ދައުލަތުގެ ޔުޓިލިޓީ ކުންފުންޏެއް ކަމަށްވާ ފެނަކައިގެ އިދާރީ އަދި މާލީ ހިންގުމުގައި ކަންބޮޑުވާ މިންވަރުގެ ބޮޑެތި ގޯސްތައް ފާހަގަވެފައިވާ ކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން މިއަދު ބުނެފިއެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް ވަނީ ޔުޓިލިޓީގެ ޚިދުމަތް ދޭ ކުންފުނިތަކުން ފާހަގަވި ކަންކަން ހިއްސާކުރައްވައިފައެވެ.

އިންތިޚާބީ ރައީސްގެ އޮފީހުން ހޯދި ހޯދުންތަކުން ފެނަކައިގެ މާލީ ހާލަތު ހުރި ގޮތް:

  • ޖުމްލަ ދަރަނި (2022ގެ ނިޔަލަށް): 4.1 ބިލިއަން ރުފިޔާ

  • އެކިއެކި ސަޕްލަޔަރުންނަށް ނުދެއްކި ހުރި ފައިސާ: 3.2 ބިލިއަން ރުފިޔާ
  • ލޯނުތަކަށް ދައްކަންޖެހޭ އަދަދު: 901 މިލިއަން ރުފިޔާ
  • ފައިސާ ދައްކަންޖެހޭ މުއްދަތު ފާއިތުވެ، އަހަރުވެފައިވާ ބިލްތައް: 958 މިލިއަން ރުފިޔާ
  • ބިލްތަކަށް ފައިސާ ނުދެއްކި ހުރި ވެންޑަރުންގެ އަދަދު: 1،149
  • މުވައްޒަފުންގެ އަދަދު: 2018ވަނަ އަހަރު 2756 - މިހާރު 8،126
  • މުވައްޒަފުންގެ މަހު މުސާރަ: 2018ވަނަ އަހަރު 23 މިލިއަން - މިހާރު 82 މިލިއަން

ފިރުޒުލް ވިދާޅުވި ގޮތުގައި މުވައްޒަފުންގެ އަދަދު އިތުރުވީ ނަމަވެސް އެފިޝެންސީ ނުވަތަ މަސައްކަތްތައް ކުރުމުގެ އަވަސްމިނަށް ހެޔޮ ބަދަލެއް ނާދެއެވެ.

އިންތިޚާބީ ރައީސްގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން --

ގޭގެއަށް ބިލް ތައްޔާރުކުރުން ފަދަ މަސައްކަތްތަކުގައި މިހާރު ފަސޭހަތަކެއް އެބަހުރި ކަމަށާއި އެކަމަކު، މުވައްޒަފުން ކުރަމުން އަންނަ މަސައްކަތަށް ލުއި ލިބުނު ނަމަވެސް އެ ބަދަލު ފެނިފައިނުވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ފިރުޒުލް ވިދާޅުވީ މި އަހަރުގެ މާޗު މަހުގެ ފަހުން މިއަދާ ހަމައަށް އިތުރު 747 މުވައްޒަފުން އިތުރުވުމަކީ ފާހަގަވި އާދަޔާ ޚިލާފު ކަމެއް ކަމަށެވެ.

"މީގެ ތެރެއިން ވެސް އެންމެ ހައިރާންކުރުވަނިވި ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވުނު އެއް ކަމަކީ މި އަހަރުގެ ކުރީކޮޅު، އެއީ މާޗު މަހުގެ ނިޔަލަށް ތަފާސް ހިސާބުތައް ހުރި އަދަދުތަކަށް ބަލައި ޕީސީބީން ކުއާޓާލީ ރިޕޯޓެއް ޝާއިއުކުރައްވައިފައިވޭ. އެެހެންވީމާ މާނައަކީ އެއިރު އެ އަދަދު ހުރީ 7،000 ކޮންމެ ވެސް ވަރެއްގައި، އަޅުގަނޑު ސީދާ އަދަދު މި ވަގުތު ހަނދާނެއް ނެތް،" ފިރުޒުލް ވިދާޅުވިއެވެ.

ހަމައެއާއެކު އިންތިހާއަށް ދަރަނި ބޮޑުވުމުގެ އަސްލަކީ ބޮޑެތި ޑެފެސިޓްތަކެއް ހިމެނޭ ބަޖެޓުތަކެއް ފާސްކުރުން ކަމަށް ވިދާޅުވިއެވެ.

އެގޮތުން ފިރުޒުލް ވިދާޅުވީ މިދިޔަ އަހަރު ފެނަކައިން ފާސްކުރި ބަޖެޓުގައި 1.6 ބިލިއަން ރުފިޔާގެ ޑެފެސިޓް ނުވަތަ އެ މިންވަރަށް ދަރަނި ހުންނާނެ ކަމަށް ލަފާކޮށްފައިވާ ކަމަށެވެ.

މި އަހަރުގެ ބަޖެޓުގައި 960 މިލިއަން ރުފިޔާގެ ޑެފިސިޓް ނުވަތަ ދަރަނި ފާސްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ ޑެފެސިޓަށް ފައިނޭންސް ކުރާނެ އެއްވެސް ހަރުދަނާ އުސޫލެއް ފާހަގަކޮށްފައި ނެތް ކަމަށް ވިދާޅުވިއެވެ.

"ހަމައެއާއެކު ފާހަގަކުރެވޭ ކަމަކީ ކުންފުނީގެ އިދާރީ އަދި މާލީ ހިންގުމުގެ ތެރެއިން އަޅުގަނޑުމެންނަށް ފާހަގަވާ ކަމަކީ ކުންފުނީގެ ބަޖެޓު ފާސްކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ނުހިފެހެއްޓިފައި ހުރިކަން،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފިރުޒުލް ވަނީ ސްޓެލްކޯ، ވެމްކޯ، އަދި އެމްޑަބްލިއުއެސްސީގެ ހާލަތު ވެސް ހިއްސާކުރައްވައިފައެވެ.

ފިރުޒުލް ވިދާޅުވީ އެ މައުލޫމާތުތައް އާންމުކުރީ ޝަކުވާކުރުމުގެ ބޭނުމުގައި ނޫން ކަމަށެވެ. ނަމަވެސް މައުލޫމާތަށް މުހިންމު ކަންކަން ކަމުގައިވުމުން ކަމަށެވެ. އަދި، އާ ސަރުކާރުން އެންމެ މުހިންމު ގޮތެއްގައި ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ދަރަނި ފިލުވުން ހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ފެނަކައިގެ ދަރަނި އިތުރުވެފައިވުން ފާހަގަވެފައިވަނީ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައެވެ.