02 Nov 2023, 09:07
ތެޔޮ ހުސްވެ، ޔަހޫދީން އިއްޔެ ދިން ބޮމުގެ ހަމަލާތަކާ ވެސް ގުޅިގެން ތުރުކީވިލާތުގެ އެހީގައި ގާއިމުކޮށްފައި ހުންނަ ޣައްޒާގެ ހަމައެކަނި ކެންސަރަށް ފަރުވޭދޭ ހޮސްޕިޓަލް މުޅިން ހުއްޓުމަކަށް އައިސްފައިވާ ކަމަށް ފަލަސްތީނުގެ ސިއްހީ ވަޒީރު މިއާ އަލްކައިލާ ވިދާޅުވެއްޖެއެވެ.
އިސްރާއިލުން ވައިގެ މަގުން ދޭ ބޮމުގެ ހަމަލާތަކުގެ ސަބަބުންނާއި ތެޔޮ ހުސްވުމުގެ ސަބަބުން ޣައްޒާގައި ހުންނަ 35 ހޮސްޕިޓަލްގެ ތެރެއިން 16 ހޮސްޕިޓަލެއްގެ މަސައްކަތްތައް މިހާރު ވެސް ހުއްޓިފައިވާ ކަމަށް އަލްކައިލާ ފާހަގަކުރެއްވިއެވެ.
ކެންސަރަށް ފަރުވާދޭ ހޮސްޕިޓަލް ހުއްޓުމަކަށް އައުމުން އެ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދާ 70 މީހުންގެ ފުރާނަ ގެއްލިދާނެ ކަމަށް އަލްކައިލާ ވިދާޅުވިއެވެ. ކެންސަރު ބައްޔަށް ފަރުވާ ހޯދާ 2000 މީހުން މިހާރު ވެސް ޣައްޒާގައި އެބަ ތިބި ކަމަށް ވަޒީރު އިތުރަށް ވިދާޅުވިއެވެ.
ޣައްޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލް، އަލް ޝިފާ ހޮސްޕިޓަލް ވެސް ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ހުއްޓުމަކަށް އައިސްދާނެކަމުގެ ކަންބޮޑުވުން ވެސް އަލްކައިލާ ވަނީ ފާޅުކުރައްވައިފައެވެ. ކުއްލި ހާލަތު، އޮޕަރޭޝަން ޑިޕާޓްމެންޓް، ކިޑްނީ ޑައިލިސިސް، އިންޓެންސިވް ކެއާ، އަދި އިންކިއުބޭޓަރ ވޯޑްތަކަކީ އެ ހޮސްޕިޓަލްގެ މިހާރު ހަމައެކަނި ހިދުމަތް ދެވޭ ތަންތަނެވެ. ޝިފާ ހޮސްޕިޓަލަށް މީހުން ތިބެން ޖެހޭ މިންވަރަށްވުރެ އިތުރަށް މިހާރު ވެސް ތިބިއިރު، އެ ތަނުގެ މުވައްޒަފުން މަދުކަން ވެސް ފާހަގަކޮށްލެވެއެވެ.
ބަލި މީހުންގެ އިތުރުން ޔަހޫދީ އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ 50،000 މީހުން ވެސް ތިބީ ހޮސްޕިޓަލްގެ ހިޔާވަހިކަން ހޯދައިގެންނެވެ. ހޮސްޕިޓަލް ކައިރިއަށް މިހާރު ވެސް ވައިގެ އެކި ވަރުގެ ހަމަލާތައް ދެމުން އަންނައިރު، ކޮންމެ ވަގުތަކު ވެސް ހޮސްޕިޓަލަށް ބޮން އަޅާފާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އަލްކައިލާ ވިދާޅުވިއެވެ.
ޒަޚަމްވެފައިވާ އެތައް ބަޔަކު ޣައްޒާގައި މި ވަގުތު ތިބިއިރު، އިތުރު ފަރުވާއަށް މިސްރަށް ގެންދިއުމަށް ޣައްޒާއިން ނުކުމެވުނީ އެންމެ 81 މީހުންނަށްކަން ވެސް އަލްކައިލާ ފާހަގަކުރެއްވިއެވެ.
ޔަހޫދީ އިސްރާއީލުގެ އަނިޔާވެރިކަން ހުއްޓާލައި، ބޭހާއި ސިއްހީ ފަރުވާއަށް ބޭނުންވާ ސާމާނު ޣައްޒާއަށް ވެއްދުމުގެ ހުއްދަ ދިނުމުގެ އިތުރުން ޒަޚަމްވެފައިވާ މީހުންނަށް ހިދުމަތް ދިނުމަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ ދަރުމަވެރި ޓީމުތައް ޣައްޒާއަށް ވަނުމުގެ ހުއްދަ ދިނުމަށް އަލްކައިލާ ވަނީ ތަކުރާރުކޮށް ގޮވައިލައްވާފައެވެ.