02 Nov 2023, 11:16
ޣައްޒާއަށް ބޮން އެޅުން ހުއްޓާލައިފިނަމަ އިސްރާލާއެކު ސިޔާސީ މަޝްވަރާތަކަށް ދާން ތައްޔާރު ކަމަށް ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ ސިޔާސީ ލީޑަރު އިސްމާއީލް ހާނިޔާ ވިދާޅުވެއްޖެއެވެ.
ވީޑިއޯ މެދުވެރިކުރައްވައި ދެއްވި މެސެޖެއްގައި ހާނިޔާ ވިދާޅުވި ގޮތުގައި ވަކި ޝަރުތުތަކަކާއެކު އިސްރާއީލާއެކު ސިޔާސީ މަޝްވަރާތަކަށް ދާން ހަމާސް އޮތީ ތައްޔާރަށެވެ. އަލްމަޔާދީން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބޮން ހުއްޓާލާއިފިނަމަ، "ޓޫ ސްޓޭޓް ސޮލިއުޝަން" މަޝްވަރާތަކަށް ދާން ހަމާސް ތައްޔާރެވެ.
ހާނިޔާގެ މި މެސެޖާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ވަކި އެއްޗެއް ހާމަކޮށްފައެއްނުވެއެވެ.
ޔަމަން، އިރާގު، ސޫރިއާ، އަދި ލުބުނާނުން ހަމާސްއަށް ކުރާ ތާއީދަށް ވެސް ހަމާސްގެ ލީޑަރު ވަނީ ތައުރީފު ކުރައްވާފައެވެ.
ޢައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 20,200 އަރާއިރު އޭގެ ތެރޭގައި 2,000 އަށްވުރެ ގިނަ ކުޑަކުދިންނާއި 1,400 އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ. ޣައްޒާގެ މުސްލިމުން ދިރިއުޅޭ ގެދޮރުގެ 45 އިންސައްތަ މިހާރު ވަނީ ސުންނާފަތި ކޮށްލާފައެވެ.