ރިޔާސީ ބަޔާން އިއްވުމާ ދެކޮޅަށް މިދިޔަ މާޗް މަހުގެ 19 ވަނަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ވީޓީވީއަށް ގެއްލުންދިން ކަމަށް ތުހުމަތު ކުރެވޭ ނުވަ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އަންނަ ހަފުތާގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ވީޓީވީއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ދެ މީހަކު ގޭބަންދަށް ބަދަލު ކުރުމުން ފީޖީ އޮފީހުން އެ މައްސަލަ އިސްތިއުނާފު ކުރި މައްސަލައިގައި ހައިކޯޓުގައި މިއަދު ހަވީރު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޕޮލިސް ސާޖަންޓް މޫސާ ލަތީފް ވިދާޅުވީ ފުލުހުންނަށް ލިބިފައިވާ ވީޑިއޯ ތަކަށް ބަލާއިރު ވީޓީވީ އަށް ގާއުކާ 53 މީހެއްގެ ވީޑިއޯ އެބަހުރި ކަމަށެވެ. ނަމަވެސް އޭގެތެރެއިން މިހާތަނަށް ދެނެގަނެވިފައި ވަނީ ނުވަ މީހަކު ކަމަށާއި އަންނަ ހަފުތާގެތެރޭގައި އެ ނުވަ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށެވެ.

"ވީޓީވީ އަށް ގާއުކި މަންޒަރު ދައްކުވައިދޭ 53 މީހެއްގެ ވީޑިއޯ އެބަހުރި. އޭގެތެރެއިން އައިޑެންޓިފައި ކުރެވިފައި ވަނީ ނުވަ މީހުން. ފެށޭ ހަފްތާގައި އެމީހުންގެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނަން،" މޫސާ ލަތީފް ވިދާޅުވި އެވެ.

ވީޓީވީއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުގެ ތެރެއިން ކްރިމިނަލް ކޯޓުން ގޭބަންދަށް ބަދަލުކުރި ގ. ހާލަމް، އަހުމަދު މުހީނު އާއި ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއިލް ހައްމާދު ކޯޓަށް ހާޒިރުކޮށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ވިދާޅުވީ އެ މީހުން ގޭބަންދަށް ބަދަލުކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ކުށެއްގެ ތުހުމަތުގައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމުގެ ގަވާއިދުގައިވާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ދައުލަތުން އެ ދެ މީހުންގެ މައްޗަށް ކުރާ ތުހުމަތަކީ ޓެރަރިޒަމްގެ އަމަލެއް ހިންގުމާއި، މީހުންގެ މުދަލަށް ގެއްލުންދިން ކަމުގެ ތުހުމަތު ކަމަށްވާއިރު އެ ދެ މީހުން ގޭބަންދަށް ބަދަލުކުރުމުން ކޮންމެވެސް ސިފައެއްގައި އެފަދަ ކަމެއް ތަކުރާރު ކޮށްފާނެކަމަށް ބެލެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ އެމީހުން ގޭބަންދަށް ބަދަލުކޮށްފިނަމަ މުވާސަލާތީ ޚިދުމަތް ބޭނުންކޮށްގެން އެމީހުންގެ މައްޗަށް ހެކިބަސް ދޭންތިބި މީހުންގެ މައްޗަށް ނުފޫޒުވެސް ފޯރުވަފާނެ ކަމަށް ފެންނާތީ ގޭބަންދަށް ބަދަލުކުރި ކޯޓު އަމުރު ބާތިލް ކުރުމަށްފަހު ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި އެ ދެ މީހުން ބަންދުކޮށްފައި ބެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް އެދޭކަމަށެވެ.

އެ ދެ މީހުންގެ ވަކީލުން ވިދާޅުވީ ދައުލަތުން ދައްކާފައިވާ ވާހަކަތަކަށް ޖާވާބުދާރީ ވުމަށް ފުރުސަތު ބޭނުންވާކަމަށެވެ.

ހައިކޯޓުގެ ފަނޑިޔާރު މިއަދުގެ ޝަރިއަތުގެ މަޖިލީސް ނިންމަވާލެއްވީ އެ މައްސަލައަށް ޖަވާބު ތައްޔާރު ކުރުމަށް ވަކީލުންނަށް ފުރުސަތު ދިނުމަށް ފަހު އެވެ.