02 Nov 2023, 08:43
އެކްޓަރު ސަލްމާން ޚާންއަށް ބޮޑު ބޭބެ ކިޔާ އަލީޒޭ އަގްނިހޯތުރީ ބޮލީވުޑަށް ތަޢާރަފުވާ ފިލްމު "ފަރޭ"ގެ ޓްރެއިލާ ރިލީޒް ކުރުމަށް ފަހު ފިލްމު ސިނަމާތަކަށް ގެންނަ ދުވަސް އިއުލާނު ކޮށްފިއެވެ.
އަލީޒޭ ބޮލީވުޑަށް ތަޢާރަފުވާ ފިލްމު "ފަރޭ"އަކީ ނެޝަނަލް އެވޯޑް ހޯދާފައިވާ ޑައިރެކްޓަރު ސޮމެންދުރަ ޕަދީ ޑައިރެކްޓްކޮށް ސަލްމާން ޚާންގެ އަމިއްލަ ކުންފުނިން ގެނެސްދޭ ފިލްމެކެވެ.
އަލިޒޭ ލީޑް ރޯލު ކުޅޭ މި ފިލްމަކީ، ޒުވާން ޢުމުރު ފުރައިގެ ކުދިން ތަޢުލީމީ ރޮނގުން ކާމިޔާބީގެ ހަރުފަތްތައް ހާސިލު ކުރުމުގައި ދިމާވާ ގޮންޖެހުންތައް ދައްކުވައިދޭ މި ޒަމާނުގެ ޒުވާނުންނާ ވަރަށް ގުޅޭ ވާހަކަތަކެއް ކިޔައިދޭ ތުރިލާ އެކެވެ. އަލީޒޭއާ އެކު ފިލްމުގެ މުހިއްމު ރޯލުން މުޅިން ވެސް ފެންނާނީ ޒުވާން އާ މޫނުތަކެކެވެ.
ފިލްމު "ފަރޭ"އިން އަލީޒޭގެ މައިންބަފައިންގެ ރޯލުން އެކްޓަރު ރޮނިތު ރޯއި އަދި ކުރީގެ އެކްޓަރު ރާޖު ބައްބަރުގެ ދަރިފުޅު ޖޫހީ ބައްބަރު ފެންނާނެއެވެ.
ކެރިއަރުގެ ފުރަތަމަ ފިލްމެއްގެ ގޮތުގައި ތުރިލާއެއް އިޚުތިޔާރު ކުރީ ކީއްވެތޯ ނޫސްވެރިއަކު އެހުމުން 23 އަހަރުގެ ޒުވާނާ ބުނީ، ފިލްމު އިންޑަސްޓްރީ އަކީ އަބަދު ވެސް ބަދަލުވަމުންދާ ވިޔަފާރި ހިނގާ އިންޑަސްޓްރީއެއް ކަމަށާއި ބޭނުންވީ ބެލުންތެރިން ހީ ވެސް ނުކުރާކަހަލަ ފިލްމަކުން އޯޑިއަންސާ ކުރިމަތިލާން ކަމަށެވެ. މި ފިލްމުގެ ކޮންޓެންޓުގެ ބުރަދަނަށް ބެލުމަށް ފަހު ފިލްމު އިޚުތިޔާރު ކުރީ ވަރަށް ވިސްނުންތެރިކަމާ އެކު ކަމަށް ފިލްމީ ދާއިރާގެ ތަޖުރިބާކާރުންގެ ލަފާއާ އެކު ކަމަށް އަލީޒޭ ވަނީ ބުނެފައެވެ.

އަލީޒޭ ބޮޑު ބޭބެ ސަލްމާން ޚާންއާއެކު 'ބީންގް ހިއުމަން'ގެ އެންމެ ފަހުގެ ކަލެކްޝަން ޕްރޮމޯޝަންގެ ތެރެއިން --
މި ނޮވެމްބަރ މަހުގެ 24 ގައި ސިނަމާތަކުގައި ފިލްމު އަޅުވަން ތައްޔާރުވެފައި އޮތްއޮރު މި ފިލްމަކީ ޙަޤީޤަތުގައި ސްޓްރީމިން ޕްލެޓްފޯމަކަށް އުފެއްދި ފިލްމެއް ކަމަށް ސަލްމާން ޚާން ވަނީ "ފަރޭ"ގެ ޓްރެއިލާ ލޯންޗުކުރި ހަފުލާގައި ބުނެފައެވެ. އެހެންނަމަވެސް ފިލްމުގެ ސްކްރިޕްޓް ކިޔާލުމަށް ފަހު ބޭނުންވީ ފިލްމު ސިނަމާތަކުގައި އަޅުވަން ކަމަށް ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ޚާން ވަނީ ބުނެފައެވެ.