ދުނިޔޭގެ މުއާސަލާތާއި އިންފޮމޭޝަން ޓެކްނޮލޮޖީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިރާގުގެ އިންޓަނެޓް ހިދުމަތުގެ ތެރެއިން ހޯމް 50ޖީ އާއި ހޯމް 75ޖީ ޕެކޭޖް އަގު ހެޔެކޮށްފި އެވެ.

މި ބަދަލާބެހޭ ގޮތުން ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަން މެނޭޖާ މުހައްމަދު މިރުޝާން ހަސަން މިއަދު ވިދާޅުވީ ދިރާގުގެ އަން ލިމިޓެޑް 50 ޖީ ޕެކޭޖާއި ހޯމް 75 ޖީ ޕެކޭޖުގެ އަގަށާއި ބޭނުންކުރެވޭ މިންވަރަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މި ބަދަލާއެކު ކުރިއަށް އޮތްތަނުގައި 990ރ. ލިބެން ހުރި ހޯމް 50 ޖީ ޕެކޭޖް މިއަދުން ފެށިގެން 790ރ. ލިބެން ހުންނާނެ ކަމަށާއި އަދި ކުރިން 1490ރ. އަށް ވިއްކި 75 ޖީ ޕެކޭޖް އަގުން 500ރ. ތިރިކޮށް މިހާރު 990ރ. ލިބޭނެ ކަމަށެވެ.

"މިހާރު 75 ޖީ ޕެކޭޖުގެ ނަން މިވަނީ ޕްރޯ އަންލިމެޓެޑް ވަން އެމް، 50 ޖީ ޕެކޭޖުގެ ނަން މިވަނީ ޕްރޯ އަންލިމެޓެޑް ޓޫ އެމް އަށް މިއަދުން ފެށިގެން ބަދަލު ގެނެސްފައި." މިރުޝާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގެނައި ބަދަލުގެ ސަބަބުން އެ ދެ ޕެކޭޖަށް ކަނޑައެޅިފައިވާ ޖީބީ ހަމަވުމުން ސްޕީޑް ކޮންމެވެސް ވަރަކަށް ދަށްވާނެ ކަމަށާއި ނަމަވެސް ކުރިއަށް ވުރެ މިދެ ޕެކޭޖްގެ ސްޕީޑް ވެސް ރަނގަޅު ވާނެ ކަމަށެވެ. ނަމަވެސް މަހު ފީއަކަށް ބަދަލެއް ނާދެ އެވެ.