02 Nov 2023, 14:21
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮއްވައި، އެ މައްސަލައާ މެދު އެ ކޯޓުން ގޮތެއް ނުނިންމެނީސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ނުކުރެވޭނެ ކަމަށް، ނަޝީދު ނިސްބަތްވާ ދަ ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ވަނީ 49 މެންބަރުންގެ ސޮޔާ އެކު މަޖިލީހުގެ ރިޔާސަތުން ނަޝީދު ވަކިކުރަން ހުށަހަޅައިފައެވެ. އެކަމަކު، މިދިޔަ އާދިއްތައިން ފެށިގެން އަދިވެސް ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން އެ މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ.
އެމްޑީޕީން ސުޕްރީމް ކޯޓަށް ދިޔައީ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ކޯޓުން ކަނޑައަޅައިދޭން އެދިއެވެ.
އެ މައްސަލައާ ގުޅިގެން މައިނޯރިޓީ ލީޑަރު އާޒިމް އިއްޔެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާއަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ މަޖިލީހުގެ ގަވާއިދުތަކާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް، އެ މައްސަލައާ މެދު އެ ކޯޓުން ގޮތެއް ކަނޑަނާޅަނީސް ނަޝީދުގެ މައްސަލަ އެޖެންޑާ ކުރެވިދާނެ ކަމަށް ގަބޫލުނުކުރައްވައި ކަމަށެވެ.
"އެމްޑީޕީން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުގައި ވަނިކޮށް، ހަމަ އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ބަހުސްކޮށް ގޮތެއް ނިންމުމަކީ ސުޕްރީމް ކޯޓުގައި އޮތް މައްސަލައިގައި ކޯޓަށް ނުފޫޒު ފޯރާނޭ މަސައްކަތެއް ކަމުގައި ދެކޭތީ އެ މައްސަލައާ މެދު ގޮތެއް ނިންމަންދެން މި މައްސަލަ އެޖެންޑާ ކުރެވިދާނެ ކަމަށް ނުދެކެވެ،" އެ ސިޓީގައި ވެއެވެ.

މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަލީ އާޒިމް ނޫސްވެރިންނާ ބައްދަލުކުރެއްވުން -- ފޮޓޯ/ މަޖިލިސް
އާޒިމް އެހެން ވިދާޅުވި ނަމަވެސް އަންނަ އާދިއްތަ ދުވަހަށް ވެސް މަޖިލީހުން އޮތީ ނަޝީދުގެ މައްސަލަ އެޖެންޑާ ކޮށްފައެވެ. އެއީ، އެ މައްސަލަ އެޖެންޑާ ކުރި ފަސްވަނަ ފަހަރެވެ. މުޅި މި ހަފުތާގައި ނަޝީދުގެ ކޮއްކޯފުޅު އީވާ ސަލާން ވިދާޅުވުމުން ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އޮތީ ހުއްޓިފައެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ރިޔާސަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއްގައި ރިޔާސަތު ބަލަހައްޓާނީ ނައިބު ރައީސެވެ. ނައިބު ރައީސް ނެތް ހާލަތެއްގައި އަމަލު ކުރާނެ ވަކި ގޮތެއް އެ ގަވާއިދުގައި ބަޔާންކޮށްފައެއް ނެތެވެ.
އެކަމަކު، މަޖިލީހުގެ ގަވާއިދުގައި އާންމު ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަން އޮންނަ ގަވާއިދުގެ ތެރެއިން އެ ޖަލްސާގެ ރިޔާސަތު ވެސް ބެލެހެއްޓޭނެ ކަމަށް އެމްޑީޕީން ގަބޫލުކުރެއެވެ. އަދި، މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އިތުރު އެއްވެސް މަސައްކަތެއް މަޖިލީހުން ކުރަންވާނީ ރިޔާސަތުގެ އިތުބާރުގެ މައްސަލައާ މެދު ގޮތެއް ނިންމައިފައެވެ.
އެހެންވެ، އެމްޑީޕީން ވަނީ ނަޝީދު ވަކި ކުރުމާ މެދު ގޮތެއް ނުނިމެނީސް އިންތިޚާބީ ރައީސްގެ ހުވާ ބަލައިނުގަނެ، ކެބިނެޓަށް ވެސް ރުހުން ނުދޭން ނިންމައިފައެވެ.