މަސައްކަތުގެ މާހައުލަކީ މީހާއަށް އޭގެ ސަބަބުން ނަފުސާނީ ގޮތުން ވެސް އަދި ޖިސްމާނީ ގޮތުން ވެސް ބޮޑެތި އަސަރު ކުރާ ތަނެކެވެ. އެއާއެކު ބިޒީ ދުވަހެއްގެ މަސައްކަތަށް ފަހު ގެއަށް ދެވޭ ގޮތަށް ކަމެއް ކުރެވޭ ގޮތް ގިނަ ފަހަރަކަށް ނުވެއެވެ. ގެއަށް ދެވޭ ގޮތަށް ގިނަ ފަހަރަށް ނިދެނީއެވެ. މިއީ ކީއްވެ ހެއްޔެވެ؟ އަދި މިކަމަށް އޮތީ ކޮން ހައްލެއް ހެއްޔެވެ؟

މަސައްކަތުގެ މާހައުލުގެ ގޮތުން ގިނަ ފަހަރަށް ގެއަށް ދެވޭއިރު އެހެން އެއްވެސް ކަމެއް ކުރާ ހިތްވަރެއް ނުވަތަ މޫޑެއް ވެސް ނުހުރެއެވެ. ނަތީޖާއަކަށް ވެގެން ދަނީ ދުވަހުގެ ބާކީ ބައި އެއްކޮށް ހެން ގެއްލިގެން ދިޔުމެވެ.

"އޮފީސް ނިންމާފައި ގެއަށް ދާއިރު ނުހުރެ އެއްވެސް ކަމެއް. ދެން ނިދެނީ ގެއަށް ދާ ގޮތަށް. ގިނަ ފަހަރަށް ހަމަ ހިތްވަރު ނުހުންނަނީ،" އުމުރުން 28 އަހަރުގެ ޒުވާނަކު ކިޔައިދިނެވެ.

މިގޮތަށް ނިދުމުގެ ސަބަބުން ދެން މުޅި ދުވަހުގެ ޝެޑިއުލް އެއްކޮށް ހެން ބަދަލުވެއެވެ. އޮފީހުން ގެއަށް ގޮސް ނިދައިގެން ހޭލެވޭއިރު ހުންނަނީ ރޭގަނޑު ވަރަށް ލަސްވެފައެވެ. އެއާއެކު ދެން ދަންވަރު ނުނިދި އެތައް އިރަކު އުޅެން ޖެހެއެވެ. ނަތީޖާއެއްގެ ގޮތުން ދެން ޖެހިގެން އަންނަ ދުވަހު އޮފީހަށް ދާއިރު އަނެއްކާ ވެސް ހުންނާނީ ވަރުބަލި ވެފައެވެ.

މަސައްކަތުގެ މާހައުލުގައި އެންމެ އެކަށީގެންވާ މޯޓިވޭޝަން ނުލިބުމާއި މަސައްކަތް ގިނަ ވުމަކީ ވަރަށް ގިނަ ފަހަރަށް މީހާ ވަރުބަލި ކޮށްލާ ކަމެކެވެ. މިފަދަ ހާލަތެއްގައި ދެން މީހާ ގެއަށް ގޮސް އިތުރު ކަމެއް ކުރުމަށް ފުރުސަތު ހޯދާނީ ކިހިނެއް ހެއްޔެވެ؟

ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި ގެއަށް ގޮސް ނިދުން ހުއްޓުމަށްޓަކައި ކުރެވިދާނެ އެއް ކަމަކީ ތަފާތު ހޮބީތައް ހޯދުމެވެ. ތަފާތު އާ ކަންތައްތައް ކުރުމަށް ދަސްކުރަން ފެށުމަކީ ވަރަށް ރަނގަޅު އާދައެކެވެ. އެއްވެސް ކަމަކަށް ކޮންމެހެން މޮޅުވާކަށް ނުޖެހެއެވެ. އަބަދު ވެސް އާ ކަމެއް ދަސްކޮށްލުމަކީ މީހާ ސިކުނޑި ތަނަވަސްވެ މީހާގެ މޯޓިވޭޝަން ރަނގަޅުވާނެ ކަމެކެވެ.

އޮފީހުގައި ކަންތައްތަކަށް ވަގުތަށް ފަރުވާތެރިވާގޮތަށް ގޭގައި ވެސް ކަންތައް ކުރާނެ ކޮންމެ ވެސް ކަހަލަ ޝެޑިއުލެއް ހަދާލަން ރަނގަޅުވާނެއެވެ. އެގޮތުން އަމިއްލަ ކަންތައްތައް ކުރުމަށް ވަގުތު ކަނޑައަޅައި ކަސްރަތު ކުރުމަށް ވެސް ވަގުތު ކަނޑައަޅާށެވެ. ނިދުމާ ގާތް ކޮށްލާފައި ކަސްރަތު ރާވާލާފައި ބަހައްޓާނަމަ އެއީ ފައިދާ ވާނެ ކަމެކެވެ.

ކަސްރަތަށް ފަހު މީހާ ތާޒާ ވެލައި ރެޑީ ވެލައިގެން އެކަމުގެ ވަރުބަލި ކަމުގައި ނިދާލައި ހޭލާ އިރު މީހާ ހުންނާނީ ޖެހިގެން އަންނަ ދުވަހަށް ރެޑީ ވެފައެވެ. މިފަދަ އާދައެއް ގެންގުޅުމަކީ އަވަހަށް ނިދައި، އަވަހަށް ހޭލުމަށް ވެސް ބާރުއަޅާނެ އާދައެވެ. އެއާއެކު އޮފީހުން ގެއަށް ދާގޮތަށް މުޅި ދުވަހު ނިދުމުގައި ހޭދަ ކުރާކަށް ނުޖެހޭނެއެވެ.