01 Nov 2023, 20:37
މިދުވަސްވަރު ދައުލަތުގެ ބައެއް އިދާރާތަކުންނާއި، ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރިއަށް ގެންދާ ބައެއް މަސައްކަތްތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ހުއްޓުވަނީ، އެ ކުންފުންޏަށް ހުށަހެޅޭ ތުހުމަތުތަކަށް ބަލާއިރު، އެ މައްސަލަތައް ނުހުއްޓުވައިފި ނަމަ އެކަމުގެ ސަބަބުން ދައުލަތަށާއި ރައްޔިތުންނަށް އިޔާދަ ނުކުރެވޭ ފަދަ ގެއްލުމެއް ލިބިދާނެތީ ކަމަށް އޭސީސީން ބުނެފިއެވެ.
މިއަދު އޭސީސީން ނެރުނު ބަޔާނެއްގައި ވަނީ، ބައެއް ކުންފުނިތަކުގެ މައްސަލަތައް ހުއްޓުވަނީ އެކަންކަމާ ގުޅިގެން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭ ތަހުގީގުތައް ކުރިއަށް ގެންދާތީ ކަމަށެވެ.
މި އެންގުންތަކަކީ ވަގުތީ އެންގުންތަކެއް ކަމަށާއި ކޮމިޝަނުން ބެލުމަށް ފަހު އެ އެންގުންތަކަށް ބަދަލު ގެންނަން ޖެހޭނަމަ، އެންގުން ރައްދުވާ ފަރާތަށް އެކަން އަންގާނެކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން، ވަކިކަމެއް ވަގުތީ ގޮތުން މަޑުޖައްސާލަން އެންގި ނަމަވެސް އެފަދަ އިދަރާތަކުން ދޭ އަސާސީ ޚިދުމަތްތައް އޭސީސީން އަންގާފައި ނުވާކަމަށް އޭސީސީން ބުނެފައި ވެއެވެ. އަދި މަޑުޖައްސާލުމަށް އަންގާ މައްސަލަތަކުގެ ތަހުގީގު އަވަހަށް ނިންމުމަށް ވެސް އިސްކަމެއް ދޭކަމަށް އޭސީސީން ވަނީ ބުނެފައެވެ.
އޭސީސީން މަޑުޖައްސާލަން އަންގާފައިވާ ބައެއް މަސައްކަތްކަތުގެ ތެރޭގައި ފެނަކަ ކޯޕަރޭޝަނުން ޚިދުމަތްދޭ ބައެއް ރަށްރަށުގައި ހުރި ތެޔޮ ރައްކާކުރާ ތާންގިތަކެއް ބަދަލުކުރުމުގެ މަސައްކަތާއި، ފުލުހުންގެ ބޯހިޔާވަހިކަމަށް އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ކޮމާޝަލް ބޭނުމަށް ދޫކުރާ ޔުނިޓުތައް ކުއްޔަށް ދޫކުރުން ހިމެނެއެވެ. އަދި ހުޅުމާލޭ ފަރުކޮޅުފުށިން ބިން ކުއްޔަށް ދިނުން ހުއްޓާލަން ވެސް އޭސީސީން ވަނީ މިދިޔަ މަހުގެ ތެރޭގައި އަންގާފައެވެ.