02 Nov 2023, 00:14

ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ކޭކް ޑޯނާސްއިން ބޭއްވި ދެ ހަރަކާތަކުން ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދާ އެ ފައިސާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އާ ހަވާލުކޮށްފިއެވެ.
މި ދެ ހަރަކާތާ ގުޅިގެން ކޭކް ޑޯނާސްއިން ކުރި ޕޯސްޓެއްގައި ވަނީ، މި ދެ ހަރަކާތުން ލިބުނު ފައިސާގެ ޖުމްލަ އަދަދަކީ 596،567.50 ރުފިޔާ ކަމަށެވެ. އެމީހުންގެ ފުރަތަމަ ހަރަކާތް ކުރިއަށް ގެންދިޔައީ މިދިޔަ މަހުގެ 17ވަނަ ދުވަހު މުޅި މާލެ އާއި ހުޅުމާލޭގައެވެ. އެ ހަރަކާތުން ލިބުނު ފައިސާގެ އަދަދަކީ 3،47،271.25 ރުފިޔާކަމަށް ކޭކް ޑޯނާސްއިން ބުންޏެވެ.
ކޭކް ޑޯނާސްގެ ދެވަނަ ހަރަކާތް ކުރިއަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހު އާބަންކޯއާ ގުޅިގެން ހުޅުމާލޭގައެވެ. މި ހަރަކާތުން ހޯދިފައިވާ ފައިސާގެ އަދަދަކީ 2،46،295.25 ރުފިޔާއެވެ.
ކޭކް ޑޯނާސްއިން ބުނީ މި ދެ ހަރަކާތުގެ ކާމިޔާބީއަކީ ދިވެހީންގެ ހިތްތަކުގައި ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި އޮތް ވަރުގަދަ ލޯބި ހާމަވާ ކަމެއް ކަމަށެވެ. އަދި މިއީ ކޭކް ޑޯނާސް ޓީމުން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށާއި ދީލަތި އެހީތެރިންގެ މަދަދުތަކާ އެކުވެރިކަމުގެ ނަތީޖާ ކަމަށެވެ.
މީގެ އިތުރުން، ކޭކް ޑޯނާސްއިން ބުނީ، އެ ޓީމުން އަދިވެސް ފަލަސްތީނަށް އެހީތެރިވުމަށް ސިލްސިލާ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ގޮތްގޮތަށް ހަރަކާތްތައް ބާއްވާ، އެ ހަރަކާތްތަކުން ލިބޭ ފައިސާ އަންނަނީ ފަލަސްތީނަށް ހަދިޔާ ކުރަމުންނެވެ.
މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 8،700އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް، 22،200އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްފައެވެ.