ބޮލީވުޑްގައި ކުރި ހޯދަމުން އަންނަ ޒުވާން އެކްޓަރު އިޝާން ހައްތަރު އަސްކަރިއްޔާ އޮފިސަރެއްގެ ރޯލް ކުޅޭ ފިލްމު "ޕިއްޕާ" ސިނަމާތަކުގައި ނާޅުވާ މި މަހު އެމޭޒަން ޕްރައިމްގައި ސްޓްރީމް ކުރާ ގޮތަށް ނިންމައިފިއެވެ.

މި ފިލްމަކީ، އިންޑިއާގެ ނެޝަނަލް އެވޯޑް ހޯދި ފިލްމު "އުރި:ދަ ސާޖިކަލް ސްޓްރައިކް" އުފެއްދި ރޮނީ ސްކްރޫވާލާގެ ފިލްމެކެވެ.

ފިލްމު "ޕިއްޕާ" މީގެ ކުރިން ރިލީޒް ކުރަން ނިންމީ ތިއޭޓަރު ތަކުގައެވެ. ނަމަވެސް ދާދި ފަހުން ސިނަމާތަކުގައި އެޅުވި ރޮނީ ސްކްރޫވާލާގެ ފިލްމު "ތެޖަސް"އަށް ލިބުނު ތަރުހީބު ކުޑަކަމާ އެކު އެންމެ ބުއްދިވެރި ގޮތަކީ "ޕިއްޕާ" ޑިޖިޓަލް ޕްލެޓްފޯމަކަށް ވިއްކާލުން ކަމަށް ރޮނީއަށާއި ފިލްމު ގެނެސްދޭ ކުންފުންޏަށް ޤަބޫލު ކުރެވިފައިވާ ކަމަށް ރިޕޯޓު ތަކުން ވަނީ ބުނެފައެވެ.

ފިލްމު "ޕިއްޕާ" އުފައްދާފައި ވަނީ 75 ކްރޯޑް ރުޕީސްއިން ނަމަވެސް ފިލްމަށް އިތުރަށް ކުރެވުނު ޚަރަދު ބޮޑުވުމުން ފިލްމަށް ބެލުންތެރިންގެ މެދުގައި ހިނގާނެކަމާ މެދު އިންވެސްޓަރުންގެ މެދުގައި މިހާރު ވަނީ ސުވާލު އުފެދިފައެވެ.

ފިލްމު "ޕިއްޕާ"ގެ މަންޒަރުތައް ދައްކުވައިދޭ ޕޯސްޓަރެއް

ސިނަމާތަކުގައި ފިލްމު އަޅުވައިގެން ގެއްލުން ލިބިއްޖެނަމަ އެއް ފަހަރާ ދެ ފިލްމު ފެއިލްވެ ރޮނީއަށާއި ޕްރޮޑަކްޝަން ހައުސްއަށް ފޫނުބެއްދޭނެ ވަރުގެ ގެއްލުމަކައި ކުރިމަތިލާން ޖެހޭނެ ކަމަށް ފިލްމުގެ އިންވެސްޓަރުން ލަފާ ދީފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓުތަކުގައި ވަނީ ބުނެފައެވެ.

މި ހިނގާ ނޮވެމްބަރ 10 ވަނަ ދުވަހު އެމޭޒަން ޕްރައިމްގައި ސްޓްރީމު ކުރުމަށް ތައްޔާރު ވެފައިވާ "ޕިއްޕާ"އަކީ 1971ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ކުރެވުނު ހަނގުރާމައިގެ ހާދިސާގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. އިޝާންގެ އިތުރުން ފިލްމުން ބަތަލާ މްރޫނަލް ތާކުރު، ބަތަލާ އާލިއާ ބަޓްގެ މަންނަ ސޯނީ ރަޒްދާން އަދި ޕްރިޔާންޝޫ މުހިއްމު ރޯލުން ފެންނާނެއެވެ.