01 Nov 2023, 22:52
އިސްރާއިލުން ފަލަސްތީނަށް ނުހައްގުން ދެމުންދާ ހަމަލާތައް ނުހުއްޓުވާ ގައުމުތަކުގެ ނަޒާހަތްތެރިކަމާމެދު ދިވެހި ސަރުކާރުން މިއަދު ސުވާލު އުފައްދައިފިއެވެ.
އދ.ގެ އާންމު މަޖިލީހުގައި މިއަދު ބޭއްވި ކުއްލި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރާއްޖެއިން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދުބޫ، ތިލްމީޒާ ހުސެއިން ވިދާޅުވީ އިސްރާއީލުން ހިންގާ ލާއިންސާނީ އަމަލުތަކަކީ އިންސާނިއްޔަތާ މުޅިން ޚިލާފު އަމަލުތައް ކަމަށެވެ. އަދި، އެ އަމަލުތަކުގެ ސަބަބުން ގެއްލެމުންދާ ފުރާނަތަކަކީ ހަމައެކަނި ހަނގުރާމައެއްގެ ސަބަބުން ލިބެމުންދާ ގެއްލުމެއްކަމުގައި ދެކި، އެކަން ހުއްޓުމަކަށް ގެނައުމަށް ނުކުޅެދޭ ކޮންމެ މުޖުތަމައެއްގެ ނަޒާހާތްތެރިކަމުގެ އިތުރުން ތެދުވެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު ފަލަސްތީނަށް ލިބެމުންދާ އަނިޔާތަކަކީ އިސްރާއީލުން މީގެ އެތައް އަހަރެއް ކުރިން ފެށިގެން ކުރިމަތިކުރަމުންދާ ލޭއޮހޮރުވުންތަކެއްކަން ތިލްމީޒާ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު ސިއްހީ ފަރުވާދޭ ތަންތަނާއި އަޅުކަން ކުރާ ތަންތަނުގެ އިތުރުން ހާލުގައި ޖެހިފައިވާ މިހުންނަށް އެހީ ފޯރުކޮށްދޭ ފަރާތްތަކަށް އަމާޒުކޮށް އިސްރާއީލުން ދެމުންދާ ހަމަލާތައް ރާއްޖޭއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ފަލަސްތީނަށް ފޯރުކޮށްދެމުންދާ އެހީ މެދުނުކެނޑި ފޯރުކޮށްދިނުމަށާއި އިސްރާއިލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް މިހާރުން މިހާރަށް ހުއްޓުވުމަށް ރާއްޖެއިން ގޮވާލާ ކަމަށް ތިލްމީޒާ ވިދާޅުވިއެވެ. އަދި ޣައްޒާގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާއާ ދެކޮޅަށް އދ.ގެ ސަލާމަތީ މަޖިލީހުން ފިޔަވަޅު އެޅުމަށްވެސް ވަނީ ގޮވާލާފައެވެ.
މީގެ ކުރިން ރާއްޖެއިން ވަނީ، އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި އދ.ގެ އާންމު މަޖިލީހަށް ހުށަހެޅި ގަރާރެއް ކޯ-ސްޕޮންސާ ކޮށްފައެވެ. އދ.ގައި ހިމެނޭ 193 ގައުމުގެ ތެރެއިން 120 ގައުމަކުގެ ތާއިދާއެކު އެ ގަރާރު ވަނީ ފާސްކޮށްފައެވެ.
ނަމަވެސް އިސްރާއީލުން މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ޣައްޒާއަށް ދޭން ފެށި ހަމަލާތައް އަދިވެސް ދަނީ ވަރުގަދަކުރަމުންނެވެ.
އެ ހަމަލާތައް ދޭން ފެށި ފަހުން ޣައްޒާއިން މިހާތަނަށް 8،700 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް، 22،200 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްފައެވެ.