17 May 2012, 18:17
ސަރުކާރު ހިންގުމުގައި ކޯލިޝަން ޕާޓީތަކުގެ އެއްވެސް ޕްރެޝަރެއް ކުރިމަތި ނުވާކަމަށް ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް 100 ދުވަސް ހަމަ ވުމާއި ގުޅިގެން މިއަދު ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދެއްކެވުމަށް ފަހު ނޫސްވެރިންގެ ސުވާލް ތަކަށް ޖަވާބުދެއްވަމުން ރައީސް ވަހީދު ވިދާޅުވީ ސަރުކާރު ހިންގާ ކޯލިޝަނުގެ ތެރޭގައި ހިމެނޭ ޕާޓީތަކުގެ ތިއްބެވި ގާބިލް ބޭފުޅުންގެ ސަރުކާރުގެ އެކި ވެރިންގެ ފެންވަރުގައި މަސައްކަތްކުރައްވާތީ އެމަނިކުފާނަށް އެއްވެސް ވަރެއްގެ ޕްރެޝަރެއް ނާންނަ ކަމަށެވެ.
"ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުން އަޅުގަނޑަށް އެއްބާރުލުން އެބަދޭ. މިވަގުތު އެމްޑީޕީ ފިޔަވާ މިހުރިހާ ޕާޓީތަކުގެ އެހިތެރިކަން ދެއްވައިގެން ގާބިލް ބޭފުޅުން އެކިއެކި މަގާމުތަކައި ހަވާލުވެވަޑައިގެންނަވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާތީ އަޅުގަނޑުމެންނަށް މިހާ ރަނގަޅަށް މިކަންތައް ކުރެވެމުން މިގެންދެވެނީ އެހެންކަމުން ހުރިހާ ސިޔާސީ ޕާޓީތަކަށާއި ޕާޓީތައް ހިންގަވާ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ ކޯލިޝަން ސަރުކާރެއްގެ ތެރޭގައި އެކި ފިކުރުގެ ގިނަ ޕާޓީތަކެއް ހިމެނިފައިވާ ބަޔަކާއެކު މަސައްކަތް ކުރެއްވުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށާއި ނަމަވެސް މާބޮޑު ނުތަނަވަސް ކަމެއް އެޕާޓީތަކުގެ ފުށުން ނުފެންނަ ކަމަށެވެ.
"އަޅުގަނޑަކަށް ކޯލިޝަން ތެރެއިން ޕްރޭޝަރެއް ނާދޭ. މިވަރުގެ ބޯޑު ކޯލިޝަން ސަރުކާރެއް ހިންގުމަކީ ފަސޭހަކަމަކަށް ނުވާނެ. ބައެއް ފަހަރު ކުދި ކުދި މިސްއަންޑެސްޓޭންޑިން އުފެދުމަކީ އެކަށީގެންވާ ކަމެއް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މަސައްކަތްކުރައްވަނީ ވަކިފަރާތަކަށް ބުރަނުވެ ކޯލިޝަނުގެ ހިމެނޭ ހުރިހާ ޕާޓީތަކަށް ވެސް އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު މަސައްކަތް ކޮށްދެވޭތޯ ކަމަށާއި ބައެއް ފަހަރު އެއް ޕާޓީ ކުރާކަންކަމަށް އަނެއް ޕާޓީން ހިންހަމަ ނުޖެހުނުކަމަށް ވިޔަސް އެކަމަ ގުޅެ މައުލޫމާތު ހިއްސާކޮށް އެކަންކަން ރަނގަޅުކުރެވެތޯ މަސައްކަތް ކުރައްވާ ކަމަށެވެ.
"އަޅުގަނޑު ވަރަށް އުފާވޭ ވަރަށް ފަހުރުވެރިވޭ 100 ދުވަހުގެ ތެރޭގައި މި ކޯލިޝަން ވަރަށް އެކުވެރިކަމާއެކީ މަސައްކަތް ކުރައްވަމުން ގެންދަވާތީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބޭރުގެ ބަޔަކު ގެނެސް ރާއްޖެއަށް ނުތަނަވަސްކަން ފޯރުވުމަށް އެމްޑީޕީން މަސައްކަތް ކުރި ކަމަށާއި ބައެއްގެ ނުފޫޒާއެކު ކޮމަންވެލްތުގައި ތިއްބެވި ރައްޓެހިންނާއި ގުޅއިގެން ސީމެގުގެ އެޖެންޑާގައި ރާއްޖޭގެ މައްސަލަ ކޮމަންވެލްތުގެ ގަވާއިދާ ހިލާފަށް ހިމެނުއްވެވި ކަމަށެވެ.
"ވަރަށް ނުތަނަވަސް ދަނޑިވަޅެއްގައި ކޮމަންވެލްތާ ގުޅިގެން ކޮމަން ވެލްތުގައި ތިއްބެވި ބައެއް ރައްޓެހިން ބޭރު ގައުމުތަކުގެ ބޮޑެތި ބޭފޫޅުންނާ ގުޅައިގެން ކޮމަންވެލްތުގެ ގަވާއިދުތަކާއި ހިލާފަށް ސީމެގުގެ އެޖެންޑާގައި ރާއްޖެ ހިމެނީ އެއީ ކޮމަންވެލްތުން ވެސް ކޮށްގެން ވާނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޮމަންވެލްތުން އެކަން ކޮށްފައިވާނީ ގާވައިދުތަކާއި އެއްގޮތަށް ނޫންކަމަށާއި އެ މައްސަލާގައި ރާއްޖެއިން ވަރަށް ބޮޑަށް ހުޅުވިފައި ވުމުގެ ސަބަބުން ސީމެގުގެ އެޖެންޑާއިން ރާއްޖެ ވަރަށް އަވަހަށް ނަގާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.