01 Nov 2023, 21:34
އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް، ޕީއެންސީން ވާދަކުރާނެ މެންބަރުން ހޮވުމަށް އަންނަ ޖެނުއަރީ މަހުގެ 20ގައި ޕްރައިމަރީ ބާއްވަން ނިންމައިފިއެވެ.
އެ ޕާޓިން ނެރުނު ބަޔާނެއްގައި ބުނީ އެ އިންތިޚާބުގައި ވާދަ ކުރުމަށް ކެންޑިޑޭޓުން ނެރޭނީ ދެ ޕާޓީ އެކުގައި ކޯލިޝަންގެ ތެރެއިން ކަމަށެވެ.
ޕީޕީއެމާއި ޕީއެންސީގެ ޕްރައިމަރީއަށް ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލެވޭނެ ކަމަށް އެ ބަޔާނުގައިވެއެވެ.
ޕީއެންސީގެ ރައީސް ކަމަށް ދާދި ފަހުން އައްޔަންކޮށްފައިވާ އިންޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަނިކުފާނުގެ އެންމެ ބޮޑު އަމާޒަކީ އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި ވީހާ ވެސް ގިނަ މެންބަރުން ހޮވައި މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދުން ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އެގޮތުން 93 މެންބަރުންގެ ތެރެއިން 60 މެންބަރުން ބޭނުންވާ ކަމަށް މުއިއްޒު ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު، ޕީޕީއެމާއި ޕީއެންސީން މަޖިލީހަށް ވާދަކުރާ އަންހެނުންގެ އަދަދު އިތުރު ކުރުމަށް ޓަކައި އެ ދެ ޕާޓީން މަޖިލީހަށް ހޮވޭ އަންހެން މެންބަރުންނަށް ޚާއްޞަ އިނާޔަތެއް ދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޑރ. މުއިއްޒު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ޕީއެންސީއަށް 10،000 މެންބަރުން ހަމަަކުރަން ވެސް އެމަނިކުފާނު ވަނީ މަސައްކަތް ފައްޓަވާފައެވެ.
މިހާރު މަޖިލީހުގައި ޕީޕީއެމާއި ޕީއެންސީގެ އަށް މެންބަރުން ތިއްބަވައެވެ.
ދެހާސް ނަވާރަ ވަނަ އަހަރުގެ މަޖިލިސް އިންތިޚާބު ބޭއްވީ އޭޕްރިލް ހަޔެއްގައެވެ. މީގެ ކުރިން އީސީން ވަނީ އަންނަ އަހަރު ވެސް މަޖިލިސް އިންތިޚާބު އޭޕްރިލް މަހު ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެފައެވެ.