02 Nov 2023, 00:07
މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހުންނެވި އަހުމަދު ނަރީޝް، ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވާދަކުރަން ނިންމެވި ނިންމެވުން އަނބުރާ ގެންދަވައިފިއެވެ.
ނަރީޝް އެ ދާއިރާއަށް ވާދަކުރައްވާކަން އިއުލާންކުރެއްވީ މިދިޔަ މަހުގެ 23ގައެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަރީޝް ވިދާޅުވީ، ކުޅުދުއްފުށީ އުތުރަށް ވާދަކުރައްވަން ނިންމެވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޚިދުމަތެއްކޮށް، އެ ދާއިރާގެ ރައްޔިތުންގެ ހައްގުގައި މަޖިލީހުގައި ވަކާލާތުކޮށް ސަރުކާރާ ގުޅިގެން ދާއިރާއަަށް ތަރައްގީ ހޯދައިދިނުމުގެ އަޒުމުގައި ކަމަށެވެ.
އެ ނިންމުން ހާމަކުރުމާއެކު ކުޅުދުއްފުށީ އުތުރަށް ނިސްބަތްވާ ގިނަ އަދަދެއްގެ މީހުން އޭނާއަށް ތާއީދުއޮތްކަން ހާމަކުރަމުން ދިޔަ ކަމަށް ނަރީޝް ވިދާޅުވިއެވެ. ނަމަވެސް ތާއިދު ހޯދުމުގެ މަސައްކަތް ފެށުމުން، ކުޅުދުއްފުށީ ރޫހު އޮތީ ވަރަށް ބޮޑަށް ވަތަނީކޮށް، ރަށު ދަރިއަކު ރަށަށް އިންތިޚާބު ކުރުމަށްކަން ފާހަގަކުރެވުނު ކަމަށް ނަރީޝް ވިދާޅުވިއެވެ.
އެހެންވެ، ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންގެ ވިސްނުމާއި ފިކުރަށް އިޙްތިރާމް ކުރުމުގެ ގޮތުން ދާއިރާއަށް ވާދަނުކުރަން ނިންމެވީ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޓީމެއްގެ ގޮތުގައި އަޅުގަނޑަށް ތާއީދު ހޯދައި ދެއްވަން މަސައްކަތްކުރައްވަމުން ގެންދެވި ހުރިހާ ބޭފުޅުންނަށް ހިތުގެ އިޙްލާސްތެރި ޝުކުރު އަދާކުރަން،" ނަރީޝް ވިދާޅުވިއެވެ.
މީގެ ކުރިން އޭނާ ވިދާޅުވި ގޮތުގައި ކުޅުދުއްފުށީ އުތުރަށް ވާދަކުރައްވަން ނިންމެވީ އެ ދާއިރާގެ ގިނަ ބައެއްގެ އެދުމުގެ މަތިންނެވެ.
ނަރީޝް ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމުން އިއްޔެވަނީ، އަންނަ ޖެނުއަރީ މަހުގެ 20ގައި މަޖިލިސް ޕްރައިމަރީ ބާއްވަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ. އެ ޕާޓީން ޕްރައިމަރީގައި ވާދަކުރާނީ ޕީއެންސީއާ އެއްކޮށް، ކޯލިޝަނެއްގެ ގޮތުގައެވެ.
ގއ. ކޮލަމާފުއްޓަށް އުފަން ނަރީޝް މި ވަގުތު ހުންނެވީ ވަގުތީ ގޮތުން މާލޭގެ މޭޔަރުކަމުގެ ޒިންމާތަކާ ހަވާލުވެގެންނެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާ އެކު، އިންތިގާލީ މަރުހަލާގެ ކަންކަމަށް ވަގުތު ހުސްކުރެއްވުމަށް އެ މަނިކުފާނު ވަނީ މޭޔަރުގެ ޒިންމާތަކުން އެއްފަރާތްވެފައެވެ. އެހެންވެ، އެ ޒިންމާތައް ވަގުތީ ގޮތުން އަދާ ކުރައްވަނީ ޑެޕިއުޓީ މޭޔަރު ނަރީޝްއެވެ.
އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނި ގޮތުގައި، އެ ކޮމިޝަނުން އަންނަނީ އަންނަ ޖެނުއަރީ 17ގެ ކުރިން މާލޭ މޭޔަރުކަމުގެ ބައި އިލެކްޝަންސް ބާއްވަން ތައްޔާރުވަމުންނެވެ.