02 Nov 2023, 13:49
އދ. މަޖިލިސް (02 ނޮވެންބަރު 2023): އަމިއްލަ ނަފުސު ދިފާއު ކުރުމުގެ ހައްގު އޮންނާނެ ކަމަށް ބުނެ އިސްރާއީލުން ދައްކަނީ އަސާސެއް ނެތް ވާހަކައެއް ކަމަށާއި އަމިއްލަ ނަފުސު ދިފާއުކުރުމުގެ ހައްގު އިސްރާއީލަށް ނޯންނާނެ ކަމަށް އދ. ގެ ސަލާމަތީ މަޖިލީގައި ބުނެ ރަޝިއާއިން އިސްރާއީލަށް ގޮންޖަހައިފިއެވެ.
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާތަކާ ނަސްލު ނައްތައިލުމުގެ އަމަލުތައް ހުއްޓުވުމާ ބެހޭ ގޮތުން އދ. ގެ ސަލާމަތީ މަޖިލީހުގައި ކުރި ސައްލާއެއްގައި އދ. ގައި ހުންނަވާ ރަޝިއާގެ ދާއިމީ މަންދޫބު ވިސީލީ ނިބިންޒިޔާ ވިދާޅުވީ އިސްރާއީލަކީ ފަލަސްތީނުގެ ބިން ގަދަބާރުން ހިފައިގެން އުޅޭ ގައުމަކަށްވާތީ އިސްރާއީލާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދު ކުރުމުގެ ހައްގު ފަލަސްތީނަށް އޮންނާނެ ކަމުގައެވެ.
ނަމަވެސް އަމިއްލަ ނަފުސުގެ ދިފާއުގައި ފަލަސްތީނުގެ އެއްވެސް ތަނަކަށް ހަމަލާދީ ފަލަސްތީނުގެ ރައްޔިތަކާ ދެކޮޅަށް ކަމެއްކުރުމުގެ ހައްގު ބައިނަލްއަޤްވާމީ ގާނޫނުތަކުގައި އިސްރާއީލަށް ނޯންނާނެ ކަމުގައެވެ. ސަބަބަކީ އިސްރާއީލަކީ އިސްތިއުމާރީ ބާރެއްގެ ހައިސިއްޔިތުން ފަލަސްތީނަށް ވެރިވެގަނެގެން އުޅޭ އިސްތިއުމާރީ ބާރަކަށްވާތީކަން ރަޝިއާގެ މަންދޫބު ފާހަގަ ކުރެއްވިއެވެ.
ފަލަސްތީނުގެ މުޖާހިދުން ބުނާ ގޮތުން އެ މީހުން އިސްރާއީލަށް ހަމަލާ ދެނީ އިސްރާއީލުން ފަލަސްތީނަށް ވެރިވެގަނެ ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށްގެން އުޅޭތީ އެ ކަމާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދު ކުރުން އދ. ގެ ޗާޓަރާއި ބައިނަލްއަޤްވާމީ ގާނޫނު ހުއްދަކުރާތީއެވެ.
ނަމަވެސް މުޖާހިދުންގެ ހަމަލާތަކާ ގުޅިގެން އިސްރާއީލު މައިގަނޑު ގޮތެއްގައި ހަމަލާދެނީ ފަލަސްތީނުގެ އާންމުންގެ ގެދޮރަށާއި ސްކޫލްތަކާއި ހޮސްޕިޓަލްތައް ފަދަ މަދަނީ ތަންތަނަށެވެ. މި ތަންތަނަށް ދޭ ހަމަލާ އިސްރާއީލުން ސިފަ ކުރަނީ އަމިއްލަ ނަފުސު ދިފާއު ކުރުމުގެ ގޮތުންދޭ ހަމަލާތަކުގެ ގޮތުގައެވެ.
އިސްރާއީލުގެ އަނިޔަވެރިކަމާއި އިސްތިއުމާރަށް ވާގިވެރިވާ އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް ވެސް އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގާ ޖަރީމާތައް ސިފަ ކުރަނީ އަމިއްލަ ނަފުސުގެ ދިފާއުގައި ދޭ ހަމަލާތަކެއްގެ ގޮތުގައެވެ.
މިދިޔަ މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގައި އިސްރާއީލަށް ލިބުނު ނާކާމިޔާބީތަކާ އަދި ބޮޑެތި ގެއްލުންތަކާ ގުޅިގެން އިސްރާއީލުން ގެންދަނީ ޣައްޒާގެ އާންމުންގެ ގެދޮރަށާއި ހޮސްޕިޓަލްތަކާއި ކްލިނިކްތަކާއި ޕަވާ ސްޓޭޝަންތަކަށް އަމާޒުކޮށްގެން ވަރަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުންނެވެ.
މި ހަމަލާތަކުގައި މިހާތަނަށް 8،000 އަށް ވުރެ ގިނަ އާންމުން ޝަހީދުކޮށްލާފައިވާއިރު 20،000 އަށް ވުރެ ގިނަ އާންމުން ވަނީ ޒަޚަމްކޮށްލާފައެވެ. ނަމަވެސް ހަމާސް ޖަމާއަތުގެ މުޖާހިދުންނާ ކުރިމަތިލާން އިސްރާއީލަށް ކެރެނީ ވަރަށް ފިނޑި އަދި ވަރަށް ވަނދު ގޮތަކަށް ވަރަށް މަދުންނެވެ. ގިނަ ފަހަރު ކުރިމަތިލުމަށް ފަހު ވެސް ބިރުން ފިލަނީއެވެ. މުޖާހިދުންނާ ކުރިމަތިލުމަށްޓަކައި އެއްގަމުން ޣައްޒާއަށް ވަންނަ ކޮންމެ ފަހަރަކު ވެސް ހަމާސްއިން އިސްރާއީލު ސިފައިންގެ އެތައް ބަޔަކު މަރާލައެވެ.
ހަމާސްއިން ވަނީ އިސްރާއީލުގެ ޖަލުތަކުގައިވާ ފަލަސްތީނުގެ އަސީރުން މިނިވަންކުރާގޮތަށް އެ ޖަމާއަތުން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގައި ހައްޔަރުކުރި އިސްރާއީލުގެ އަސީރުން މިނިވަންކުރަން ތައްޔާރަށް އޮތްކަން މާ ކުރިން ވެސް ހާމަކޮށްފައެވެ. ނަމަވެސް އިސްރާއީލު ގެންދަނީ މިކަމާ ދެކޮޅު ހަދައި އެމެރިކާގެ އެހީގައި އެމެރިކާގެ ހަތިޔާރުގައި ޣައްޒާގެ އާންމުންގެ ބޮލަށް ބޮންއަޅައި ގަތުލުއާންމުތައް ހިންގަމުންނެވެ. ހަތިޔާރު ނެތް އާންމުން މެރުމަކީ އިސްރާއީލަކީ ބާރުގަދަ ގައުމެއްކަން ހާމަވެގެންދާނެ ކަމެއް ކަމަށް އިސްރާއީލު ދެކެއެވެ.
ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ގަތުލުއާންމުތައް ދިފާއުކޮށް އިސްރާއީލުގެ ދިފާއުގައި އދ. ގެ ސަލާމަތީ މަޖިލީހުން އެމެރިކާ ފާސްކުރަން އުޅުނު ދެ ގަރާރަކަށް ރަޝިއާ ވަނީ ހުރަސް އަޅައި އެދެގަރާރު ވީޓޯކޮށްފައެވެ.