަނީ ބީސީއެމްގެ އާންމު މެންބަރުން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

މި ހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ބީސީއެމްއިން އެދެއެވެ.