02 Nov 2023, 08:59
ކުޑައިރު ބަސް ނާހާ އުޅޭ ނަމަ މައިތިރި ކުރުވުމަށް ތަފާތު އެކި އެއްޗެހި ކިޔައި އުޅެއެވެ. ކުރީގައި އެންމެ ގިނައިން ގެންގުޅުނު އެއް އުކުޅަކީ ބިރު ގެންނެވުމެވެ. ކޮންމެވެސް ކަހަލަ ވާހަކައެއް ދައްކައިގެން ބިރު ގަންނުވާލައިގެން ބަސް އަހަން މަޖުބޫރު ކުރުވާނެއެވެ. އެއިން އެއް ވާހަކައަކީ މަޖީދު ކިޔައި މީހެއް ގެއަށް ފޮނުވާ ވާހަކައެވެ.
މަޖީދު ގެއަށް ފޮނުވާ ވާހަކަ އާންމުކޮށް ދައްކައި އުޅޭނީ ބަސް ނާހައި އުޅެ އަދި ކިޔަވައި ހެދުމަށް ދެކޮޅު ހަދާ ނަމައެވެ. މަޖީދުގެއަކީ މާލޭގައި ވަރަށް ދުވަސްވަންދެން މަޖީދު ކިޔާ މީހަކު ހިންގި ޓިއުޝަން ކްލާހެކެވެ. އެ ގެއިން ކިޔެވި މީހުން ވަރަށް ގިނައެވެ. ނަމަވެސް ގިނަ ބަޔަކަށް އޭނާ އެނގެނީ އެއީ ހަރުކަށި މީހަކަށް ވީމައެވެ.
"ވަރަށް ކުޑައިރުން ފެށިގެން ވެސް މަންމަ ކިޔާނެ މަޖީދެއްގެ ކައިރިއަށް ފޮނުވާނީ އޭ ނުކިޔަވަންޏާ. އޭނާ ވަރަށް ސްޓްރިކްޓް ވާނެ އޭ ބުނާ އަޑު އަހަން ވަރަށް ގިނައިން،" އުމުރުން 30 އަހަރުގެ ޒުވާނަކު ކިޔައިދިނެވެ.
ވަރަށް ކުޑަ އިރުން ފެށިގެން ވެސް މިހެން ކިޔައިގެން ކުދިން ހައްދައެވެ. ނަތީޖާއެއްގެ ގޮތުން މަޖީދު ކައިރިއަށް ކިޔަވަން ފޮނުވާ ވާހަކަ ހަމަ ބުނެލާއިރަށް ބަސް އަހައިގެން ކިޔަވަން މަސައްކަތް ކުރެވެއެވެ.
ދިވެހީންގެ ތެރޭގައި މިފަދަ އެކި ކަހަލަ އާދަތަށް ކުދީން ބަސް އަހުވަން ވެގެން ގެންގުޅެފައިވެއެވެ. އެގޮތުން ބެލެނިވެރިން ބުނާ ބަސް އަޑު ނާހާ ބޮޑާ ހާކާ ނަމަ އެންމެ ފުރަތަމަ ވެސް ބެލެނިވެރިން ބުނާނީ "އިސްލާހިއްޔާ" އެއްގެ ވާހަކައެވެ. ބެލެނިވެރިން ބުނާނީ ބަސް ނާހާ އުޅޭ ނަމަ އިސްލާހިއްޔާއަށް ފޮނުވާލާނެ ކަމަށެވެ.
ބެލެނިވެރިންނާ ދުރުގައި ބީރަށްޓެހި ތަނެއްގައި ހަރުކަށި ގޮތަކަށް އުޅެން ޖެހޭނެ ކަމަށް ބުނުމުން ގިނަ ފަހަރަށް ކުދިން އަޑުއަހާ ގޮތް ވެއެވެ. އެއާއެކު މިއީ ވެސް އެއް އިރެެއްގައި ކުދިން ބަސް އަހުވަން ގެންގުޅުނު އާދައެކެވެ.
އޭގެ އިތުރުން ވެސް ދިވެހީންގެ ތެރޭގައި މިފަދަ އެކި ކަހަލަ އާދަތައް ގެންގުޅުނެވެ. މި އާދަތަކަކީ ރަށް ރަށަށާއި ސަރަހައްދުތަކަށް ތަފާތުވާ އާދަތަކެވެ. އެގޮތުން މީގެ ކުރީން ކުދީން ބަސް އެހުވުމަށް ތި ސަރަހައްދުގައި ކިޔައި އުޅުނީ ކޮން ކަހަލަ ވާހަކައެއް ހެއްޔެވެ؟