މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގެ އިތުރަށް ޚަރަދު ކުރުމަށް ޓަކައި، ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ޖެހުނީ އާސަންދައިގެ ޚަދަރު ބޮޑުވުމާއި މަޝްރޫއުތައް އަވަސްވުމުންނާއި ފިއުލް ސަބްސިޑީ ބޮޑުވުމުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހްމަދު ޝަރުވަން އާދަމް ވިދާޅުވީ، މިއަހަރަށް ފާސް ކުރީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. އަދި ބަޖެޓް ހުށަހެޅީ ވަރަށް ގިނަ އިސްލާހުތަކެއް ގެންނަން ނިންމާފައި ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އޭގެ ތެރޭގައި އާސަންދަ އާއި ތެލުގެ ޚަރަދާއި އެސްއޯއީތަކާ ގުޅުންހުރި އިސްލާހުތައް ހިމެނުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ތެރެއިން އިސްލާހު ކުރެވުނީ އާމުދަނީގެ ބައިކަމަށާއި ޚަރަދުގެ ބައި ރީފޯމް ނުކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވުމުގެ ސަބަބުން ބަޖެޓަށް އަންނަން ޖެހޭ ލުއިތައް ނައިސް، އެކަމުގެ ބުރަ ދައުލަތުން އުފުލަން ޖެހުނީކަމަށް ޝަރުވަން ވިދާޅުވިއެވެ.

"ތަރައްގީގެ މަޝްރޫއުތަކަށް އަޅުގަނޑުމެން ބަޖެޓުކުރީ 8.5 ބިލިއަން ރުފިޔާ މިއަހަރު ބަޖެޓުން. އެއީ ގާތްގަނޑަކަށް އެހެން އަހަރުތަކާ އަޅާ ބަލާއިރު ބޮޑު އަދަދެއް. އެކަމަކު މިއަހަރުގެ ތެރޭގައި މަޝްރޫއުތަކުގެ ސްޕީޑު ވަރަށް ބޮޑަށް ބޮޑުވެއްޖެ،" އޭނާ ވިދާޅުވިއެވެ.

މަޝްރޫއުތައް އަވަސްވުމުގެ ސަބަބަކީ ކޮވިޑުގެ ސަބަބުން ބަންދުވެފައިވާ އިގްތިޞާދުތައް ހުޅުވުމުން ތަކެތި ލިބުން އަވަސްވުން ކަމަށާއި މިއަހަރާއި މިދިޔަ އަހަރު މަޝްރޫއުތައް ވަރަށް އަވަސްވެފައި ވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އަންދާޒާ ކުރި މިންވަރަށް ވުރެ ބާރަށް ޕްރޮޖެޓުތައް ކުރިއަށް ދިއުމުން އެ ޕްރޮޖެކްޓްތަކަށް ބޭނުންވާ ބަޖެޓު ވެސް މިހާރު ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އާސަންދައިގެ ޚަރަދުތައް ވެސް ލަފާކުރި ގޮތަށް ނުދިޔަކަން ފާހަގަކޮށް ޝަރުވަން ވިދާޅުވީ، އާސަންދަ ވެސް ބަޖެޓުކުރީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރުމުގެ ނިޔަތުގައި ކަމަށެވެ.

"އެކަމަކު އާސަންދަ އަޅުގަނޑުމެން ބަޖެޓުކުރި މިންވަރަށް ވުރެ ބޮޑުކޮށް މި ހިނގަނީ. އަދި އެއާއެކު ކުރީގެ ބިލްތަކަށް އިދާރީ ގޮތުން ގެންނަ ބަދަލުތަކާ އެކީގަ އެބަ ފާސްޓްވޭ ޕްރޮސެސިން ވެސް. އެހެންވީމަ ކުރީގެ ބިލްތައް ވެސް އެބަ އިތުރު ވޭ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ފިއުލް ސަބްސިޑީއަށް ވަރަށް ބޮޑު ބަދަލެއް ގެނައުމަށް ރާވައި، ބަޖެޓް ކުރީ 586 މިލިއަން ރުފިޔާ ކަމަށް ޝަރުވަން ވިދާޅުވިއެވެ. ނަމަވެސް އެ ބަދަލުތަށް ނުގެނެވުމުގެ ސަބަބުން 1.5 ބިލިއަން ރުފިޔާ ފިއުލް ސަބްސިޑީއަށް ދާނެކަމަށް މިހާރު ލަފާކުރެވޭ ކަމަށް އޭނަ ވިދާޅުވިއެވެ. އަދި ބަޖެޓު ކުރި މިންވަރާ ޚަރަދުވާނެކަމަށް މިހާރު ލަފާކުރެވޭ އަދަދުގައި އެހާ ބޮޑު ފަރަގެއް ހުރުމަކީ ދެން ހުރި ޚަރަދުތައް ބަދަލުކޮށްގެން ކުރެވޭނެ ޚަރަދެއް ނޫންކަމަށް އޭނަ ވިދާޅުވިއެވެ.

އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި ވަނީ އިންޑައިރެކްޓް ސަބްސިޑީ އުވާލައި، ކޮންމެހެން ބޭނުންޖެހިފައިވާ މީހުންނަށް ސަބްސިޑީ ދިނުމަށް ނުވަތަ ޑައިރެކްޓް ސަބްސިޑީއަކަށް ބަދަލުކުރުމަށް ހިމަނައިފައެވެ. އެގޮތުން މިހާރު ސަރުކާރުން ދެމުންދާ އިންޑައިރެކްޓް ސަބްސިޑީތަކުގެ ތެރެއިން ކަރަންޓު ސަބްސިޑީ، ފިއުލް ސަބްސިޑީ، ކާޑުގެ ސަބްސިޑީ އަދި ނަރުދަމާގެ ސަބްސިޑީ ނިޒާމު ބަދަލުކުރުމަށް ވަނީ ނިންމައިފައެވެ. އަދި، މި ނިޒާމު ބަދަލުކޮށް ޑައިރެކްޓް ޓްރާންސްފާ ނިޒާމަކަށް ނުވަތަ ކޮންމެހެން ބޭނުން ޖެހޭ މީހުންނަށް ސަބްސިޑީ ދިނުމަށް ވަނީ ނިންމައިފައެވެ.

އެހާ ހިސާބުން ސަބްސިޑީގެ ގޮތުގައި ސަރުކާރު ކުންފުނިތަކަށް ފައިސާ ދޫކުރުން ނިމުމަކަށް އަންނާނެއެވެ.

ކޮންމެ އަހަރަކު ވެސް އާސަންދައަށް ކަނޑައަޅާ ބަޖެޓު ހުސްވެ ގިނަ ޚަރަދުތަކެއް ބަޖެޓުގެ ބޭރުން އާސަންދައަށް ކުރަން ޖެހެއެވެ.