02 Nov 2023, 14:40
ފަލަސްތީނުގެ ހާލުގައި ޖެހިފައި ތިބި 1،000 މީހުނަށް ގދ. ވާދޫން ވަގުތީގޮތުން ބިން ދިނުމަށް މަޝްވަރާކުރުމަށް ކައުންސިލުން މިއަދަށް އެޖެންޑާ ކުރި ބައްދަލުވުން ނުބޭއްވުން ކަމަށް އެރަށު ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ވާދޫން ނިންމާފައި ވަނީ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ 1،000 މީހުންނަށް އެ ރަށުން ވަގުތީ ގޮތުން ބިން ދިނުމަށާއި އެ ރަށަށް ރާޅާ އެޅުމަށް ދާ އިޒްރޭލުގެ ޓޫރިސްޓުން އެ ރަށަށް ނޭރޭ ގޮތް ހެދުމަށް މަޝްވަރާ ކުރުމަށެވެ.
މިކަމާ ގުޅިގެން މިއަދު "ސަން"އާ ވާހަކަ ދައްކަމުން ހަސަން އަބްދުﷲ ވިދާޅުވީ، މިއަދަށް އެޖެންޑާކުރި ބައްދަލުވުން ނުބޭއްވުނީ ކައުންސިލްގެ ނައިބު ރައީސް ހާޝިރު މުހައްމަދާއި މެމްބަރު މާރިޔަތު އިބްރާހީމް އެކަމަށް ތާއީދު ނުކޮށް ބައްދަލުވުން ބޮއިކޮޓް ކުރުމުން ކަމަށެވެ.
އޭނާ ވިދާޅުވީ ވިސްނުމަކީ ވާދޫގައި ފަލަސްތީނު ރައްޔިތުން އަބަދަށް ރަށްވެހި ކުރުވުން ނޫން ކަމަށެވެ.
"... ފަަސްތީނުގެ ނިކަމެތި މުސްލިމުންނަށް އެހީތެރިކަމެއް ފޯރުކޮށްދެވޭނީ، އެ މީހުންގެ ބިން އެ މީހުންނަށް ލިބެންދެން އެ މީހުން ބޭނުން ކަމަށް ވަންޏާ އެހެންތަނެއްގައި ދިރިއުޅުވައި ދީގެން. ވަގުތީ ގޮތުން. އެހެންވީމަ އެއީ ކައުންސިލްގެ ރައީސްގެ މައިގަނޑު ވިސްނުމަކީ،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ، ފަލަސްތީނު ރައްޔިތުން ވަގުތީ ގޮތުން ވާދޫގައި ދިރިއުޅެން އައުމުގެ ފުރުސަތުތައް ކުޑަ ކަމަށެވެ. ނަމަވެސް ކައުންސިލުން އެ ޝުއޫރު ފާޅުކުރީ ވާދޫގެ ރައްޔިތުން ތިބީ ފަލަސްތީނު ރައްޔިތުންނާ އެކީކަން ސާބިތުކޮށްދީ އަދި ފަލަސްތީނު ރައްޔިތުން ބޭނުންވާ ނަމަ ވަގުތީ ގޮތުން އެ ރަށުގައި ދިރިއުޅުމުގެ ފުރުސަތު އޮތްކަން ހާމަކޮށްދިނުމަށް ކަމަށް ހަސަން އަބްދުﷲ ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާ ނުބޭއްވުމުން މިކަމާމެދު އަދި ވަނީ ގޮތެއް ނުނިންމިފައެވެ. ހަސަން އަބްދުﷲ ވިދާޅުވީ މިކަން ކުރިއަށް އޮތް ތަނުގައި ވެސް އެޖެންޑާކޮށް ގޮތް ނިންމުމަށް މަޝްވަރާ ކުރާނެ ކަމަށެވެ.
ވާދޫން އިއްޔެ މިކަން ހާމަކުރުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 8،700އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް، 22،200އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލާފައެވެ.